ޒީރޯ ޑިގްރީ ނާޝިދަށް ޖުލައި 14 ގައި ޓްރިބިއުޓް ޝޯއެއް

ރާއްޖޭގެ މިޔުޒިކް ލެޖެންޑެއް ކަމަށްވާ ޒީރޯ ޑިގްރީ އެޓޯލްސްގެ މަޝްހޫރު މިޔުޒިކް ކުޅުންތެރިޔާ އަދި ލަވަ ކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ) އަށް ޓްރިބިއުޓް ޝޯއެއް ދޭން ތައްޔާރުވެއްޖެ އެވެ.


މިޔުޒިކް އިން ސޯޝަލް ކޮމިއުނިޓީ (މިސްކް) އާއި ނެޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އަދި އެޒައިޑަން ގުޅިގެން ބާއްވާ ޝޯ އޮންނާނީ އަންނަ ޖުލައި މަހުގެ 14 ގަ އެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ޝޯ އޮންނާނީ އޮލިމްޕަހުގަ އެވެ.

ޝޯ ބޭއްވުމާ ގުޅޭ ގޮތުން މިސްކާއި އެންސީއޭ އަދި އެޒައިޑަން މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

އެންސީއޭގެ އެގްޒެކެޓިކް ކޯޑިނޭޓަރު ނާޒިމާއި މިސްކްގެ ފައުންޑަ އަދި އެޑިޓަރު ރިއާޔަރު ޓްރިބިއުޓް ޝޯގެ އެއްބަސްވުން ބަދަލު ކުރަނީ. ފޮޓޯ: މިސްކް

މިސްކް މެގަޒިންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެގަޒިންގެ ފައުންޑާ ރިއާޔަތު އަބްދުލް މަޖީދާއި ކޯ-ފައުންޑަރު މުހައްމަދު ނަޖްވާން އެވެ.

އެންސީއޭގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަހްމަދު ނާޒިމެވެ. އަދި އެޒައިޑަންގެ ފަރާތުން ސޮއި ކުރެއްވީ ޑައިރެކްޓަރު އޮފް އިވެންޓްސް އެންޑް އޮޕަރޭޝަންސް އަހްމަދު ހަމްޒޫނެވެ.

މިސްކާއި އެޒައިޑޮން އާ ދެމެދު ނާޝިދުގެ ޓްރިބިއުޓް ޝޯގެ އެއްބަސްވުން ބަދަލު ކުރަނީ. ފޮޓޯ: މިސްކް

ރިއާޔަތު ވިދާޅުވީ ދިވެހި މިޔުޒިކަށް އިންގިލާބެއް ގެނައި ނާޝިދަށް ދޭ ޓްރިބިއުޓަކީ އޭނާ އަށް ދެވޭ ހާއްސަ ހަދިޔާއެއް ކަމަށެވެ.

ޝޯ ބާއްވަނީ މިސްކް މެގަޒިންގެ 22 ވަނަ އަދަދާ ވެސް ގުޅުވައިގެންނެވެ. މިސްކް މެގަޒިންގެ 22 ވަނަ އަދަދަކީ އެ މެގަޒިން އަށް ހަ އަހަރު ފުރޭ އަދަދެވެ. އަދި އެ އަދަދު ހާއްސަކޮށްފައި ވަނީ ނާޝިދަށެވެ.

"ލީވް މީ އެލޯން" ބާއި ނާޝިދު: މިއީ "ބާޑް އިން ފްލައިޓް" ގެ ލަވައެއް.

ޓްރިބިއުޓް ޝޯ އިންތިޒާމް ކުރާ ތިން ފަރާތުން ވެސް ބުނީ މީގެ ބޭނުމަކީ ނާޝިދުގެ މިޔުޒިކީ ހިދުމަތުގެ އަގު ވަޒަން ކުރުން ކަމަށެވެ.

ޒީރޯ ޑިގްރީން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި 10 ލަވަ ހިމެނޭ ދޯނި (1996) އާއި 14 ލަވަ ހިމެނޭ އައިލެންޑް ޕަލްސް (1997) އަދި ނުވަ ލަވަ ހިމެނޭ ބާޑް އިން ފްލައިޓް (2003) ހިމެނެ އެވެ.

މީގެ ތެރެއިން ވެސް "ދޯނި" އަލްބަމަކީ ވަަރަށް ފާހަގަކޮށްލެވޭ އަލްބަމެކެވެ. އަނެއް ދެ އަލްބަމާ ހިފާލަށް "ދޯނީ" ގައި ހިމެނެނީ މުޅިން ވެސް ދިވެހި ރަހަތަކުން ޖަރީވެފައިވާ ދިވެހި ލަވަ އެވެ.

އޭގެ ލަވަތަކަކީ މިހާރުގެ މިޔުޒިކް ކުޅޭ މީހުންނާއި ލަވަ ކިޔާ މީހުން ވަރަށް އާންމުކޮށް ކިޔާ ލަވަތަކެވެ.