ޒީރޯ ޑިގްރީ ނާޝިދުގެ ޓްރިބިއުޓް ޝޯ އަންނަ މަހު 21 ގައި

ރާއްޖޭގެ މިއުޒިކަށް އިންގިލާބެއް ގެނައި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީގެ އިސް ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ހާއްސަ ކުރާ ޝޯއެއް އަންނަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.


އޮލިމްޕަހުގައި ބާއްވާ ޝޯ އިންތިޒާމް ކުރަނީ މެއިން ސްޕޮންސަރު އެސްޓީއޯގެ އެހީއާ އެކު މިއުޒިކް އިން ސޯޝަލް ކޮމިއުނިޓީ (މިސްކް މޯލްޑިވްސް) އިންނެވެ. ޝޯގެ ކަންކަމުގައި ދެން ހަރަކާތްތެރި ވަނީ ނެޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އާއި އެޒައިޑަން އެވެ.

މިސްކް މޯލްޑިވްސް އިން ބުނީ ނާޝިދަށް ބާއްވާ ޓްރިބިއުޓް ޝޯގައި ރާއްޖޭގެ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުން ބައިވެރިވާނެ ކަމަށެވެ.

ރާއްޖޭގެ މިޔުޒިކަށް ނާޝިދު ކޮށްދިން ބޮޑެތި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ބާއްވާ ޝޯ އޮންނަނީ މިސްކް މެގަޒިންގެ 22 ވަނަ އަދަދާ ވެސް ގުޅުވައިގެންނެވެ. އުމުރުން ހަ އަހަރު ވީ މަޖައްލާގެ 22 ވަނަ އަދަދު ހާއްސަކޮށްފައި ވަނީ ވެސް ނާޝިދަށެވެ.

މިސްކްގެ ކޯ-ފައުންޑަ އަދި ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު ނަޖްވާން ބުނީ ނަޝީދުގެ ޓްރިބިއުޓް ޝޯއަކީ އޭނާގެ އާއިލާއާ ވަަރަށް ބޮޑަށް ގުޅިގެން ބާއްވާ އިވެންޓެއް ކަމަށެވެ.

ޝޯގައި ނާޝިދުގެ އަންހެން ދަރިފުޅު ނިޝް ނާޝިދު ވެސް ބައިވެރިވާނެ އެވެ.

ނާޝިދުގެ ދަރިފުޅު ނިޝް މިސްކް މެގެޒިންގެ ނާޝިދުގެ ހާއްސަ އެޑިޝަން މިދިޔަ މެއި މަހު ނެރެދެނީ. ފޮޓޯ: މިސްކް

"ކުރިން މި ޝޯ ބާއްވަން ނިންމީ މިދިޔަ ޖުލައި މަހު. އެހެން ނަމަވެސް ވީހާ ވެސް ވަރުގަދަކޮށް އަދި ފުރިހަމަކޮށް ޝޯ ބާއްވަންވެގެން ފަހުން ޑިލޭކޮށްލީ،" ނަޖުވާން ބުންޏެވެ.

"މި ގޮތަށް ރާއްޖޭގެ ލެޖެންޑަކަށް ދެވޭ ފުރަތަމަ ޓްރިބިއުޓް ކަމަށް ވާތީ ވަރަށް ޕާފެކްޓް އެއްޗަކަށް ހަދަން މީގައި އިންވޯލްވާ އެންމެން ވެސް ބޭނުން ވަނީ. އެހެންވީމާ އަންނަ މަހު ޝޯ ބޭއްވިގެން ދާ އިރު، ވަރަށް ފުރިހަމަ ހިތްގައިމު ޝޯއެއް ފެނިގެން ދާނެ."

ޒީރޯ ޑިގްރީން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި 10 ލަވަ ހިމެނޭ ދޯނި (1996) އާއި 14 ލަވަ ހިމެނޭ އައިލެންޑް ޕަލްސް (1997) އަދި ނުވަ ލަވަ ހިމެނޭ ބާޑް އިން ފްލައިޓް (2003) ހިމެނެ އެވެ. މީގެ ތެރެއިން "ދޯނި" އަލްބަމްގައި ހިމެނެނީ ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދާނެ ފަދަ މުއްސަނދި މިޔުޒިކާއި މޮޅު ޅެންވެރިކަން އެކުލެވޭ ލަވަތަކެކެވެ.