ފަންނާނުންނަށް ހުރި ދަތިތައް ހައްލުކޮށް ދޭނަން: ޔުމްނާ

ރާއްޖޭގެ މިއުޒިކީ ދާއިރާގެ ފަންނާނުންގެ ކުރިއެރުމަށް މަސައްކަތްދެއްވާނެ ކަމަށާއި އެ މީހުން ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.


މިއުޒިކާއި ނެށުން ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަންނާނުންނާ އެކު ރޭ ޔޫތު ސެންޓަރުގައި ބޭއްވި ފޯރަމްގައި ވަނީ އެ މީހުންނަށް ދިމާވެފައިވާ އެކި ކަހަލަ ދަތިތަކާއި ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ފަންނާނުން ކުރިއަރުވަން މަސައްކަތްކުރާ އިރު އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށް ދިއުން ވަރަށް މުހިއްމު ކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް ތަނުގައި ވެސް ފަންނާނުންނާ އެކު ފޯރަމްތައް ބޭއްވުމުގެ އިތުރުން، ވަކިވަކިން ފަންނާނުންނާ ބައްދަލުކޮށް އަދި އެ ނޫން ވެސް ގޮތްގޮތަށް އެ މީހުންގެ ހިޔާލު ހޯދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަނީ ފަންނާނުން ކުރިއަރުވަން މަސައްކަތްތައް ކުރަން ރާވަމުން. އަދި ފަންނާނުންގެ ހުރި ކަންބޮޑުވުންތައް އަޑު އަހައި އެ މީހުންނަށް ދަތިވާ ކަންކަން ކޮށްދޭން މަސައްކަތް ކުރަމުން،" ޔުމްނާ ވިދާޅުވި އެވެ. "މިހެން ދެންނެވިޔަސް ގަބޫލު ކުރައްވަން ވާނެ ހުރިހާ ކަމެއް ކުއްލިއަކަށް ނުވާނެކަން. އެންމެ އާދައިގެ ކަންކަމުން ފަށައިގެން ގޮސް ބޮޑެތި ކަންކަން ވެސް ހައްލުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން."

މިއުޒިކް ކުޅޭ ފަންނާނުން މައިގަނޑު ގޮތެއްގައި ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހި ފަންނާނުންނަށް މިއުޒިކް ކުޅެން ފުރުސަތު ލިބުން މަދުވުމާއި ދިވެހި ފަންނާނުންގެ އަގު ވެސް ރިސޯޓްތަކުން ފާހަގަނުކުރާ މައްސަލަ އެވެ.

އެގޮތުން އެކިއެކި މަސައްކަތް ކުރުމުގެ ނަމުގައި ރިސޯޓްތަކަށް ބޭރު މީހުން ގެނެސްގެން ރިސޯޓްތަކުން މިއުޒިކް ކުޅުވާކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ދިވެހި މިއުޒިޝަނުން ކުރާ މަސައްކަތުގެ އަގު ސަރުކާރުން ވެސް ވަޒަންކުރުން ކުޑަވުމާއި ދާއިރާ އަށް ގިނަ ދުވަހު ހިދުމަތްކޮށްފައި ވިޔަސް، ރިޓަޔާކުރާ ހިސާބަށްދާ އިރު، ޕެންޝަން ކަހަލަ އެއްވެސް ފުރުސަތެއް ވެސް އެފަދަ ހިދުމަތްތެރިންނަށް ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް ބައެެއް ފަންނާނުން ފާހަގަކޮށްފައިވެ އެވެ.

ރޭ ބޭއްވި ފަންނާނުންގެ ފޯރަމްގެ ތެރެއިން. ފޮޓޯ: އެންސީއޭ

އަދި ފަންނާނުންގެ އަރުޝީފެއް ރާއްޖޭގައި ނެތުމާއި ފަންނާނުން ރެޖިސްޓްރީކުރުން ދަތިވުމާއި ފަންނާނުންގެ އައިޑެންޓިޓީ ކަށަވަރު ކުރެވޭނެ ރަސްމީ އުސޫލެއް ހަމަޖެހިފައި ނެތުން ފަދަ މައްސަލަތައް ވެސް ބައެެއް ފަންނާނުން ފާހަގަކުރި އެވެ. އަދި ދިވެހި ސަގާފަތް އޮޅުންބޮޅުންވާ ގޮތަށް މިހާރު ކަންކަން ކުރެވެމުންދާތީ އެއީ ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ފަންނާނުން ކުރިއަރުވަން އުފައްދާފައިވާ މުއައްސަސާ، ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ވެސް މިހާރަށް ވުރެ ހަރުދަނާކޮށް ހިންގަން ޖެހޭ ކަމަށް ފަންނާނުން ބުންޏެވެ.

ފޯރަމްގައި ރޭ ހިޔާޅު ފާޅުކުރި ބައެއް ފަންނާނުން ބުނި ގޮތުގައި ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމާއި ރާއްޖޭގައި ބާއްވާ ފެއާތަކަށް ސަގާފީ ގްރޫޕްތައް ހޮވާއިރު އިންސާފުން ބޭރުން ކަންކަން ހިނގާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ރިސޯޓްކުން ފަންނާނުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދެއްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ އެވެ. އެގޮތުން މިހާރު ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އިންސްޕެކްޝަނެއް ހަދަން ނިންމާފައިވާތީ އޭގެ ތެރެއިން މަންޒަރު ސާފުވެ، ދިވެހި ފަންނާނުންނަށް ކުރިމަތިވެފައި އޮތް މައްސަލައިގެ އަސްލު ވެސް ސާފުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ރޭ ބޭއްވި ފަންނާނުންގެ ފޯރަމްގެ ތެރެއިން. ފޮޓޯ: އެންސީއޭ

އެހެންވެ ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރާ އިރު، ރިސޯޓްތަކުން ދިވެހި ފަންނާނުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށް ދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މީގެ އިތުރުން ބޭރުގެ ފެއާތަކަށް ގެންދާ ސަގާފީ ގްރޫޕްތައް ހޮވަން ކުރިއަށް ގެންދާ ޕްރޮސެސް އެމްއެމްޕީއާރްސީގެ ތެރެއިން ސާފުކޮށް، ކަންކަން އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.