ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.
މިފަހަރު ވެސް އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
މި އުފާވެރި ޚަބަރު ސޯނަމް އާއި އާނަންދު ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ހިއްސާކޮށްފަ އެވެ. މި ދެމަފިރިންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އާއިލާއަށް އިތުރުވި އާ މެންބަރާ އެކު، އާއިލާ ފުރިހަމަވެ، ނުހަނު ބޮޑު އުފާވެރިކަމެއް ލިބިފައިވާ ކަމަށެވެ.
ސޯނަމްގެ ފުރަތަމަ ދަރިފުޅު، ވާޔޫ ހުރީ ކޮއްކޮއެއް ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
"އަހަރެމެންގެ އާއިލާ މިވަނީ ބޮޑުވެފައި، އަދި މި ކުޑަކުޑަ ފުރާނައާ އެކު އަހަރެމެންގެ ހިތްތަކަށް ވަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެއް ލިބިފައި،" ސޯނަމްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ސޯނަމް އާއި އާނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ވާޔޫ އުފަންވީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.
ސޯނަމް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މި އުފާވެރި ޚަބަރާ އެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ސޯނަމްގެ ދެމަފިރިންނަށް މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރު، ޕަރިނީތީ ޗޯޕްރާ އަދި ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރު ކަހަލަ ތަރިން ހިމެނެ އެވެ.
ސޯނަމް އެންމެ ފަހުން ފިލްމަކުން ފެނުނީ 2023 ގަ އެވެ. އެއީ އެ އަހަރު ރިލީޒްކުރި ފިލްމު "ބްލައިންޑް" އިންނެވެ. އޭގެ ފަހުން އޭނާ ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ.