15 ނޮވެމްބަރ 2019 - 23:40
ދާދި ފަހުން ރާއްޖޭގެ ކުރެހުންތެރިއެއްގެ ކުރެހުމެއް "ވަގަށް ނެގި" އެމެރިކާގެ ލަވަކިޔުންތެރިޔާ އާރޮން ކާޓާގެ ހާލު ދެރަވެގެން ފްލޮރިޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް، ފަރުވާދޭން ފަށައިފި އެވެ.
އާރޮން ބަލިވުމާ ގުޅިގެން އޭނާގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މިހާރު މެނޭޖްކުރަމުން އަންނަ އޭނާގެ މަންމަ ޖޭން ކާޓާ އާރޮންގެ އިންސްޓަގްރާމާއި ޓްވިޓާގައި ވެސް އެކަން ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އާރޮން އެޑްމިޓްކުރީ ސިއްހީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމަށް ހާމައެއް ނުކުރެ އެވެ.
ކުރިން މަސްތުވާތައްޗަށް ދެވިހިފައިގެން ފަރުވާ ވެސް ހޯދާފައިވާ އާރޮން ބުނެފައިވާ ގޮތުގައި އޭނާ އަށް މި ފަހުން ނަފުސާނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރޭގައި މަލްޓިޕްލް ޕާސަނަލިޓީ ޑިސްއޯޑާ (އެމްޕީޑީ) އާއި އެކިއުޓް އެންޒައިޓީގެ އިތުރުން ޝިޒޮޕްރޭނިއާ ހިމެނެ އެވެ.
އާރޮން، 31، އަކީ އެމެރިކާގެ ކުރީގެ މަޝްހޫރު މިއުޒިކް ބޭންޑް ބެކްސްޓްރީޓް ބޯއިސްގެ މެމްބަރު ނިކް ކާޓާގެ ކޮއްކޮ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ނިކް ވަނީ އޭނާގެ މާބަނޑު އަންހެނުން މަރައިލަން އާރޮން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދަން ވެސް އެދިފަ އެވެ.
މިކަމާ ބެހޭ ގޮތުން އާރޮން ބުނީ ބޭބެގެ އަނބިމީހާ އަށް އެއްވެސް ގެއްލުމެއް ދޭން އޭނާ މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ. އަދި އަމުދުން އާއިލާގެ މީހަކަށް އެއްވެސް ގެއްލުމެއް ދޭން އެއްވެސް އިރެއްގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށް ބުންޏެވެ.
އާރޮން އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު އަންނަ މަހު އޭނާ ފަށާ ޓުއާއެއްގެ ޓިކެޓް ވެސް އެމެރިކާގައި އަންނަނީ ވިއްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލިމީހާ
15 November 2019
ހީ ނީޑްސް ހެލްޕް