11 އޯގަސްޓް 2025 - 07:41
ސްޕައިޑަމޭންގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިންގެ ފުރަތަމަ ދުވަހުގެ ކެމެރާގެ ފުރަގަހުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އިއްޔެ އާންމުކޮށްފި އެވެ.
އެ ފިލްމުގެ ފުރަތަމަ މަންޒަރުތައް ނަގާފައިވާ ވަނީ ސްކޮޓްލޭންޑުގެ ގްލަސްގޯވްގެ މަގުމަތީގަ އެވެ.
ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓުން އާންމުކުރި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ސްޕައިޑަމޭންގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑް ވަނީ އެ މަންޒަރުތައް ނަގަމުން ދިޔައިރު އެ ސަރަހައްދަށް އޭރު އެއްވެ ތިބި ބައެއް ފޭނުންނާ ވެސް ބައްދަލުކޮށްފަ އެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ ނަން ދީފައިވާ އެ ފިލްމުގެ ފަސްޓް ލުކް ވީޑިއޯ އާންމުކުރީ މިދިޔަ ހަފުތާގަ އެވެ. އެ ފިލްމުގައި އޭނާ ލާނެ ސްޕައިޑަމޭންގެ އާ ސޫޓް ވެސް އެ ވީޑިއޯގައި ދައްކާލި އެވެ.
އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު ޖުލައި މަހުގެ 31 ގަ އެވެ.
މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ""ސްޕައިޑަމޭން"ގެ ތިންވަނަ ފިލްމު ނުކުތީ މީގެ ތިން އަހަރު ކުރިން 2021 ވަނަ އަހަރު އެވެ. ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ބޮކްސް އޮފީހުގައި 1.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ސްޕައިޑަމޭން"ގެ ފުރަތަމަ ތިން ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ފުރަތަމަ ފިލްމަށް 390 މިލިއަން ޑޮލަރު އަދި ދެވަނަ ފިލްމަށް 373 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.
"ސްޕައިޑަމޭން"ގެ ފިލްމުތަކުގައި އޭނާއާއެކު މުހިންމު ރޯލުތައް ކުޅުނީ އެމެރިކާގެ އެކްޓްރެސް ޒެންޑަޔާ އާއި އެމެރިކާގެ އެކްޓަރު ޖެކޮބް ބެޓަލޮން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދު ބަގު
11 August 2025
އެބަ ރަންގަޅުވޭ، އުދުހޭ އިރު ވާ ޖަހާފަ އިނީމާ މީ ހަގީގަތް ކަން ގަބޫލް ކުރަން ފަސޭހަވޭ. އުންމީދު ކުރަން ފިލްމް އަޅުވާ އިރުވެސް ސްޕައިޑަމޭން އުދުހޭއިރު ކުރޭން އަދި ސުޕައިޑަރމޭން ގައިގަ ހަރުކޮށްފަ އިންނަ ވާގަންޑު ފެންނާނެ ކަމަށް.