ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވަރުން ދަވަން ބަތަލުގެ ރޯލް ކުޅޭ ޑާންސް ފިލްމުގެ ބަތަލާއަކަށް ޝްރަދާ ކަޕޫރް ހަމަޖެއްސިކަން މި ފިލްމު ޕްރޮޑިއުސްކުރާ ޓީ ސީރީޒުން ކަށަވަރުކޮށްފި އެވެ.


އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ފިލްމުގައި ވަރުންއާ އެކު ބަތަލާގެ ރޯލް ކުޅޭނީ ޝްރަދާ ކަމަށާއި މި މަހުގެ 22 ވަނަ ދުވަހު ޕަންޖާބްގައި ޝޫޓިން ފަށާނެ ކަމަށެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ބަތަލާއަކަށް ކުރިން ނެގީ ކެޓްރީނާ ކެއިފެވެ. އެކަމަކު އޭނާ ވަނީ ފަހުން ފިލްމު ދޫކޮށްލައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ރޯލަކަށް ނޯރާ ފަތެހީ ވެސް ވަނީ ސޮއިކޮށްފަ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނޫނެވެ.

ދެހާސް ފަނަރައިގައި ރިލީޒް ކުރި ރެމޯގެ ޑާންސް ފިލްމު "އޭބީސީޑީ 2" ގައި ވެސް ވަރުން އާއި ޝުރަދާ ވަނީ އެކީގައި މަސަައްކަތްކޮށްފަ އެވެ. ދެ ތަރިންގެ ޖޯޑު އަލުން ސްކްރީނަށް ގެންނަ ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު 8 ގަ އެވެ.

ރަންވީރު ފިލްމު ކުޅޭ އަގު ބޮޑުކޮށްފި

ރަންވީރު ސިންގް ފިލްމު ކުޅެދޭ އަގުބޮޑުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ މި ޖެނެރޭޝަނުގެ ޒުވާން އެކްޓަރުންގެ ތެރެއިން މިހާރު އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ އެކްޓަރަކީ ވަރުން ދަވަން އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރެމޯގެ ޑާންސް ފިލްމު ވަރުން ކުޅެދެނީ ވެސް 35 ކްރޯޑް ރުޕީސްއަށެވެ.

"ސިމްބާ" ގެ ބޮޑު ކާމިޔާބީއާ އެކު ރަންވީރު ފިލްމު ކުޅޭ އަގު ބޮޑު ކުރި ނަމަވެސް، އޭނާ ދެން ފިލްމަކަށް ނަގާނީ ކިހާ ވަރެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދުމާވަތު" ރަންވީރު ކުޅުނީ 11 ކްރޯޑް ރުޕީސްއަށެވެ. ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" ގެ މަސައްކަތް ފަށަން އޭނާ ތައްޔާރުވަމުން އަންނަ އިރު، އަންނަ މަހުގެ 14 ގައި ރަންވީރުގެ "ގަލީ ބޯއި" ސިނަމާތަކަށް އަންނާނެ އެވެ. އަދި ކަރަން ޖޯހަރުގެ "ތަހުތު" ގެ ޝޫޓިން ވެސް މި އަހަރު ރަންވީރު ފަށާނެ އެވެ.

އަރްޖުން އަސް ދުއްވަނީ

އަޝުތޯޝް ގޮވަރިކާގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން އަރުޖުން ކަޕޫރް އަސް ދުއްވަން ދަސްކުރުމުގެ ޕްރޮފެޝަނަލް ޓްރޭނިންތަކެއް ހަދަން ފަށައިފި އެވެ.

މި ފިލްމުގެ ބަތަލާ ކްރިތީ ސެނަން ވެސް ވަނީ ކުރިން އަސް ދުއްވަން ދަސްކޮށްފަ އެވެ. "ޕާނިޕަޓް" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، ކުރީގެ ބަތަލާ ޕަދްމިނީ ކޯލަޕޫރީ އަދި ކުރީގެ އެކްޓަރު ޝަޝީ ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅު ކުނާލް ކަޕޫރް ވެސް ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 6 ގަ އެވެ.

"ސޯންޗިރައްޔާ" ގެ ޓްރެއިލާ ދައްކާލައިފި

ސުޝާންތު ރާޖްޕޫތާއި ބޫމީ ޕެޑްނޭކަރު ލީޑް ރޯލް ކުޅެފައިވާ ފިލްމު "ސޯންޗިރައްޔާ" ގެ ޓްރެއިލާ ދައްކާލައިިފި އެވެ.

އަބީޝެކް ޗޯބޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. މި ފިލްމަކީ 2016 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމު "އުޅުތާ ޕަންޖާބް" އަށް ފަހު އޭނާ ބެލުންތެރިންނަށް ގެނެސް ދޭ ފުރަތަމަ ފުރަތަމަ ފިލްމެވެ.

"ސޯންޗިރައްޔާ ގައި ކިޔައި ދޭނީ އިންޑިއާގެ އަވަށެއް ކަމަށްވާ ޗަމްބަލްގެ ވާހަކައެކެވެ. ވަރަށް ރަސްޓކް ލުކެއް ފެނިގެން ދާނެ މި ފިލްމަކީ ކްރައިމް ޑްރާމާއެކެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މަނޯޖް ބަޖްޕާއީ، ރަންވީރު ޝޯރޭ އަދި އަޝުތޯޝް ރާނާ ހިމެނެ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ