ސަނީ ޑިއޯލް ލޯކް ސަބާގެ ގޮނޑި ކާމިޔާބުކޮށްފި

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ އަށް މެމްބަރުން ހޮވަން ބޭއްވި އާންމު އިންތިހާބުގައި ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް ވާދަކުރި ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފި އެވެ.


ސަނީ ވާދަކުރީ ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި ޕަންޖާބްގެ ގުރުދާސްޕޫރަށެވެ. އެ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބުކުރީ ވޯޓްލީ މީހުންގެ 54 ޕަސެންޓް ވޯޓާ އެކީގަ އެވެ. ސަނީ އަށް 191،239 ވޯޓް ލިބުނެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރީ މިހާރު ވެސް ގުރުދާސްޕޫރްގެ ގޮނޑި ފުރަމުން ދިޔަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ސުނިލް ކުމާރު ޖާކަރު އަށް ލިބުނީ 142،465 ވޯޓް (40.2 ޕަސަންޓް) އެވެ.

ގުރުދާސްޕޫރް ގޮނޑި އަށް ސަނީއާ އެކު ޖުމްލަ 16 ކެންޑިޓޭޓަކު ވާދަ ކުރި އެވެ.

ސިޔާސީ ދާއިރާ އަށް ނުކުމެ، ވާދަ ކުރި ފުރަތަމަ އިންތިހާބު ސަނީ ކާމިޔާބު ކުރުމާ އެކު، ބީޖޭޕީން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. އަދި ބޮލީވުޑްގައި ތިބި ބީޖޭޕީގެ ސަޕޯޓަރުން ވެސް މިހާރު އަންނަނީ ސަނީ ހޯދި ކާމިޔާބީ އަށް ޓްވިޓާގައި މަރުހަބާ ކިޔަމުންނެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަނީ އިންތިހާބު ކާމިޔާބު ކުރި އިރު، އުއްތަރު ޕްރަދޭޝްގެ މަތޫރާ ގޮނޑި މިހާރު ވެސް ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ފުރަމުން އަންނަ އޭނާގެ ދޮންމަންނަ ހެމާ މާލިނީ ވެސް ވަނީ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފަ އެވެ. ހެމާ އަށް ވޯޓްލީ މީހުންގެ 63.8 ޕަސަންޓް މީހުންގެ ވޯޓް ލިބިފަ އެވެ.

ބީޕޭޖީ އަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ސޮއިކުރުމަށް ފަހު ސަނީ ބުނީ އެ ޕާޓީއާ ގުޅި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސީ މަސައްކަތުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބީޖޭޕީއަކީ އޭނާގެ އާ އާއިލާ ކަމަށް ސިފަ ކުރަމުން 62 އަހަރުގެ އެކްޓަރު ބުނީ ކުރިއަށް އޮތް ތަނުގައި އޭނާގެ މަސައްކަތްތައް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

"އަހަންނަކީ މާ ގިނަ ވާހަކަތައް ދައްކާނެ މީހެއް ނޫން. އަމަލުން ކަންކަން ދައްކާނީ،" ސަނީ ބުންޏެވެ.

ސިޔާސީ ދާއިރާ އަށް ރަސްމީކޮށް ނުކުތުމާ އެކު ސަނީގެ ފިލްމީ ކެރިއަރަށް ދެން ވާނެ ގޮތެއް އަދި ނޭނގެ އެވެ. އޭނާ މިހާރު އަންނަނީ ދޮށީ ފިރހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފު ކުރަން ތައްޔާރުވަމުންނެވެ. އެއީ އަމިއްލަ އަށް ޑައިރެކްޓްކޮށް، ޖުލައި 19 ގައި ރިލީޒް ކުރާ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ.