ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ވާށޭ މަށާއެކީ" އަކީ މި އަހަރު މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމެވެ. ފިލްމުގެ ހައުސްފުލް 19 ޝޯ މާލޭގައި ދައްކާފައި ވާއިރު، އަތޮޅުތެރޭގައި ވެސް އަދިވެސް އަންނަނީ ފިލްމް ދައްކަމުންވެ.
އަވަށްޓެރި ސްރީ ލަންކާގެ ދެ ސިނާމާއެއްގައި ފިލްމް އެޅުވުމުގެ ތައްޔާރީތަކެއް ވެސް އަންނަނީ ވަމުުންނެވެ.
ރާއްޖޭގެ ސިނަމާ އަށް އައި ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" އަށް ބެލުންތެރިން ދިން ތަރުހީބާއި ވިޔަފާރީގެ ގޮތުން ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު އެކަން ފާހަގަ ކުރަން މިހާރު ވަނީ ސަކްސެސް ޕާޓީއެއް ވެސް ބާއްވައިފަ އެވެ.
"ވާށޭ މަށާއެކީ" ގައި މަސައްކަތް ކުރި ތަރިންނާއި ލަވަ ކިއުންތެރިންނާއި މިއުޒިޝަނުންނާއި ޓެކްނިކަލް ޓީމާއި އެކި ގޮތްގޮތުން ފިލްމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ދައުވަތު ދީގެން ސެންޓްރަލް ޕާކް ރެސްޓޯރަންޓްގައި ބޭއްވި މަޖާ ހަފުލާގައި، ބައިވެރިވެވެން ތިބި ހުރިހާ ފަރާތްތަކުން ބައިވެރިވި އެވެ.
ފިލްމްގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ފޯރި ގަދަ ޕާޓީގެ ވީޑިއޯ ވެސް ފިލްމް ބެލި ފަރާތްތަކަށް ޑާކް ރެއިނުން މިހާރު މި ވަނީ ދޫކޮށްލައިފަ އެވެ. ފިލްމް ބެލި މީހުންނަށް މިއީ ހާއްސަ އެއްޗަކަށް ވާނެ އެވެ.
ބަލާލަމާ ހިނގާށެވެ. "ވާށޭ މަށާއެކީ" އެޅުވުމުގެ ކުރިން ބެލުންތެރިން ވަނީ ފިލްމުގެ މޭކިން ވެސް ބަލައިފަ އެވެ. އެހެންވެ ހުރިހާ ކަމެއް ނިމިގެން ސެލަބްރޭޝަނަކަށް ދިޔަ އިރު، އެ މިސްކޮށްލައިގެން ނުވާނެ އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ "ވާށޭ މަށާއެކީ" އަށް ބެލުންތެރިން ތިން ސަޕޯޓާ އެކު މުޅި ޓީމް އޮތީ އުފަލުން ހިނިތުުންވެފައި ކަމަށެވެ.
އެހެންވެ ފިލްމަށް ކުރި މަސައްކަތް ބެލުންތެރިން ބަލައިގަތުމުން އެކަން ކޮންމެހެން ފާހަގަ ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"އިރާދަކުރެއްވިއްޔާ އަނެއްކާވެސް ހަމަ ބެލުންތެރިންނަށް ކަމުދާ ވަރުގެ ސަޅި ފިލްމަކާ އެކު ޑާކް ރެއިނުން އަންނާނެ. ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން އިތުރު ރޮމޭންޓިކް ކޮމެޑީއެއް ގެންނަން ޓީމުން މި އަންނަނީ އައިޑިއާތަކަށް ޑިސްކަސް ކުރަމުން،" މޮގާ ބުންޏެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި "ވާށޭ މަށާއެކީ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެެ.
މި އަހަރުގެ މިހާތަނަށް ހަތަރު ފިލްމް ރިލީޒްކޮށްފައިވާ އިރު "ވާށޭ މަށާއެކީ" އަކީ މި އަހަރު އެޅުވި ތިން ވަނަ ފިލްމެވެ.