"ހުވާ" ގެ މަންޒަރެއްގައި ރިޝްފާ.
13 ނޮވެމްބަރ 2018 - 09:07
ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ޓްރެއިލާ ރޭ ދައްކާލައިފި އެވެ.
ފާތުމަތު ނަހުލާ އުފައްދާ މި ވެބް ސީރީޒްގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލީ އެ ސްޓްރީމް ކުރަން ހަމަޖެހިފައިވާ މޮބައިލް އެޕްލިކޭޝަން "ބައިސްކޯފް" ލޯންޗް ކުރަން ރޭ ދަރުބާރު ގޭގައި ބޭއްވި ހަފުލާއެއްގަ އެވެ.
މީގެ ކުރިން ވަރަށް ކާމިޔާބު ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކެއް ވެސް ގެނެސް ދީފައިވާ ނަހުލާ ބުނި ގޮތުގައި "ހުވާ" އަކީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވެބް ސީރީޒްތަކެއް ހަދަން ވިސްނަމުން ދަނިކޮށް، އޭނާ އަށް ފަހިވެގެން ދިޔަ ފުރުސަތެކެވެ.
އެހެންވެ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހެދުމުގެ ޝަރަފު ތަނަވަސް ދޮރަކާ އެކު ހުޅިވައިލަ ދިން "ބައިސްކޯފް" ސީއީއޯ މިރުސާދު (މިރޫ) ނާސިރަށް ނަހުލާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
މީރޫއަކީ ދިވެހި ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު (މައްލާ) ނާސިރުގެ ދަރިއެކެވެ. މައްލާ އެންމެ ފަހުން ޕްރޮޑިއުސް ކުރި ފިލްމަކީ މިދިޔަ އަހަރު އެޅުވި "މަލިކާ" އެވެ.
ނަހުލާ ބުނީ "ހުވާ" ޝޫޓް ކުރަން މިރޫ އާއި އޭނާގެ ޓީމުން ވަރަށް ވެސް ރީތި އެހާމެ ހިތްގައިމު ސެޓެއް ވެސް ތައްޔާރުކޮށް ދީފައިވާ ކަމަށެވެ. އެހެންވެ މިރޫއަކީ ފިލްމީ ދާއިރާ އަށް ލިބުނު ޖަވާހިރެއްގެ ގޮތުގައި އޭނާ ސިފަކޮށްދައިވެ އެވެ.
"ހުވާ" އަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަސައްކަތް ފެށި އެއްޗެކެވެ. ރާއްޖޭގެ ވަރަށް ގިނަ މަޝްހޫރު ތަރިންތަކެއް ހިމަނައިގެން ހަދާފައިވާ މި ވެބް ސީރީއަކީ ނަހުލާގެ ވާހަކައަކަށް އޭނާ އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
"ހުވާ" ކާސްޓުންގެ ތެރޭގައި ފައިސަލް، ޝީލާ ނަޖީބް، ޔޫސުފު (ޔޫއްޕެ) ޝަފީއު، އައިމިނަތު ރިޝްފާ، އިބްރާހީމް (ޖިމީ) ޖިހާދު، މަރިޔަމް އައްޒަ، ރަވީ ފާރޫގް، މަރިޔަމް ޝަކީލާ، އަލީ (ދޮންއައްޔަ) އާޒިމް، އިރުފާނާ (އިރޫ) އިބުރާހީމް، އަހުމަދު (އާނަންދު) އީސަ، ނާޝިދާ (ނާއްކޮ) މުހައްމަދު، އާރިފާ އިބްރާހީމް އަދި ހަސަން (ރޯނު) މަނިކު ހިމެނެ އެވެ.
"ބައިސްކޯފު" ގެ ޓީމް ފޮޓޯއަކަށް އެތުރިލައިގެން.
"ހުވާ" ބައިސްކޯފް އެޕުން ސްޓްރީމް ކުރަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ނަހުލާ ބުނި ގޮތުގައި މިއީ ހުރިހާ ރަހައެއް ވެސް ހެޔޮވަރުކޮށް ހަދާފައިވާ މަސާލާގަނޑެކެވެ.
"ބައިސްކޯފު" އަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ހުރިހާ ކޮންޓެންޓެއް ބެލުންތެރިންގެ އިނގިލި ކުރިއަށް އަންނާނެ އެއްޗެކެވެ. މި އެޕް މިހާރު އެޕަލް އާއި ގޫގުލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާރޭ_ނައިފަރު
14 November 2018
އެޕް ސްޓޯރުގަ އަދި ނެތް ތި އެޕް ލިބޭކައް. ލޯންޗް ވަރައް މޮޅައް ކޮއްފި
މީނަ
02 December 2018
ހަމަ ލޯންޗު ކުރި ރޭ އަހަރެން ތި އެޕް ޑައުންލޯޑް ކޮށްފިން އެޕް ސްޓޯރުން
ޟީލާ
14 November 2018
ސުޕެލިންގ!!! ރިލެސިންގ އޯ، ރިލީޒިންގ އޭ!!!!
ސަނީ
14 November 2018
ސްޕެލިންގ އިނގޭތޯ!
ރޭސް
14 November 2018
ހަބޭސް. ވަރަށް ސަޅިވާނެ.
ޓެޑް އިން މާލްޑިވްސއ
13 November 2018
ޕސް ޕިސް ޕިސް ... ބަލަ ދަރި އަކު ތިވަރަށް ރުޔަސް ފޫހި ވާނެ .. ބޭވަފާ .. ހިތާމަ .. މާފަށް އެދުން .. ވަގުތު ފާއިތުވުން.. މި ދިވެހި ފިލްމް
ޑޭމް
13 November 2018
" ރޯން ވީ ހޭ؟ " މި ނަން މާ ފިޓް ވާނެ
ވިސާމް
13 November 2018
މަދެންމެ ޓުރެއިލާ ކިޔާފަ ކޯޗެއް މިބެލުނީ ފޫހި
ޙުސްމާ
13 November 2018
ފޯނުގެ ޑޭޓާ ކޮަޅު ހުސްކޮށްލައިގެން ފިލްމެއް ނުބެލޭނެ. މި ތަންމީ ދުނިޔޭގެ ނިސްބަތުން ޑޭޓާ އެއްމެ އަގުބޮޑު އެއްތަން.
މިރުސޯ
13 November 2018
އެބްސޮލިއުޓް ޓްރޭޝް!
ކިޔުންތެރިއެއް
13 November 2018
ޓްރެއިލާއޭ ކިޔާފާ ބޮޑު ފިލްމެއްނުން ތިޔޮތީ ހަދާފާ! އަދިވެސް ފިލްމު ތަކުން ތިޔަ ރިހަ ގޮތްގަނޑު ދޫކުރާކަށްނޫޅޭ.
ބުރުގާ
13 November 2018
އެކަމަކުވާ.... މަގޭހިތައް އަރާ އަޅެ މީ 2018 ބާއޭ. ތިއޮއް ފިލުމެއްގެ ޓްރެއިލާއެއްދޯ. އެންމެން ގުއްކިޔާފަ ގަނޑުގަނޑައް މޭކަޕުކޮއްފަ، ހީވަނީ ދަވާދު ލާފަހުރިހެން. އެކަކެއްގެވެސް އެއްވެސް އެކްޓެއްނެތް. ދެން ކާކު ތި ބަލަންދަނީ؟؟! ރާއްޖޭގައި ފިލުމެއް ހަދަންބޭނުންވާނީ ކެމެރާގަނޑަކާ 2، 3 ބޯ. ދެން ބާކީ ހެޔޯ އެކައްޗެއް ނެތަސް.