މާވެލް ސްޓޫޑިއޯސްގެ އެންމެ ބޮޑު ސުޕަހީރޯ ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ފަހު ޓްރެއިލާ އާންމުކޮށް، ފުރަތަމަ ފަހަރަށް އެވެންޖާސް އާއި އެކްސް-މެން އަދި ފެންޓާސްޓިކް ފޯ އެއްބައިވެ، ނުރައްކާތެރި ވިލަން ޑޮކްޓާ ޑޫމްއާ ދެކޮޅަށް ނުކުންނަ ވަރުގަދަ މަންޒަރުތައް އިއްޔެ ދައްކާލައިފި އެވެ.
އެ ޓްރެއިލާ ފެށިގެން އަންނަނީ "އެވެންޖާސް: އެންޑްގޭމް"އަށް ފަހު ސްޓީވް ރޮޖާސް (ކްރިސް އެވަންސް) އާއި ޕެގީ ކާޓާ ހޭދަކުރަމުން އަންނަ އާއިލީ ދިރިއުޅުމުގެ މަންޒަރަކުންނެވެ. ސްޓީވްގެ ދަރިފުޅު އޭނާއަކީ ކުރިން ސުޕަހީރޯއެއްތޯ ސުވާލުކުރުމުން، "އަހަރެމެންގެ ހަ މީހަކު ތިބި، އެއީ އެވެންޖާސް" ކަމަށް ސްޓީވް ބުންޏެވެ.
ނަމަވެސް، ފެންޓާސްޓިކް ފޯގެ ޓީމުން ސްޓީވްއާ ބައްދަލުކޮށް، މުޅި މަލްޓިވާސްއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލުން ސަލާމަތްވުމަށް އަލުން ހަނގުރާމައަށް ނުކުތުމަށް އެދެ އެވެ.
ކުރިން އަޔަން މޭންގެ ރޯލު ކުޅުނު ރޮބަޓް ޑައުނީ ޖޫނިއާ، މި ފިލްމުގައި ވިކްޓާ ވޮން ޑޫމް ނުވަތަ ޑޮކްޓާ ޑޫމްގެ ނުރައްކާތެރި ރޯލުން ފެންނާނެއިރު، ޓްރެއިލާގައި އޭނާ ހުރިހާ ސުޕަހީރޯއިންނަށް އިންޒާރުދީ ބުނަނީ "ކަލޭމެން އެންމެން ތި އުޅެނީ ވަގަށް ނަގާފައިވާ ދިރިއުޅުމެއްގައި، މިހާރު އެ ދިރިއުޅުން އަނބުރާ ދޭން ޖެހިއްޖެ" ކަމަށެވެ.
މީގެ އިތުރުން ތޯ (ކްރިސް ހެމްސްވޯތު) އާއި ޑޮކްޓާ ޑޫމްއާ ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުމެއްގެ އިތުރުން، އެކި ޔުނިވާސްތަކުން އައިސްފައިވާ ސުޕަހީރޯއިންގެ މެދުގައިވާ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ގުޅިގެން މަސައްކަތްކުރުމަށް ތޯ ގޮވާލާ މަންޒަރު ވެސް ފެނެ އެވެ.
ޓްރެއިލާގެ އެންމެ ފޯރިގަދަ މަންޒަރަކަށްވީ ކްލާސިކް އެކްސް-މެން ޓީމު މި ހަނގުރާމައާ ގުޅޭ މަންޒަރެވެ. ސައިކްލޮޕްސް (ޖޭމްސް މާސްޑެން) އޭނާގެ ޓީމަށް ގޮވާލުމާ އެކު ޕްރޮފެސާ އެކްސް (ޕެޓްރިކް ސްޓެވާޓް)، މެގްނީޓޯ (އިއާން މެކެލެން)، ނައިޓްކްރޯލާ، ގޭމްބިޓް، މިސްޓީކް އަދި ބީސްޓް ކަހަލަ މަޝްހޫރު ކެރެކްޓާތައް އެވެންޖާސް އާއި ފެންޓާސްޓިކް ފޯއާ އެކު އެއް ސަފެއްގައި ތިބޭ މަންޒަރު ދައްކާލަ އެވެ.
ރޫސޯ ބްރަދާސް ޑައިރެކްޓްކުރާ މި ބޮޑު ފިލްމުގައި އެންތަނީ މެކީ، ސެބަސްޓިއަން ސްޓޭން، ޕޯލް ރަޑް، ޓޮމް ހިޑްލްސްޓަން، ޕެޑްރޯ ޕަސްކަލް، ވެނެސާ ކާބީ، ފްލޮރެންސް ޕިއު އަދި ލެޓީޝިއާ ރައިޓް ކަހަލަ މާވެލްގެ ގިނަ ތަރިންތަކެއް ބައިވެރިވެ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 18 ގަ އެވެ.