ޓައިގާ: އޭނާ އަށް ހޮލީވުޑްގެ ފިލްމެއް ހުށަހަޅާފައިވާ ކަމަށްވޭ.
21 ސެޕްޓެމްބަރ 2018 - 06:14
ޓައިގާ ޝްރޮފް ވަރުގަދަ އެކްޝަން ކެރެކްޓާއެއް ކުޅުނު، މި އަހަރުގެ ކާމިޔާބު ފިލްމް "ބާގީ 2" އަށް ފަހު، އޭނާގެ ޑިމާންޑް މިހާރު ވަނީ ބޮލީވުޑް ހުރަސްކޮށް، ހޮލީވުޑާ ހިސާބުގަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވަރަށް ގިނަ ނޫސްތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި "މޯޓެލް ކޮމްބެޓް" ސީރީޒްގެ ފިލްމުތައް ގެނެސް ދިން ލޯރެންސް ކެސެނޯފްގެ ފިލްމެއް ވަނީ ޒުވާން އެކްޓަރަށް ހުށަހަޅައިފަ އެވެ.
އެ ފިލްމާ ބެހޭ ގޮތުން ދެ މީހުން މަޝްވަރާ ކުރަމުން އަންނަ އިރު، ޓައިގާއާ ބައްދަލުކުރަން ލޯރެންސާއި އޭނާގެ ޓީމް އިހަށް ދުވަހު މުމްބާއީ އަށް ދަތުރެއް ވެސްކޮށްފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.
ޓައިގާ އަށް ހޮލީވުޑުން ހުށަހެޅުމެއް އައި އިރު، މި ޕްރޮޖެކްޓްގެ ފަހަތުގައި ބޮލީވުޑްގެ މަޝްހޫރު ވިލަން ގުލްޝަން ގްރޯވާގެ ފިރިހެން ދަރިފުޅު ސަންޖޭ ގްރޯވާގެ އަތެއް ވެސް ވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އިންޑިިއާ އަށް ލޯރެންސްގެ ޓީމުން ކުރި ދަތުރުގައި ސަންޖޭގެ އިތުރުން އެމީ އެވޯޑް ހާސިލުކޮށްފައިވާ "ބެޓްމޭން" ސީރީޒްގެ ލިޔުންތެރިޔާ ޝޯން ކެތެރިން ޑެރެކް ވެސް ހިމެނޭ ކަމަށްވެ އެވެ.
ނަމަވެސް ޓައިގާ އަށް ހުށަހެޅި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަދި މި ފިލްމާ ބެހޭ ގޮތުން ޓައިގާ ވެސް އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.
ލޯރެންސް: ޓައިގާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށްވޭ.
މޮޅު އެކްޝަން ހީރޯއެއްގެ ގޮތުގައި މިހާރު ލޭބަލްވެފައިވާ ޓައިގާ، 28، އަކީ ސިލްވެސްޓާ ސްޓެލޯންގެ އެކްޝަން ފިލްމް "ރާމްބޯ" ގެ ހިންދީ ރިމެކިން ވެސް ކުޅެން ހަމަޖެހިފައިވާ އެކްޓަރެވެ.
އެ ފިލްމް ޑައިރެކްޓް ކުރާ ސިދާތު އާނަންދު މިހާރު ހަދަމުން އަންނަ އަދި ވަކި ނަމެއް އިއުލާން ނުކުރާ ޔާޝްރާޖް ފިލްމްސްގެ ފިލްމަކީ ވެސް ޓައިގާ އާއި ރިތިކް ރޯޝަންގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ދާނެ ފިލްމެކެވެ.
ޓައިގާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މެއި، 10، 2019 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy