ސާރާ، މަންމަ އަމްރިތާއާ އެކު.
29 ޖެނުއަރީ 2019 - 07:34
ފިލްމެއްގައި މަންމައާ އެކު މަސައްކަތްކުރަން އަދި ތައްޔާރު ނޫން ކަމަށް، މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ސާރާ އަލީ ހާން ބުނެފި އެވެ.
ސައިފް އަލީ ހާނާއި އަމްރިތާ ސިންގްގެ ދޮށީ އަންހެން ދަރިފުޅު ފިލްމްފެއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މަންމަ އަމްރިތާ ވެސް އަދި އޭނާއާ އެކު ސްކްރީން ހިއްސާކޮށްލަން ބޭނުން ވާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މަންމައާ އެކު ފިލްމެއްގެ މަސައްކަތްކޮށްފާނެތޯ އެހުމުން ސާރާ ބުނީ "އެއީ ވަރަށް ގޯސް ހިޔާލެއް" ކަމަށެވެ.
"އެއީ އަދި އަހަރެން ވިސްނާފައި ވެސް އޮތް ކަމެއް ނޫން. އަހަންނަށް ހީވަނީ މަންމައާ އެކު ފިލްމެއް ކުޅެން އަހަރެން ވެސް އަދި މަންމަ ވެސް އެކަމަށް ތައްޔާރެއް ނޫންހެން،" ކެދަރުނާތު އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.
ސާރާ، މަންމަ އަމްރިތާ އާއި ކޮއްކޮ އިބްރާހީމް އަލީ ހާނާ އެކު.
ސާރާ ބުނި ގޮތުގައި މަންމައާ އެކު މި ވަގުތު ފިލްމެއްގެ މަސައްކަތް ކުރަން ވިސްނުމުގައި ނެތަސް، ބައްޕަ ސައިފާ އެކު ފިލްމެއް ކުޅެން ތައްޔާރެވެ. އަދި އެއީ ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
Today’s the day! Watch #SaraAliKhan in conversation with @jiteshpillaai on season 2 of #FamouslyFilmfare tonight, 7:30 PM, only on @colors_infinity. @AmexIndia | @MyNykaa pic.twitter.com/bTTiywxx57
— Filmfare (@filmfare) January 27, 2019
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ސާރާގެ ދެވަނަ ފިލްމު "ސިމްބާ" ގެ ބަތަލު ރަންވީރު ސިންގްގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އާއި ސައިފް 2009 ގައި ކުޅުނު ފިލްމު "ލަވް އާޖް ކަލް" ގެ ދެވަނަ ބައެއް ހަދަން ޑައިރެކްޓަރު އިމްތިއާޒް އަލީ ނިންމާފައިވާ އިރު، އެ ފިލްމުގައި ސާރާގެ ބައްޕަ ރޯލް ސައިފް ކުޅޭނެ އެވެ.
"ބައްޕައާ އެކު ފިލްމެއްގެ މަސައްކަތް ކުރެވިދާނެ. އަދި އެއީ ވަރަށް ހާއްސަ ފިލްމަކަށް ވެގެން ދާނެ،" ސާރާ ބުންޏެވެ.
"ކެދަރުނާތު" އާއި "ސިމްބާ" އަށް ފަހު، ސާރާ ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy