ކްރިސް އާއި ކެތުރީން: ދެ މީހުން އެންގޭޖްވީ މިދިޔަ މަހު.
05 ފެބުރުއަރީ 2019 - 07:35
އަލަތު ކައިވެނި 2017 ގައި ނިމުމަކަށް އައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓް ދެވަނަ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އޭނާ އަޑު އަޅައިދީފައިވާ އެނިމޭޓެޑް ފިލްމު "ދަ ލެގޯ މޫވީ 2" ގެ ލޮސް އެންޖެލިސް ޕްރިމިއާގައި 39 އަހަރުގެ އެކްޓަރު ބުނި ގޮތުގައި މި އަހަރުގެ ފަހުކޮޅު ލޯބިވެރިޔާ ކެތުރީން ޝްވެޒްނެގާ، 29، އާ ކައިވެނި ކުރާނެ އެވެ. ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ކެތުރީންއަކީ މަޝްހޫރު އެކްޓަރު އަދި ކެލިފޯނިއާގެ ކުރީގެ ގަވަރުނަރު އާނޯލްޑް ޝްވެޒްނެގާ، 71، ގެ ދަރިއެކެވެ.
ކްރިސް އާއި ކެތުރީން އެންގޭޖްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
"މި ބަލަނީ ފޯލް ނޫނީ ވިންޓާ އަށް ކައިވެނި ޕްލޭން ކުރެވޭތޯ،" ޕީޕަލް އަށް ކްރިސް ބުންޏެވެ. "ވަރަށް ގިނަ ތައްޔާރީތައް އެބަހުރި ވާން ޖެހޭ."
ކްރިސް އާއި ކެތުރީން.
ކްރިސް އާއި ކުރީގެ އަންހެނުން އަނާ ފާރިސް 2009 ގައި ކުރި ކައިވެނި ރޫޅައިލަން ނިންމިކަން އިއުލާންކޮށްފައި ވަނީ 2017 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ.
ދެވަނަ ކައިވެންޏަށް ކްރިސް ތައްޔާރުވަމުން އަންނަ އިރު، އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އެވެންޖާޒް: އެންޑްގޭމް" އާއި "ދަ ކިޑް" ހިމެނެ އެވެ. މި ދެ ފިލްމު ވެސް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy