ބަފްޓާ އެވޯޑްސް: މޮޅު ފިލްމަކީ "ރޯމާ"، ގިނަ އެވޯޑްތައް "ދަ ފެވަރިޓް" އަށް

މި އަހަރުގެ 72 ވަނަ ބަފްޓާ އެވޯޑްސްގައި މެކްސިކޯގެ "ރޯމާ" އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި ނަމަވެސް އެންމެ ގިނަ އެވޯޑް އުފުލައިލި ފިލްމުގެ ޝަރަފު "ދަ ފެވަރިޓް" ހޯދައިފި އެވެ.


އެ ފިލްމު 12 ކެޓަގަރީއަކުން ނޮމިނޭޓްވި އިރު، ހަތް ކެޓަގަރީއަކުން އެވޯޑް ކަށަވަރު ކުރި އެވެ.

އެ އެވޯޑްތަކަކީ އެންމެ މޮޅު ބަތަލާ (އޮލީވިއާ ކޮލްމަން)، އެންމެ މޮޅު ސަޕޯޓިން ބަތަލާ (ރެޗެލް ވެއިޒް)، އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ (ޑެބޯރާ ޑޭވިސް/ޓޯނީ މެކްމާރާ)، ބެސްޓް މޭކަޕް އެންޑް ހެއާ، ބެސްޓް ޕްރޮޑަކްޝަން ޑިޒައިން އަދި ބެސްޓް އައުޓްސްޓޭންޑިން ބްރިޓިޝް ފިލްމު އެވޯޑެވެ.

ބަފްޓާގެ މުހިއްމު އިތުރު ކެޓަގަރީތަކަޑް ބަލާ އިރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ފިލްމުގެ މަގާމާއި އެންމެ މޮޅު ސިނަމޯގްރަފީ އަދި އެންމެ މޮޅު ބޭރު ފިލްމުގެ ބަފްޓާ ގެންދިޔައީ ފިލްމު "ރޯމާ" އާއި އޭގެ ޑައިރެކްޓަރު އަލްފޮންސޯ ކުއަރޯ އެވެ.

އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދީ ގޯލްޑެން ގްލޯބް އެވޯޑްސް ވެސް ހޯދީ "ބޮހީމިއަން ރާޕްސޮޑީ" ގެ އެކްޓަރު ރަމީ މާލިކެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު ވެސް ގެންދިޔައީ ގޯލްޑެބް ގްލޯބް ވެސް އެ ކެޓަގަރީން ހޯދި މެހެރްޝާލާ އަލީ އެވެ. އެ ފިލްމު "ގްރީން ބުކް" އިންނެވެ.

އެންމެ މޮޅު ވިޝުއެލް އިފެކްޓްސްގެ އެވޯޑް "ބްލެކްޕެންތާ" ހޯދި އިރު، ބެސްޓް އޮރިޖިނަލް މިއުޒިކުން ބަފްޓާ އެވޮޑް އުފުލައިލީ ބްރެޑްލީ ކޫޕާ އާއި ލޭޑީ ގާގާގެ "އަ ސްޓާ އިޒް ބޯން" އެވެ.

* ބެސްޓް އެޑަޕްޓެޑް ސްކްރީންޕްލޭ: ބްލެކްކްލަންސްމަން

* ބެސްޓް އެޑިޓިން: ވައިސް

* ބެސްޓް ސައުންޑް: ބޮހީމިއަން ރާޕްސޮޑީ

* ބެސްޓް އެނިމޭޓެޑް ފިލްމު: ސްޕައިޑަ-މޭން: އިން ޓް ދަ ސްޕައިޑާ-ވާސް

* ބެސްޓް ބްރިޓީޝް ޝޯޓް އެނިމޭޝަން: ރަފްހައުސް

* ބެސްޓް ބްރިޓިޝް ޝޯޓް ފިލްމު: 73 ކައުސް

* ބެސްޓް ޑޮކިއުމަންޓަރީ: ފްރީ ސޯލޯ

* އީއީ ރައިޒިން ސްޓާ: ލެޓިޓިއާ ރައިޓް (ބްލެކްޕެންތާ)

* ބެސްޓް ބްރިޓިޝް ޑައިރެކްޓަރު/ޕްރޮޑިއުސަރު: މައިކަލް ޕިއާޒް/ލޯރެން ޑާކް (ދަ ބީސްޓް)

ލަންޑަނުގެ ރޯޔަލް އަބަލްބަޓް ހޯލްގައި ބޭއްވި އެވޯޑް ހަފުލާ ހޯސްޓް ކުރީ އިނގިރޭސި ބަތަލާ ޖޮއާނާ ލަމްލީ، 72، އެވެ.