މިއުޒިކީ ފަންނާނުންގެ ފޯރަމެއް މިރޭ ބާއްވަނީ

ރާއްޖޭގެ މިއުޒިކީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން މިރޭ ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ


ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމް އޮންނާނީ ޔޫތު ސެންޓަރުގައި، މިރޭ 8:45 ގަ އެވެ.

އެންސީއޭ އިން ބުނި ގޮތުގައި މި ފޯރަމަކީ މިއުޒިކީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ދާއިރާގެ ފަންނުވެރިިންގެ ހިޔާލު ހޯދަން ބާއްވާ ފޯރަމެކެވެ. ފޯރަމްގައި މިއުޒިކީ ފަންނާނުންނާއި ސަގާފީ އަދި ޒަމާނީ މިއުޒިކް ގްރޫޕްތަކާއި ސަގާފީ އަދި ޒަމާނީ ނަށާ ގްރޫޕްތަކާއި ސްޓޫޑިއޯ ފަންނާނުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

މިއީ ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހިޔާލު ހޯދަން މިގޮތަށް ބާއްވާ ފުރަތަމަ ފޯރަމެވެ.

އެންސީއޭ އިން ބުނި ގޮތުގައި ފޯރަމްގައި ހޯދާ ހިޔާލުތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި މި ދާއިރާގެ ކުރުއެރުމާއި ތަރައްގީ އަށް ޕްރޮގްރާމަތަކެއް ހިންގާނެ އެވެ.

އެންސީއޭ މިފަހުން އަންނަނީ ރާއްޖޭން ބޭރުގެ އެކިއެކި މިއުޒިކް ފެސްޓިވަލްތަކުން ވެސް ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދެމުންނެވެ.