އަމިއްލަ ނަމުގައި ސިލްސިލާކޮށް "ކޮފީ ވިތު ކަރަން" ގެ ނަމުގައި ޗެޓް ޝޯއެއް ހޯސްޓް ކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ނެޓްފްލިކްސް އަށް ޝޯއެއް ހޯސްޓްކޮށް ދޭން ތައްޔާރުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ސާވިސް އިން މިކަން އިއުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހު ފާހަގަކުރި ކަރަންގެ 47 ވަނަ އުފަން ދުވަހު އެވެ. ނެޓްފްލިކްސް އިން ކުރި ޓްވީޓްގައި ބުނީ ކަރަން ހޯސްޓްކޮށް ދޭނީ "ވަޓް ދަ ލަވް؟" ކިޔާ ޑޭޓިން ޝޯއެއް ކަމަށެވެ.
މި ޝޯގައި ބީބީސީން ވެސް ހިއްސާވެ އެވެ. ނަމަވެސް ޝޯ ސްޓްރީމްކުރަން ފަށާނެ އިރަކާއި އެއާ ބެހޭ މާ ބޮޑު ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ.
ކަރަން އިތުރު ޝޯއެއް ހޯސްޓްކުރަން ހަވާލުވި އިރު ސްޓާ ވޯލްޑުން ގެނެސްދޭ އޭނާގެ "ކޮފީ ވިތު ކަރަން" ގެ 6 ވަނަ ސީޒަން ނިންމައިލީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.
އަދި ކަރަން މިހާރު އަންނަނީ އޭނާ ޑައިރެކްޓްކުރާ 7 ވަނަ ފިލްމު "ތަހުތު" ގެ ޝޫޓިން ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ކުރިން އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމި ފިލްމުގެ ޝޫޓިން މިހާރު ވަނީ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ.
ތާރީހީ ލޯބީގެ ވާހަކައަކަށް ހަދާ "ތަހުތު" އަކީ އަންނަ އަހަރު ފަހުކޮޅު ރިލީޒް ކުރާނެ ކަމަށް ބެލެވޭ ފިލްމެކެވެ. އޭގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ސިންގް، އާލިއާ ބަޓް، ވިކީ ކޯޝަލް، ޖާންވީ ކަޕީރު، އަނިލް ކަޕޫރު އަދި ބޫމީ ޕެޑްނޭކަރެވެ.
ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމަކީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އެވެ.
ނެޓްފްލިކްސްގެ ޝޯއެއް ހޯސްޓްކޮށް ދޭން އޭނާ ނިންމި އިރު، ދާފި ފަހުން އެ ކުންފުނިން އިއުލާން ކުރި އިންޑިއާގެ އޮރިޖިނަލް 10 ކޮންޓެންޓްގެ ތެރޭގައި ކަރަންގެ ޑިޖިޓަޕް ޕްލެޓްފޯމަށް ހާއްސަ ސްޓޫޑިއޯ ދަރުމެޓިކް އެންޓަޓައިންމަންޓް އާ ގުޅިގެން ހަދާ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ "ގިލްޓީ" އެވެ.
މީގެ އިތުރުން ނެޓްފްލިކްސް އިން ހަދާ އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީ" ގެ އެއް ޑައިރެކްޓަރަކީ ވެސް ކަރަން އެވެ.
އެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރި "ލަސްޓް ސްޓޯރީޒް" ސީރީޒްގެ ދަށުން ގެނެސްދޭ އެއްޗެކެވެ.
ބޮލީވުޑްގެ އެންމެ ބިޒީ ޕްރޮޑިއުސަރުންގެ ތެރޭގައި ވެސް ހިމެނޭ ކަރަންގެ ދަރުމާ މި އަހަރުގެ މިހާތަނަށް ވަނީ ތިން ފިލްމެއް ރިލީޒްކޮށްފަ އެވެ. އެއީ "ކޭސަރީ"، "ކަލަންކް" އަދި މިހާރު ވެސް ސިނަމާތަކުގައި ދައްކަމުން އަންނަ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.