މީގެ 61 އަހަރު ކުރިން ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި ގެނެސްދީފައިވާ "ވެސްޓް ސައިޑް ސްޓޯރީޒް" އަށް ބިނާކޮށް ސްޓީވެން ސްޕީލްބާގް ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލަކަށް ޒުވާން އެކްޓަރު އެންޒެލް އެލްގޯޓް ހަމަޖައްސައިފި އެވެ.

އޭނާ ފިލްމުގެ ލީޑް ރޯލަށް ނަގާފައި ވަނީ، ފިލްމުގެ ބަތަލުގެ ރޯލުން ފެނުންގާތީ ކްރިސް އިވެންސް ކަމަށް ކުރިން އަޑުތައް އަރާފައި ވަނިކޮށެވެ.

ނަމަވެސް ޝޭކްސްޕިއާގެ "ރޯމިއޯ އެންޑް ޖޫލިއެޓް" ގެ ކޮންސެޕްޓަށް ގެނެސްދޭ ފިލްމުގައި އެނެޒްލްއާ އެކު ބަތަލާގެ ރޯލް ކުޅޭނެ ތަރިއަކު އަދި އިއުލާނެއް ނުކުރެ އެވެ. އެންޒެލްއަކީ 2014 ގެ މަޝްހޫރު ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" އިން ވިދައިލި އެކްޓަރެކެވެ.

އުމުރުން މިހާރު 24 އަހަރުގެ އެންޒެލްގެ އެންމެ ފަހުގެ ފިލްމަކީ ޖުލައި މަހު ރިލީޒް ކުރި "ބިލިއަނާ ބޯއިސް ކުލަބް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރާ "ދަ ގޯލްޑްފިންޗް" އެވެ.

ސްޕީލްބާގްގެ ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި ބޮޑު ސްކްރީނަށް "ވެސްޓް ސައިޑް ސްޓޯރީޒް" ގެނެސްދޭ އިރު، ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. މީގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ އޭނާ ޑައިރެކްޓް ކުރި "ލިންކަން" އާއި "މިއުނިކް" ފަދަ ފިލްމުތަކުގެ ސްކްރީންރައިޓަރު ޓޯނީ ކުޝްނާއާ އެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް އެއް ވަނަ އަހަރު ޖެރޮމް ރޮބިންސާއި ރޮބަޓް ވެސް ފީޗާ ފިލްމެއްގެ ގޮތުގައި "ވެސްޓް ސައިޑް ސްޓޯރީޒް" ގެނެސް ދިނެވެ. އެ ފިލްމަށް 10 އޮސްކާ އެވޯޑް ވެސް ލިބިފައިވެ އެވެ.

ސްޕީލްބާގް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒް ކުރި "ރެޑީ ޕްލެޔާ ވަން" އެވެ.