މިދިޔަ މެއި މަހު ކައިވެނިކުރި ފަހުން ސޯނަމް ކަޕޫރުގެ އަޑެއްބަޑެއް ނީވޭތާ ދުވަސްތަކެއް ފަހުން، އޭނާ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކުރި ވާހަކަ މީޑިއާތަކަށް ތިލަވެއްޖެ އެވެ.

މި ފަހަރުގެ ފިލްމަކީ ނިކިލް އަދުވާނީ ހަދާ ކްރައިމް ތުރިލާ "ސުނޯ" އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި އަންހެން ފުލުހެއްގެ ވާހަކަ ކިޔައިދޭ ފިލްމަށް ސޯނަމް ސޮއިކޮށްފައިވާ އިރު، އަންނަ އަހަރުގެ ތެރޭގައި މީގެ ޝޫޓިން ފަށާނެ އެވެ.

ނިކިލް މިހާރު އަންނަނީ ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ ފިލްމު "ބަތުލާ ހައުސް" ގެ މަސައްކަތް ކުރަމުންނެވެ. މި ވަގުތު ސޯނަމް މަސައްކަތް ކުރަމުން އަންނަނީ ސައުތުގެ މަޝްހޫރު އެކްޓަރު ސަލްމާން ދަލްގޫރާ އެކު ކުޅޭ "ޒޯޔާ ފެކްޓާ" ގަ އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ އެޕްރީލް 5 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމެކެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ސޯނަމް ފުލުހެއްގެ ރޯލް ކުޅޭ ފިލްމު "ސްނޯ" އަކީ ދާދި ފަހުން ނިިކިލްގެ ފިލްމު ކުންފުނި އެއްމޭ އެންޓައިންމަންޓާއި ޓީ ސީރީޒް އަދި ޖޯން އަބްރަހަމްގެ ފިލްމު ކުންފުނި ޖޭއޭ އެންޓަޓައިމަންޓުން ގެނެސް ދޭން ނިންމާފައިވާ ހަ ފިލްމުގެ ތެރެއިން ފިލްމެކެވެ.

"ސުނޯ" އަކީ ނިކިލް ވަރަށް ބޮޑަށް ހަދަން ބޭނުންވެ، މީގެ ވާހަކަ ކުރިން ވެސް ވަރަށް ބޮޑަށް ދެކެވި އެކަމަކު ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައި އޮތް ފިލްމެކެވެ. ޕިންކްވިލާ އިން ބުނީ ނިކިލްގެ ޓީމުން މިހާރު ސޯނަމާ އެކު، ފިލްމުގައި ބަތަލުގެ ރޯލް ކުޅޭނެ އެކްޓަރަކު ވެސް ހޯދުމުގެ މަސައްކަތް ވެސް ފަށައިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި އާންމުކޮށް ދިރިއުޅޭ ނިއު ދިއްލީ އަށް ނިސްބަތްވާ އާނަންދު އަހޫޖާއާ މެއި މަހުގެ 7 ގައި ކައިވެނި ކުރި ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ އަންނަ ފެބްރުއަރީ 1 ގައި ރިލީޒް ކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ. އެ ފިލްމުގައި އޭނާ ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ބައްޕަ އަނިލް ކަޕޫރާ އެކު ފެނިގެން ދާނެ އެވެ.

މި އަހަރު ސޯނަމްގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ޕެޑްމޭން" އާއި "ސަންޖޫ" އަދި "ވީރޭ ދީ ވެޑިން" އެވެ. އެ ތިން ފިލްމަކީ އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ.