މިދިޔަ މާޗް މަހުން ފެށިގެން ކަލާޒް ޗެނެލުން ދައްކަމުން އަންނަ ލޯބީގެ ސިލްސިލާ "ބޭޕަނާ" ހުއްޓައިލަން ނިންމައިފި އެވެ.

ސިލްސިލާގެ ލީޑް ބަތަލާ ޖެނިފާ ވިންގެޓް ވަނީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ވެސް އެކަން ފޭނުންނަށް ކަށަވަރުކޮށް ދީފަ އެވެ. އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޖެނިފާ ބުނި ގޮތުގައި ކޮންމެ ދަތުރަކަށް ވެސް ނިމުމެއް އަންނާނެ އެވެ.

އެގޮތުން "ބޭޕަނާ" ގެ ދަތުރު ވެސް ނިންމައިލަން ޖެހިފައިވާ ކަމަށާއި މިކަމާ ގުޅިގެން ފޭނުން މާޔޫސްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

"ބޭޕަނާއަކީ ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ މަސައްކަތެއް. އަދި މީގައި މަސައްކަތް ކުރި މުޅީ ޓީމާ އެކު އަބަދު ވެސް އަހަރެން ވާނަން،" ޖެނިފާ ބުންޏެވެ.

""ބޭޕަނާ" ގައި ޖެނިފާއާ އެކު ބަތަލުގެ ރޯލް ކުޅެފައި ވަނީ ހަރުޝަދު ޗޯޕްޅާ އެވެ. މި ސިލްސިލާ ހުއްޓައިލަން ނިންމި ވާހަކަ ތަރިން ހިއްސާ ކުރަމުން ދިޔަ ނަމަވެސް، ސިލްސިލާގެ ފަހު އެޕިސޯޑް ގެނެސް ދޭނެ އިރެއް ކަލާޒުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

އެކަމަކު ޓީވީ ސިލްސިލާތަކާ ބެހޭ ހަބަރުތައް ގެނެސްދޭ ޓެލީ ޗައްކަރުން ބުނީ "ބޭޕަނާ" ފުރަމުން ދިޔަ ގަޑި ކަލާޒުން ދެން ފުރާނީ އަންނަ މަހުގެ 3 ގައި ދައްކަން ފަށާ ސުޕަ ނެޗްރަލް ސިލްސިލާ "ވިޝް ޔާ އަމްރިތު: ސިތާރާ" ކަމަށެވެ.

އެ ނޫހުން ބުނި ގޮތުގައި ކަލާޒްގެ ޓީވީ ޗެނެލުން "ބޭޕަނާ" ގެނެސް ދިނުން ހުއްޓައިލަން ނިންމި ނަމަވެސް ކަލާޒްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓް އިން ސިލްސިލާ ކުރިއަށް ގެންދަން މީގެ ޕްރޮޑަކްޝަން ޓީމުން ކުރިން ވިސްނި އެވެ. އެކަމަކު ޖެނިފާ އާއި ހަރުޝަދުގެ މެދުގައި ގުޅުން އެހާ ރަނގަޅު ނޫން ކަމަށް ފެންނާތީ ސިލްސިލާ އެއްކޮށް ހުއްޓައިލަން ނިންމީ އެވެ.

"ބޭޕަނާ" ހުއްޓައިލަން ނިންމި މައިގަނޑު ސަބަބަކީ ވެސް ޖެނިފާ އާއި ހަރުޝަދުގެ ގުޅުން ގޯސްވުން ކަމަށްވެ އެވެ. އެގޮތުން ދެ މީހުން ސެޓްގައި ވެސް ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކާ ކަމަށްވެ އެވެ.

މާޗް މަހުގެ 19 ވަނަ ދުވަހު ދައްކަން ފެށި "ބޭޕަނާ" ގެ 180 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ.