އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅުވައިގެން، ކަބީރްހާން ޑައިރެކްޓްކުރާ ފިލްމު އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
ކުރިން މި އަހަރު ސިނަމާ އަށް ގެންނަން ނިންމި ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އެޕްރީލް، 10، 2020 އަށެވެ. ފިލްމުގެ ޝޫޓިން އަންނަ މެއި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، ރަންވީރު ސިންގްއާ އެކު "83" ގެ މުހިއްމު ރޯލްތައް ކުޅޭ ކާސްޓުން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
މި ފިލްމުގައި ރަންވީރު ފެނިގެން ދާނީ މުބާރާތް ކާމިޔާބު ކުރި އިންޑިއާ ޓީމްގެ ކެޕްޓަނަކަށް އޭރު ހުރި، މަޝްހޫރު ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލެވެ.
"ބަޖިރަންގީ ބައިޖާން" އާއި "އޭކް ތި ޓައިގާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ކަބީރު ބުނި ގޮތުގައި "83" ގެ ޝޫޓިން މެއި މަހު ލަންޑަނުގައި ފެށުމަށް ފަހު، ހަތަރު މަހެއްހާ ދުވަހަށް ޝޫޓިން ކުރިއަށް ގެންދާނެ އެވެ. އަދި ފިލްމުގެ މަންޒަރުތަކެއް އޭގެ ފަހުން އިންޑިއާގައި ވެސް ނަގާނެ ކަމަށް ބުންޏެވެ.
ކަބީރު އެންމެ ފަހުން ގެނެސް ދިނީ ސަލްމާން ހާން ލީޑް ރޯލް ކުޅުނު ފްލޮޕް ފިލްމު ޓިއުބްލައިޓް (2017) އެވެ.
"ސޯންޗިރައްޔާ" މާޗަށް ފަސްކޮށްފި
އަންނަ މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް އޮތް އަބީޝެކް ޗޯބޭގެ ފިލްމު "ސޯންޗިރައްޔާ" އަންނަ މާޗް މަހުގެ 1 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
ނަމަވެސް ފިލްމު ލަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
"ސޯންޗިރައްޔާ" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ސުޝާންތު ސިންގް ރާޖްޕޫތާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން އަޝުތޯޝް ރާނާ އާއި ރަންވީރު ޝޯރޭ އަދި މަނޯޖް ބަޖްޕާއީ އެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފލްމަކީ ޑަކޮއިޓުންގެ ވާހަކަ ކިޔައިދޭ ކްރައިމް ތުރިލާއެކެވެ. "އިޝްގިޔާ" އާއި "ދޭޅް އިޝްގިޔާ" ފަދަ ފިލްމުތައް ގެނެސް ދިން އަބީޝެކް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި 2016 ގެ "އުޅުތާ ޕަންޖާބް" އެވެ.
އެ ފިލްމުގައި ލީޑް ރޯލް ކުޅުނު ޝާހިދު ކަޕޫރާއި އާލިއާ ބަޓާއި ކަރީނާ ކަޕޫރްގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.
ރެމޯގެ ފިލްމުގެ ޝޫޓިން ފަށައިފި
ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅޭ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމުގެ ޝޫޓިން ޕަންޖާބްގައި ފަށައިފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމުގެ މަންޒަރުތަކެއް ޕަންޖާބްގެ އަމްރިތުސާގައި ހަފުތާއެއްހާ ދުވަހު ޝޫޓް ކުރުމަށް ފަހު ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ ލަންޑަނަށެވެ. ފިލްމުގެ ބޮޑު ބައި ޝޫޓް ކުރާނީ އެ ތަނުގަ އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނޯރާ ފަތެހީ އާއި ޕްރަބޫދޭވާ ވެސް ހިމެނެ އެވެ.
ރަސްމީކޮށް އަދިވެސް ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ "ސްޓްރީޓް ޑާންސާ" ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ވަރުން ފިލްމުގެ ޝޫޓިން ފެށި ވާހަކަ ހިއްސާ ކުރި ޓްވީޓްގައި #3 ޖަހާފައިވާތީ ބެލެވޭ ގޮތުން މިއީ ރެމޯ ގެނެސްދޭ ޑާންސް ސީރީޒް "އޭބީސީޑީ" ގެ ތިން ވަނަ ބައެވެ.
ދެހާސް ފަނަރައިގައި ރިލީޒް ކުރި "އޭބީސީޑީ 2" ގައި ވެސް ލީޑް ރޯލް ކުޅުނީ ވަރުން އާއި ޝްރަދާ އެވެ. ޝްރަދާ އަށް މި ފަހަރު މި ފިލްމުން ފުރުސަތު ލިބުނީ ކެޓްރީނާ ކެއިފް ފިލްމު ދޫކޮށްލުމުންނެވެ.
މި ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ނޮވެމްބަރު 8 ގަ އެވެ.
އެކްޓަރު މަދަވަން ޑައިރެކްޓަރަކަށް
އިންޑިއާގެ ސައިންސްޓިސްޓް ނަމްބީ ނަރަޔާނަންގެ ރޯލް ކުޅޭ ފިލްމު "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" އާ އެކު އެކްޓަރު އާރް މަދަވަން ޑައިރެކްޝަނަށް ނުކުމެއްޖެ އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ ފިލްމުގައި ނަމްބީގެ ރޯލް ވެސް ކުޅެނީ މަދަވަން އެވެ. ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ މަދަވަން ބޮޑަށް މަޝްހޫރ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގަ އެވެ.
އޭނާ ކުޅެފައިވާ މަޝްހޫރު ހިންދީ ފިލްމުތަކުގެ ތެރޭގައި "3 އިޑިއަންޓްސް" އާއި "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ފާހަގަކޮށްލެވެ އެވެ. މަދަވަންއަކީ ސައުތު އެންމެ ކާމިޔާބުގެ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި ތަމަޅަ، ތެލެގޫ އަދި ކަންނާގާ ބަހުރުވަ ފަދަ ބަސްތަކުން ހަދާފައިވާ ގިނަ ފިލްމުތަކެއް ކުޅެފައިވާ ވަރަށް ހުނަރުވެރިި އެކްޓަރެކެވެ.
އޭނާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި ޝާހްރުކް ހާންގެ ފްލޮޕް ފިލްމު "ޒީރޯ" އެވެ.