އޭޝިއާގެ އެކްޓަރަކާ އެކު މާވެލް އިން ހަދާ ފުރަތަމަ ސުޕަހީރޯ ފިލްމަށް ޑައިރެކްޓަރަކު ލިބިިއްޖެ

އޭޝިއާ އަށް ނިސްބަތްވާ އެކްޓަރަކު ލައްވައި މާވެލް ސްޓޫޑިއޯ އިން ހަދާ ފުރަތަމަ ސުޕަހީރޯ ފިލްމު "ޝަންގް-ޗީ" ގެ ޑައިރެކްޓަރަކަށް ޑެސްޓިން ޑެނިއެލް ކްރެޓަން ހަމަޖައްސައިފި އެވެ.


އެމެރިކާގެ ހަވާއީ އަށް އުފަން ކްރެޓަންއަކީ "ދަ ޝެކް" އާއި "ދަ ގްލާސް ކާސަލް" ފަދަ ފިލްމުތައް އުފެއްދި ޑައިރެކްޓަރެވެ. އޭނާ މިހާރު އަންނަނީ އަންނަ އަހަރު ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ޖަސްޓް މާސީ" ގެ މަސައްކަތް ކުރަމުންނެވެ.

އެ ފިލްމުގެ ތަރިންނަކީ މިހާރު ބޮކްސް އޮފީހުގައި ރަނިކަން ކުރަމުން އަންނަ މާވެލް އާއި ޑިޒްނީގެ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" ގެ ބަތަލާ ބްރީ ލާޒަން އާއި މައިކަލް ބީ ޖޯޑަން އެވެ.

"ޝަންގް-ޗީ" އަކީ މާވެލްގެ ކޮމިކްތަކުން އުފަންވެގެން އައި ޗައިނާ އާއި އެމެރިކާ އަށް ނިސްބަތްވާ ސުޕަހީރޯ ކެރެކްޓާއެކެވެ. ނަމަވެސް ފިލްމުގައި އެ ރޯލް ކުޅޭނެ އެކްޓަރަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމު ބެލުންތެރިންނަށް ގެނެސް ދޭނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.

މާވެލްގެ ފިލްމެއް ޑައިރެކްޓް ކުރަން ކްރެޓަން އަށް ލިބުނު އިރު، އޭނާ ވަނީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި މާވެލްގެ "ބްލެކް ޕެންތާ" ގެ ޑައިރެކްޓަރު ރަޔަން ކޫގްލާއާ ގުޅިގެން "ސީންސް އޮފް މައިނާ" ގެ ނަމުގައި ޓީވީ ސިލްސިލާއެއް ހަދައިފަ އެވެ.