ދިވެހި ސިނަމާގެ ސުރުހީތައް

މި މަހުގެ ކުރީކޮޅު ޝޫޓިން ފެށި އަލީ ސީޒަންގެ ކުރު ފިލްމު "ސޯލް" ގެ މައިގަނޑު ޝޫޓިން ނިންމާލައިފި އެވެ.


ރާއްޖޭގެ ބައެއް ތަރިންނާއި އަވަށްޓެރި ސްރީ ލަންކާގެ ތަރިން ހިމަނައިގެން ގެނެސްދޭ ފިލްމަށް ލަންކާ އިން ގެނައި ދެ ތަރިން ވަނީ ޝޫޓިން ނިންމައި މިހާރު ގައުމަށް ވެސް ފުރައިފަ އެވެ.

ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ބިނާކޮށް ހަދާ "ސޯލް" ގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލާއި ނުޒުހަތު (ނުޒޫ) ޝުއައިބް ވެސް ހިމެނެ އެވެ. ސީޒަން ބުނެފައިވާ ގޮތުގައި މި ފިލްމުން މާލެ ކައިރީ ރަށްތަކުގެ އިތުރުން އއ. މަތިވެރީގެ ގުދުރަތީ ރީތި މަންޒަރުތައް ފެންނާނެ އެވެ.

"ސޯލް" އަކީ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީގައި ބައިވެރިކުރަން ހާއްސަކޮށްގެން ހަދާ 15 މިނިޓްގެ ފިލްމެކެވެ.

ސީޒަން އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2016 ގެ "ވަފާތެރި ކެހިވެރިޔާ" އެވެ.

"ނިވައިރޯޅި" މަނަދު އަށް

މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ބުރާސްފަތި ދުވަހުގެ ރޭ ނ. މަނަދޫގައި ކުލަ ގަދަކޮށް ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ފިލްމުގެ ޓީމުން ބުނި ގޮތުގައި އެ ރަށުގައި ބާއްވާ ޕްރިމިއާ ނައިޓްގައި ނިއުމާގެ އިތުރުން ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ޒީނަތު އައްބާހާއި އައިމިނަތު ރިޝްފާ އާއި އަހުމަދު (އަޒޭ) އަޒުމީލު ވެސް މަނަދު އަށް ދާނެ އެވެ.

މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރި "ނިވައިރޯޅި" މިހާރު އަންނަނީ އެކި ރަށްރަށުގައި އަޅުވަމުންނެވެ.

ފިލްމަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ އިރު، މިއީ މި އަހަރު އެޅުވި ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ފަހު 7 ޝޯ އޮލިމްޕަހުގައި ދައްކާނީ މި މަހުގެ 17، 18، 19، 24، 25، 26، އަދި 31 ގަ އެވެ.

ވީޑިއޯ ލަވަ "ބޭނުން" އަންނަ މަހުގެ 14 ގައި

ދެހާސް ސޯޅަ ވަނަ އަހަރު އަޒްހާން އިބްރާހީމް ގެނެސް ދިން ވީޑިއޯ ލަވަ "ހީލީމާ" ގެ އިތުރު ބައެއްގެ ގޮތުގައި ގެނެސްދޭ ލަވަ "ބޭނުން؛ ހީލީމީ އެގެއިން" އަންނަ މަހުގެ 14 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރު މި ލަވަ ބެލުންތެރިންނަށް ގެނެސްދޭ "ބޭނުން" ގެޓެކްނިކަލްގެ މަސައްކަތުގެ ފަހަތުގައި އޮތީ ފިލްމީ ދާއިރާ އަށް ވަރަށް ފަހުން ތައާރަފުވި ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ އިމޭޖިނޭޝަން ރިއަލިޓީ އެވެ.

އެތަނުން މީގެ ކުރިން ވެސް ވަނީ ހިތްގައިމު ދެ ލަވައެއްގެ ވީޑިއޯ ވެސް ބެލުންތެެރިންނަށް ގެނެސް ދީފަ އެވެ. "އަންނާށޭ ހުންނާށޭ" އަކީ އެ މީހުންގެ ފުރަތަމަ މަސައްކަތެވެ.

"ބޭނުން" ގެ މިއުޒިކް ހުސައިން ތައުފީގު ހަދާފައިވާ އިރު، މީގެ މެލޮޑީ ހެދީ މީރާ މުހައްމަދު މާޖިދެވެ. ޅެން ވެސް ލަވައިގެ ޑައިރެކްޓަރު އަޒްހާން ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ރައިހާން އާދަމާއި ލަމްހާ ލަތީފެވެ.

ލަވައިން މި ފަހަރު ފެނިގެން ދާނީ ދާދި ފަހުން ރާއްޖޭގައި ބޭއްވި ޓޮޕް މޮޑެލްގައި ވާދަ ކުރި ޖަމްޝީދާ ޖަމްޝީދާއި އިންސްޓަގްރާމް މޮޑެލްއެއްގެ ގޮތުގައި މިހާރު ކުރި އަރަމުން އަންނަ މުހައްމަދު އިޝްފާނެވެ.