އަލްބަމަކާ އެކު "ބެކްސްޓްރީ ބޯއިސް" އަންނަ އަހަރު ޓުއާއަކަށް ނުކުންނަން ނިންމައިފި

ނުވަދިހައިގެ އަހަރުތަކުގައި އެންމެ ވިދައިލި އެއް ބޭންޑް ކަމަށްވާ އެމެރިކާގެ "ބެކްސްޓްރީޓް ބޯއިސް" އާ އަލްބަމަކާ އެކު އަންނަ އަހަރު ވޯލްޑް ޓުއާކަށް ނުކުންނަން ނިންމައިފި އެވެ.


ފަސް މެމްބަރުން ހިމެނޭ ބޭންޑުން ބުނީ އެ މީހުންގެ 10 ވަނަ އަލްބަމް "ޑީއެންއޭ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 25 ގައި ކަމަށެވެ. އަލްބަމަށް ޕްރީއޯޑަ ކުރުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާ އިރު އަލްބަމްގެ ހިމެނޭ ލަވަތަކުގެ ތެރެއިން "ޗާންސެސް" ވެސް މިހާރު ވަނީ ވީޑިއޯއާ އެކު ފޭނުންނަށް ދައްކާލައިފަ އެވެ.

"ބެކްސްޓްރީޓް ބޯއިސް" އިން ބުނި ގޮތުގައި އެ މީހުންގެ އައު އަލްބްމަ ޕްރޮމޯޓް ކުރަން ބާއްވާ "ޑީއެންއޭ ވޯލްޑް ޓުއާ" ފަށަން ހަމަޖެހިފައި ވަނީ މެއި، 11، 2019 ގައި ޕޯޗްގަލްއިންނެވެ. އަދި ޓުއާ ނިންމައިލާނީ ސެޕްޓެމްބަރު، 15، 2019 ގަ އެވެ.

ބެކްސްޓްރީޓް ބޯއިސްގެ ޓްވީޓެއް.

އެ މުއްދަތުގެ ތެރޭގައި ޕޯޗްގަލްގެ އިތުރުން ސްޕެއިން، އިޓަލީ، ފްރާންސް ޖަރުމަން، ބެލްޖިއަމް، ނެދަލެންޑްސް، އޮސްޓްރިއާ، ސްވެޑްން، ނޯވޭ، ފިންލެންޑް، ޔޫކޭ، އަޔަލެންޑް، ސްވިޓްޒަލެންޑް، ޗެކް ރިބަޕްލިކް، ޕޮލަންޑް އަދި ކެނެޑާގައި ކޮންސަޓްތައް ބާއްވާނެ އެވެ.

ޓުއާގެ ޓިކެޓް މި މަހުގެ 14 އިން ފެށިގެން ލައިވްނޭޝަން.ކޮމް އިން ވިއްކަން ފަށާނެ އެވެ. އަދި އުތުރު އެމެރިކާގެ ސިޓީތަކުގައި ކުރިއަށް ގެންދާ ކޮންސަޓްތަކުގެ ކޮންމެ ޓިކެޓަކާ އެކު އަލްބަމް "ޑީއެންއޭ" ގެ ކޮޕީއެއް ވެސް ލިބޭނެ އެވެ.

އަލްބަމް "ޑީއެންއޭގެ ލަވަ "ޗާންސެސް".

"ބެކްސްޓްރީޓް ބޯއިސް" ބުނީ އަހަރުތަކަކަށް ފަހު ޓުއާއަކަށް ނުކުތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިިބި ފޭނުންނާ ވެސް ބައްދަލު ކުރަން ކެތްތެރިކަން ކުޑަވެފައިވާ ކަމަށެވެ.

"މިއީ ފާއިތުވި އަށާރަ ވަރަކަށް އަހަރު ފަހުން އަހަރެމެން ކުރިއަށް ގެންދާ ވަރުގަދަ ޓުއާއަށްވެގެން ދާނެ،" ބޭންޑުން ބުންޏެވެ. "އަދި މި ފަހަރުގެ އަލްބަމް ވެސް ފޭނުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަން،

ނަވާރަސަތޭކަ ނުވަދިހަ ތިނެއްގައި އުފެއްދި "ބެކްސްޓްރީޓް ބޯއިސް" އެންމެ ފަހުން ނެރުނު އަލްބަމަކީ 2013 ގެ "އިން އަ ވޯލްޑް ލައިކް ދިސް" އެވެ. އެ އަލްބަމް ޕްރޮމޯޓް ކުރަން އެ އަހަރުން ފެށިގެން 2015 އާ ހަމައަށް ވަނީ ޓުއާއެއް ވެސް ބާއްވައިފަ އެވެ.

"ބެކްސްޓްރީޓް ބޯއިސް" ގެ މެމްބަރުންނަކީ އޭޖޭ މެކްލިއަން، 40، ހޯވީ ޑޮރޯ، 45، ނިކް ކާޓާ، 38، ބްޔަރަން ލިޓްރެލް، 43، އަދި ކެވިން ރިޗަޑްސަން، 47، އެވެ.