ފަތިސްހަނދުވަރު

އާދިއްތަ ދުވަހާ ގުޅޭ


ޒޫނާ ނޭވާ ހިފަހައްޓައިލައިގެން އިނެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ޖިނާ އެހިއެވެ.

ދެވަނަ ސިކުންތުގައި މަޒްލާން ހުރީ ޖިނާގެ ކޮޓަރީގެ ދޮރުމަތީގައެވެ.

"ބައްޕައަށް ހަމަ ރަނގަޅަށް އެނގޭނެ ކިހިނެއްކަން ވީ؟" ރުޅިއައިސްފައި ޖެނީ ބުންޏެވެ. "ބައްޕަ ހީކުރީތަ ކޮންމެ ފަހަރަކު ވެސް އަހަރެންގެ ސިކުނޑިޔާ ކުޅެވޭނޭ؟ ބައްޕައަށް ނިކަން މޮޅަށް އޮޅުވާލެވޭނޭ؟"

ޖިނާ ތެދުވިއެވެ. ކުޑަވެސް ރުޅިވެރިކަމެއް ނެތި ވާހަކަދެއްކިއެވެ.

"ބައްޕަ ވަރަށް ގިނަ ކަންތައް ހީކުރިން،" ޖިނާ ބުންޏެވެ. "ތިޔަށް ވުރެ ތަންކޮޅެއް ބޮޑަށް ބައްޕަދެކެ ދަރިފުޅު ލޯބިވާނޭ. މަންމައަށް ވުރެ ތަންކޮޅެއް ބޮޑަށް ބައްޕައަށް އިތުބާރުކުރާނޭ. ދަރިފުޅު ދެކެ ބައްޕަ ވާ ލޯބި ދަރިފުޅަށް އިހުސާސްކުރެވޭނޭ. ބައްޕަ ކޮންމެ ކަމެއް ކުރިޔަސް ކުރާނީ ދަރިފުޅަށްޓަކާކަން އެނގޭނޭ. ބައްޕަ އެންމެ ލޯބިވަނީ ދަރިފުޅުދެކެކަން ވެސް މިހާރު ދަރިފުޅަށް ވިސްނޭނޭ. މިހެން ގޮސް ލައްކަ ގިނަ ހީތައް ބައްޕައަށް ކުރެވުނު."

"ނަން ނުވެސް ކިޔަނީސް މިއޮތީ އިބިލީސް ފާޅުވެފަ!" މަޒްލާން ބުނި އަޑު އިވުނެވެ.

ޖެނީއާއި ޖިނާ ވެސް މަޒްލާނަކަށް ސަމާލުކަމެއް ނުދިނެވެ.

"އަހަންނަށް އެނގޭވިއްޔަ އަހަރެންދެކެ ކިހާ ލޯބިވާކަން،" މަލާމާތުގެ ރާގެއްގައި މަޒްލާން ބުންޏެވެ. "ކީއްކުރަން އަހަރެންގެ ނަން ކިޔަނީ؟ އަހަރެންގެ ނަމަކީ އަބަދުވެސް ބައްޕަގެ ހިތުގަ އޮންނަ އެއްޗެއް."

ކުއްލިއަކަށް ޓެކްސީ ބުރަކިޖެއްސިއެވެ. އިންޖީނު ނިވުނެވެ.

"ކިހިނެއްވީ؟" ޒޫނާ ސުވާލުކުރިއެވެ.

"އެއްޗެއް ހުރަސްކޮށްފި!" ދެ ލޯ ކުޑަކޮށްލައިފައި މަގަށް ނަޒަރުހިންގައިލަމުން ޑުރައިވަރު ބުންޏެވެ.

ޒޫނާގެ ހާސްކަން އިތުރުވިއެވެ. ފަހަތު ސީޓުގައި ތިބި މީހުންނަށް ބަލައިލައިފައި އަނެއްކާ ވެސް ޑުރައިވަރަށް ބަލައިލިއެވެ.

"ތިވާނީ ހީވިގޮތަކަށް،" ޒޫނާ ބުންޏެވެ. "ހިނގާދަމާ!"

ޑުރައިވަރު ކާރުގެ އިސްޓާޓަށް ފިތައިލިއެވެ.

"ސުހެއިލުބޭ މަރާލީ ކީއްވެގެން؟" ޖެނީ ސުވާލުކުރިއެވެ.

"އަހަރެން ސުހެއިލު ގައިގަ އިނގިލިކުރި ވެސް ޖައްސައިނުލަން،" ޖަވާބުގައި ޖިނާ ބުންޏެވެ. "މަންމަ ދައްކާހާ ވާހަކައެއް ދަރިފުޅު ގަބޫލުނުކޮށްބަލަ!"

"ދެން މަންމަ ވެސް މަރާލާ!" ޖެނީ ރުޅިއައިސްފައި ބުންޏެވެ. "ބައްޕަ ހިތްހަމަނުޖެހޭ ކޮންމެ މީހަކު މަރާލާ! އަހަރެން ވެސް މަރާލަންވީނު!"

ޖިނާގެ ލޮލުން ވިދުވަރުކަނޑައިގެންދިޔައެވެ.

"ތި ކަހަލަ މީހަކު ދެކެ އެކަކު ވެސް ލޯތްބެއް ނުވާނެ!" ޖެނީ ފޫހި ރާގެއްގައި ބުނެލިއެވެ.

"ރީތި އަޑެއް އިވިއްޖެ!" މަޒްލާން ބުންޏެވެ. "މަ އޭރު ވެސް ބުނީމެއްނު! އިންސާނުން ދޭނީ ކެހި. އެ މީހުންނަށްޓަކާ ބައްޕަ ކޮންކަމެއް ނުކުރަނީ. ކަނޑުން މުތް ގެނެސްދިން. އުޑުން ތަރި ގެނެސްދިން."

"މަޒްލާން ތި އަނގަގަނޑު މަޑުންލައިގެން އިނދެބަލަ!" ޖެނީ ހަޅޭއްލަވައިގަތެވެ.

"މާ ބާރަށް ހަޅޭއްނުލަވާ!" މަޒްލާން އިންޒާރުދިނެވެ. "އަހަރެން މި އައީ ބައްޕައަށް ކަމެއް ކޮށްފާނެތީ. އަބަދުވެސް އަހަރެން ބުނާ ވާހަކަ މިހާރު ވެސް މި ބުނަނީ. ބައްޕަ ދެކެ އެންމެ ލޯބިވާ ދަރިޔަކީ އަހަރެން. އަވަސްކުރޭ ބައްޕާ! އެ މީހުން އެބަ އާދޭ!"

ކާރު އިސްޓާޓުވިއެވެ. ދުއްވައިލިއެވެ.

"މިހާރު ކިތައް މީހުން މެރިއްޖެކަން ބައްޕައަށް.." ޖެނީއަށް ބުނެވުނީ އެ ހިސާބަށެވެ.

"ވަރިހަމަ އެއް ހާސް މީހުން ވިޔަސް،" ޖިނާ ރުޅިއައިސްފައި ބުންޏެވެ. "ދެ ހާސް. ތިން ހާސް. ދިހަ ހާސް ވިޔަސް ހެޔޮ. ދަރިފުޅުގެ އުފަލަށް ހުރަސްއަޅާ ހަމަ ކޮންމެ މީހަކު މަރާލާނަން. މި ބުނަނީ މަރާލާނަމޭ. ދެން ވެސް މަރާލާނަން."

މަޒްލާން އަތްތިލަބަޑިޖަހަން ފެށިއެވެ.

"ތި ދައްކަނީ އިންސާނުންގެ ވާހަކައެއްނު،" ޖިނާ ބުންޏެވެ. "ވަރިހަމަ ޖަނަވާރެއް ވިޔަސް. ޖިންނިއެއް ވިޔަސް."

މަޒްލާން ހިމޭންވިއެވެ. ހިތަށް ބިރުވެރިކަން ވަނެވެ.

"ބައްޕައަކީ މިހާރު މީހުން މަރާ.." ޖެނީގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

"އާނއެކޭ އާނއެކޭ!" ޖިނާ އެއްބަސްވިއެވެ. "އެކަމަކު ބައްޕަޔާ ދިމާއަށް ތި ފާޑަށް ވާހަކަދެއްކުމުގެ ކުރިން ދަރިފުޅު ވިސްނާލަބަލަ އޭގެތެރެއިން އެއްވެސް މީހަކު މަރައިގެން ބައްޕައަށް ލިބުނު މޮޅެއް އޮތްތޯ! މަލާމާތާ، ނަފުރަތާ، ޝަކުވާ ނޫން އެހެން އެއްޗެއް ތި ދެމައިންގެ ފަރާތުން ބައްޕައަށް ލިބުނުތޯ!"

"އެބަ ރަނގަޅުވޭ!" މަޒްލާން މަޑުމަޑުން ބުނެލިއެވެ.

މަޒްލާންގެ ބޭނުމަކީ އަލިފާނަން ދަރުއެޅުމެވެ.

"ހުރިހާކަމެއް ދަރިފުޅަށްޓަކާ ކުރީމަ ވެސް.." ޖިނާއަށް ބުނެވުނީ އެ ހިސާބަށެވެ.

"މަގޭ މަތި ނާޅުވާށޭ ބައްޕަގަނޑާ!" ޖެނީ ހަޅޭއްލަވައިގަތެވެ.

ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ޖެނީ ހުރީ ބައްޕަޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. ޖިނާ ހުރީ ޖެނީއަށް ބަލަހައްޓައިގެންނެވެ. މަޒްލާން ފަހަރަކު މީހަކަށް ބަލަބަލާ ހުއްޓެވެ.

"ތި ފެނުނީ އަސްލު،" ޖިނާ ވަރަށް މަޑުމަޑުން ބުނެލިއެވެ. "ތީ ހަމަ އިންސާނުންގެ ވައްތަރު. ކިތަންމެ ވަރަކަށް ލޯބިވިޔަސް އޭގެ އަގު ވަޒަނެއް ނުކުރާނެ. ކޮންމެ މީހަކު ވެސް އަހަންނާ ދިމާއަށް ކިޔާލާނީ ހިތުހުރި އެއްޗެއް. ހީވާ ކަހަލަ ހިތް އޮންނަނީ ހަމައެކަނި އިންސާނުންގެޔޭ!"

ޖެނީއަށް ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން ޖެނީއަށް އިހުސާސްކުރެވުނެވެ. އިސްޖަހައިލެވުނެވެ.

"ބައްޕަ ދަނީ!" އޯގާތެރިކަމާ އެކުގައި ޖިނާ ބުންޏެވެ. "ދެން ނާންނާނަމެކޭ ނުބުނާނަން. އެކަމަކު އަންނަ ހިތެއް ނެތް."

"ނޫން ބައްޕާ!" ޖިނާގެ އަތުގައި ހިފަމުން ޖެނީ ބުންޏެވެ.

ޖެނީގެ އަތް ނެއްޓުވުމަށް ފަހު އަތުގެ ތެރެއަށް ފަށް ލައިފައި ޖިނާ އެ އަތް މުއްކަވައިލިއެވެ.

"ބައްޕަމަތިން ހަނދާންވެއްޖެއްޔާ ގޮވާލާ!" ޖިނާ އެދުނެވެ. "ދިރިހުރެއްޖެއްޔާ ބަލާނަން އާދެވޭތޯ! ބައްޕައަކަށް ނެތް މާ ގިނަ ވަގުތެއް."

ވަރަށް ގަދަޔަށް ވިދައިލިއެވެ. ހޮނުކަނޑައިގެންދިޔައެވެ. އިދުރީސްގެ މޫނަށް އޭގެ އަލިއެޅުނެވެ. ގާދިރުމެން ރާވައިފައިއޮތީ ޖިންނި ދިޔަނުދީ ވަށައިގެން ބައްދައިލުމަށެވެ. އެ ކަން ނިންމައިލުމަށެވެ. ވެގެންއުޅޭ ގޮތް އެ މީހުން ބަލައިފިއެވެ. ޖިނާގެ ގޭގެ ދޮރާށި ކައިރީގައި އެ ދެ މީހުން ތިބިއިރު މައްސަލައިގެ ޙައްލު އޮތީ އިދުރީސް އަތުގައެވެ. ގާދިރުގެ މޫނަށް އިދުރީސް ބަލައިލުމުން ގާދިރު ބޯޖަހައިލިއެވެ. އިދުރީސް އަތުގައި އޮތް ކުޑަ ވަޅީގެ ތުނޑު ދޮރުކަނީގެ ވަކި ހިސާބެއްގައި ޖައްސައިލިއެވެ.

"އަވަސްކުރޭ!" ގާދިރު ބުންޏެވެ.

"ގާދިރަށް ޔަގީންތަ؟" އިދުރީސް އެހިއެވެ. "އޭނަ ރައްކާވެއްޖެއްޔާ ހޯދާކަށް ފަސޭހައެއް ނުވާނެ."

"ފަސޭހަނުވާނީތާ!" ގާދިރު ބުންޏެވެ. "އެކަމަކު ހޯދޭނެއްނު! ޖަހާ!"

"އަހަރެން ބައްޕަ ގާތުގަ ވެސް ހުންނަހިތް ވޭ!" ޖެނީ ބުންޏެވެ.

"އެކަމަކު ދަރިފުޅަށް ލިބޭނީ ކޮންމެވެސް އެކަކު،" ޖިނާގެ އެންމެ ފަހު ބަހަކީ އެއީއެވެ. "އެއީ މަންމަ."

ކުއްލިއަކަށް ޖިނާގެ ހަށިގަނޑު އައްސިވިއެވެ. އޭރު ވަޅި ހުރީ ދޮރުކަންޏަށް ޖަހައިފައެވެ. ވިދައިލި ވިދުވަރަކާ އެކުގައި ވަޅީގެ ތިލައިން ދަޅައަރައިގެންދިޔައެވެ. ތުނޑާ ދިމާ ލަކުޑިގަނޑުން ދުންއަރަން ފެށިއެވެ. ޖިނާގެ މޫނުމަތިން ހާސްކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ހަށިގަނޑުގައި އަޅަން ފެށި ވޭން ޖެނީއަށް ސިއްރުކުރަން ޖިނާ މަސައްކަތްކުރިއެވެ.

"ދެން ދޭ މަންމަ ކައިރިއަށް،" ކެތްތެރިކަމާ އެކުގައި ޖިނާ އެދުނެވެ. "ދަރިފުޅު ނައިސްގެން މަންމަ ވަރަށް ހާސްވެފަ ހުރީ. ބައްޕަޔާ ދޭތެރޭ ދެން ނުވިސްނާ!"

ޒޫނާ ހީކުރި ގޮތަކަށް ކަންތަކެއް ނުވިއެވެ. އަމާންކަމާ އެކުގައި ޓެކްސީ އައިސް ޒޫނާގެ ގެއަށް ހުއްޓިއެވެ. އެންމެން ފައިބައިގެން ގޭތެރެއަށް ވަނެވެ. ޒޫނާ ފިޔަވައެވެ. ޒޫނާ ހުރީ ދޮރުމަތީގައެވެ. ޖެނީގެ އިންތިޒާރުގައެވެ.

"ދަރިފުޅަކަށް ނޯންނާނެ ބައްޕައަށް ކޮށްދެވޭނެ އެއްވެސް ކަމެއް،" ޖިނާ ބުންޏެވެ. "ދެން ދޭ!"

ދާންނުދާން ހުރެފައި ޖެނީ ކޮޓަރިން ނުކުތެވެ. ގެއިން ވެސް ބޭރަށް ނުކުތެވެ. އޭރު ޒޫނާ ހުރީ އެހެން ކުދިންނާ އެކުގައި ގޭތެރޭގައެވެ. ކުދިންގެ ހުސްނުވި ސުވާލުތަކަށް ޖަވާބުދިނުމުގައެވެ.

"ދައްތަ ކީއްވެ ކުރިން ނުބުނީ؟" ފަޒޭލު އެހިއެވެ.

"އަހަންނަށް ވެސް ޔަގީންވީ މިރޭ!" ޒޫނާ ބުންޏެވެ. "އެއީ ތި ކުދިންގެ ބައްޕައެއް ނޫން."

"ބައްޕައެއް ނޫނޭ؟" ހައިރާންވެފައި ޝާޒްލީ އެހިއެވެ. "އެހެންނުވާނެ!"

"އެހެންވާނީ!" ފަޒޭލު ވިސްނައިލައިފައި ބުންޏެވެ. "އެއީ ބައްޕައަށް ވެގެން ނުވާނެ. އަހަންނަށް ހަމަ ހަންރެޑް ޕަސަންޓު ގަބޫލުކުރެވޭ! ބައްޕަ ނޫޅޭނެ އެހެނެއް. އަހަންނަކަށް ނޭނގެ ކިހިނެއްކަމެއް ޗޭންޖުވީ! އެކަމަކު، އެއީ ބައްޕައެއް ނޫން."

އަޒީޒާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އަހަންނަށް ވެސް ކަށަވަރުވީ މިރޭ!" ކަންބޮޑުވެފައިހުރި ސަކީނާ ބުންޏެވެ. "މިހާރު އެ އުޅެނީ އެ ގޭގަ އޭނައަށް ނޫޅެވިގެން. އޭނަ ނުކުތް ވަގުތު އަހަރެން ބެލިން ލޯގަނޑުން އޭނަ ފެނޭތޯ. ނުފެނޭ! ދަރިފުޅު ބިރުގެންފާނެތީ މަންމަ އޭރު އެ ވާހަކަ ނުބުނީ."

ޖިނާ ގަޔަށް ބާރުގަނޑެއް އެރިއެވެ. ކެތްނުކުރެވިގެން ތެޅިފޮޅެން ފެށިއެވެ.

"އޭރު ވެސް މަ ބުނިން އިންސާނުންނަށް އިތުބާރުނުކުރާށޭ!" ގާތުގައި ހުރި މަޒްލާން ބުންޏެވެ. "ފެނޭ ވާގޮތް؟"

"ދަރިފުޅާ!" ވޭނީ އަޑަކުން ޖިނާ ބުންޏެވެ.

"ދެން ދަރިފުޅޭ ކިޔާނެކަމެއް ނެތް،" މަޒްލާން ޖެހިލީ ދުރަށެވެ. "މިހާރު މަ ވެސް ބައްޕަ ދެކެ ފޫހިވެއްޖެ! އަހަރެން ނުޖެހޭ ބައްޕައަށް ހަމްދަރުދީ ވާކަށް. އެހީވާކަށް ވެސް ނުޖެހޭ. ހިތަށްއަރާ ތީ މަގޭ ބައްޕަބާއޭ. ގައިމުވެސް ދަރިއެއްހެނެއް ނޫން އަހަރެން ގެންގުޅުނީ. ހަނދާންވޭތަ އަހަރެން ކުޑަ ގޮޅިއެއްގަ ބަންދުކުރި ހަނދާން. އަހަރެންގެ އަމިއްލަ މަސައްކަތުން އެ ތަނުން ނުކުމެގެން މި ތަނަށް މި އަންނަނީ. އެކަމަކު އެއްދުވަހަކުން އަހަރެން އަދި އެއްކޮށް މިނިވަންވާނަން. މި ގެއަށް ވެސް އަންނާނަން. ބައްޕަ ހަވާލުކުރި މަސައްކަތް އަދި ނުނިމޭ."

ޖިނާ ތަޅުންގަނޑުމައްޗަށް ވެއްޓި ތެޅިފޮޅެން ފެށިއެވެ. ވިދައިލި ވިދުވަރަކާއެކު މަޒްލާން ގެއްލުނީއެވެ.

"ތިހެންވިއްޔާ އަހަރެންގެ ދަރިފުޅު ކޮބާ؟" އަޒީޒާ ސުވާލުކުރިއެވެ.

"އެއީ ތެދެއް!" ޝާޒްލީ ބުންޏެވެ. "އަހަރުމެންގެ ބައްޕަ ކޮބާ؟"

ޒޫނާ ވިސްނައިލިއެވެ. އެއީ އެއްވެސް މީހަކަށް ޖަވާބު ހޯދިފައިވާ ސުވާލެއް ނޫނެވެ.

"އަހަރެން ފުރަތަމަ ބެލީ ކުދިން ސަލާމަތްކުރެވޭތޯ!" ޒޫނާ ޖަވާބުދިނެވެ. "ދެން މި ދަނީ ތި ސުވާލުގެ ޖަވާބު ހޯދަން. ހިޔެއްނުވޭ ފަސޭހައިން ޖަވާބު ލިބޭނެހެނެއް. އެކަމަކު އަންނާނަން ގެއަށް ވަދެލާފަ."

ޒޫނާ އެނބުރިލި ވަގުތު ޒޫނާގެ އަތުގައި ސަކީނާ ހިފޭއްޓިއެވެ.

"ގޮސްގެންނުވާނެ!" ސަކީނާ ބުންޏެވެ. "މި ވަގުތު ދަރިފުޅު އެ ގެއަށް ވަންނާނެކަމެއް ނެތް."

ޒޫނާ ބަލައިލީ އަޒީޒާއަށެވެ. ޝާޒްލީއަށާއި ފަޒޭލަށެވެ. އެއަށް ފަހު ސަކީނާއަށް ބަލައިލިއެވެ.

ނުނިމޭ