ދޭވް ޕަޓޭލް: އޭނާގެ އަލަތު ޑައިރެކްޝަނަކީ "މަންކީ މޭން".
01 ނޮވެމްބަރ 2018 - 06:55
ފިލްމު "ސްލަމްޑޯގް މިލިއަނާ" އިން މަޝްހޫރުކަން ހޯދި އިންޑިއާ ދަރިކޮޅުގެ އިނގިރޭސި އެކްޓަރު ދޭވް ޕަޓޭލް ވެސް ފިލްމު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ވެރައިޓީން ބުނި ގޮތުގައި 28 އަހަރުގެ އެކްޓަރު ޑައިރެޓްކުރާ ފުރަތަމަ ފިލްމަކީ "މަންކީ މޭން" ކިޔާ ތުރިލާއެކެވެ.
މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރަށް ފިލްމުގައި އެކްޓްކޮށް، މީގެ އެއް ކޯ-ރައިޓަރަކީ ވެސް ފިލްމު "ލަޔަން" އިން 2016 ގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ އަށް ނޮމިނެޓްވި ދޭވް އެވެ.
އިންޑިއާގައި މަންޒަރުތައް ނަގާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ދޭވްގެ އިތުރުން ޕޯލް އަންގުނަވެލާ އާއި ޖޯން ކޮލީ އެވެ. "މަންކީ މޭން" ގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ބަހާރު މޫސުމުގަ އެވެ.
މީގައި ކިޔައިދޭނީ ޖަލުން ފިލައިގެން ބަދަލު ހިފުމުގެ މަސައްކަތްތަކެއް ކުރާ ޒުވާނެއްގެ ވާހަކަ އެވެ. "މަންކީ" މޭން" ސިނަޓޯގްރަފީއާ ހަވާލުވެފައި ވަނީ ބިރުވެރި ފިލްމު "އިޓް" ގެ ކެމެރާމަން ޗަންގް-ހޫ ޗުންގް އެވެ. އަދި ފިލްމު އެކްޝަން ޑައިރެޓަރަކީ "އެޓޮމިކް ބްލޮންޑް" އާއި "ޖޯން ވިކް" ފަދަ ފިލްމުކުގެ އެކްޝަންތައް ޑިޒައިން ކުރި 87އިލެވެން އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރި "ހޮޓެލް މުމްބާއީ" އަށް ފަހު، ދޭވްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ވެޑިން ގެސްޓް" އާއި "ދަ ޕާސަނަލް ހިސްޓްރީ އޮފް ޑޭވިޑް ކޮޕަފީލްޑް" ހިމެނެ އެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ދެ ވެޑިން ގެސްޓް" އަކީ މި އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާކޮށްފައިވާ ފިލްމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy