ރަންވީރާއި ސިދާންތު "ގަލީ ބޯއި" ގެ މަންޒަރެއްގައި.
24 އެޕްރީލް 2019 - 07:36
މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ގަލީ ބޯއި" ގެ ވާހަކަ އިން ކުރި ފަޅުވައިގެން ފިލްމެއް ގެނެސްދޭން ނިންމައިިފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޒޯޔާ އަހްތަރު ޑައިރެކްޓް ކުރި ފިލްމުގެ ސްޕިން-އޮފެއް ގެނެސް ދޭން ނިންމާފައި ވަނީ އެ ފިލްމުގައި ރެޕާއެއްގެ ރޯލް ކުޅުނު ސިދާންތު ޗަކްރަވެދީ ކުޅުނު މަގުބޫލު ކެރެކްޓާ އެމްސީ ޝޭރް އަށް ބިނާކޮށް ކަމަށެވެ.
އެ ކެރެކްޓާއަކީ ރަންވީރު ސިންގް ކުޅުނު މުރާދުގެ ކެރެކްޓާ ރެޕާއަކަށް ހަދައި ދޭން މަސައްކަތް ކުރާ ކެރެކްޓާ އެވެ. އަދި ސިދާންތު ކުޅުނު ރޯލަކީ ފިލްމުގެ މުޅި ވާހަކަ އެނބުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ރޯލު ވެސް މެ އެވެ.
އަނެއްކޮޅުން އަލަށް ސްކްރީނަށް ނުކުތް 25 އަހަރުގެ އެކްޓަރު "ގަލީ ބޯއި" ގައި ރެޕާއެއްގެ ރޯލް ވަރަށް މޮޅަށް ކުޅެފައިވާތީ ކްރިޓިކުންނާއި ބެލުންތެރިން ވެސް ވަނިީ އޭނާގެ އެކްޓިން އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
މި ފިލްމުގެ ވާހަކަ އިން ކުރި ފަޅުވައިގެން އިތުރު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައި މި ވަނީ "ގަލީ ބޯއި" ސީކްއެލްއެއް ވެސް ހަދަން އުޅޭ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ނަމަވެސް ޒޯޔާ އާއި ފިލްމު ގެނެސް ދިން ކުންފުނި އެކްސެލް އެންޓަޓައިންމަންޓުން އެކަމާ ބެހޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު ސިދާންތަށް ވަނީ އެކްސެލްގެ އިތުރު ފިލްމަކުން ފުރުސަތު ދީފަ އެވެ.
މި އަހަރުގެ ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއައިފް) ގައި ވެސް ޕްރިމިއާ ކުރި "ގަލީ ބޯއި" ގެ މުހިއްމު ތަރިންނަކީ ރަންވީރާއި ސިދާންތުގެ އިތުރުން އާލިއާ ބަޓާއި ކަލްކީ ކޮއެޗްލިން އެވެ.
ސާޅީސް ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 237.31 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy