"އެވެޓާ" ސީކްއެލްތަކުގެ ކާސްޓަށް މިޝެލް ޔިއޯ

ބޮކްސް އޮފީހުގައި މުޅިން އާ ރެކޯޑްތަކެއް ހެދި ޖޭމްސް ކެމެރަންގެ 2009ގެ "އެވެޓާ" ސީކްއެލްތަކުގެ ކާސްޓަށް ބަތަލާއަކު އިތުރުވެއްޖެ އެވެ.


ކެމެރަންގެ "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓް ވެސް ފެނިގެންދާ "އެވެޓާ" ގެ ސީކްއެލްތަކުގެ ކާސްޓާ އަލަށް ގުޅުނު ބަތަލާ އަކީ މިދިޔަ އަހަރު ރިލީޒްކުރި "ކްރޭޒީ ރިޗް އޭޝިއަންސް" އާއި "ކްރައުޗިން ޓައިގާ ހިޑެން ޑްރެގެން" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު މިޝެލް ޔިއޯ އެވެ.

އޭނާ "އެވެޓާ" އާ ގުޅުނުކަން ކަށަވަރުކޮށް ދެމުން ކެމެރެން ޓްވިޓާގައި ބުނީ މެލޭޝިއާ އަށް އުފަން 56 އަހަރުގެ ބަތަލާ ކުޅޭނީ ޑރ. ކެރީނާ މިނޯގް ކިޔާ ސައިންޓިސްޓެއްގެ ރޯލް ކަމަށެވެ.

މިޝެލް އަށް ތައުރީފު ކުރަމުން ކެމެރެން ބުނީ އެއީ ކެރިއަރުގައި މިހާތަނަށް އެކި ކަހަލަ ތަފާތު ރޯލްތައް ކުޅެމުން އަންނަ ވަރަށް ފާހަގަކޮށްލެވޭ މޮޅު ބަތަލާއެއް ކަމަށެވެ.

"އެހެންވެ އަހަރެން ވެސް މިޝެލްގެ ތަފާތު ރޯލެއް އެވެޓާގެ ފިލްމުތަކުން ދައްކުވައި ދޭނަން،" ކެމެރެން ބުންޏެވެ.

މިޝެލް ކުޅެފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ޖޭމްސް ބޮންޑް ސީރީޒްގެ 1997 ގެ ފިލްމު "ޓްމޯރޯ ނެވާ ޑައިސް" އާއި 2008 ގެ "ސްލަމްޑޯގް މިލިއަނާ" ގެނެސް ދިން ޑެނީ ބޮޔޭލްގެ 2007 ގެ ފިލްމު "ސަންޝައިން" ހިމެނެ އެވެ.

"އެވެޓާ" ގެ ހަތަރު ފިލްމެއް ސިނަމާތަކަށް ގެންނަން ޕްލޭންކޮށްފައިވާ އިރު، ސީކްއެލްތަކުގެ ފުރަތަމަ ބައި "އެވެޓާ 2" ތާވަލުކޮށްފައި ވަނީ ޑިސެމްބަރު، 18، 2020 އަށެވެ.

"އެވެޓާ" ސީކްއެލްތައް މި ފަހަރު ޕެންޑޯރާ ދުނިޔޭގެ ކަނޑުއަޑީގެ ހާދިސާތަކަށް ވަރަށް ބޮޑަށް ބިނާކޮށްފައިވާ އިރު، ފިލްމުން މި ފަހަރު ކުޑަކުދިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ "އެވެޓާ 2" ގެ ކާސްޓުންގެ ތެރޭގައި ފުރަތަމަ ބައިން ވެސް ފެނުނު ޒޯއީ ސަލްދަނާ، ސޭމް ވޯތިންޓަން، ކްލިފް ކާޓިސް، ކޭޓް އަދި ބްރިޓަން ޑާލްޓަން ފަދަ ތަރިން ހިމެނެ އެވެ.

ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ޑިސެމްބަރު، 18، 2009 ގައި ނެރުނު "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ. އެ ފިލްމަށް 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"އެވެޓާ" ގެ ތިން ވަނަ ބައި ސިނަމާ އަށް ގެންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ. ހަތަރު ވަނަ ބައި ޑިސެމްބަރު 20، 2024 ގައި ގެނެސް ދިނުމަށް ފަހު، ފަސް ވަނަ ބައި ރިލީޒް ކުރާނީ ޑިސެމްބަރު 19، 2025 ގަ އެވެ.