"ވާށޭ މަށާއެކީ" އަނެއްކާވެސް ޝްވެކަށް

ޑާކް ރެއިން އެންޓަޓައިންމަންޓުން އެޕްރީލް މަހު ރިލީޒް ކުރި ކާމިޔާބު ފިލްމް "ވާށޭ މަށާއެކީ" ގެ އިތުރު ޝޯތަކެއް އަންނަ މަހު ވެސް ޝްވެކް ސިނަމާގައި ދައްކަން ނިންމައިފި އެވެ.


މި ފިލްމުގެ ޝޯއެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް އެ ސިނަމާގައި ވަނީ ދައްކައިފަ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނި ގޮތުގައި "ވާށޭ މަށާއެކީ" ބަލާލަން އަދިވެސް ގިނަ ބަޔަކު އެދެމުންދާތީ ކުރިއަށް އޮތް ޝޯތައް ދައްކާނީ އަންނަ މަހުގެ 1 އަދި 2 ގަ އެވެ.

"އެކަމަކު ލިބޭ ތަރުހީބަށް ބަލައިފައި ޝޯތައް އިތުރުކުރާނަން،" އޮލިމްޕަހުގައި ހައުސްފުލް 19 ޝޯ އާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ އިތުރުން ލަންކާގައި ވެސް ދެއްކި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ކުރިއަށް އޮތް ދެ ޝޯގެ ޓިކެޓް މިހާރު ޝްވެކްގެ ކައުންޓަރުން ވިއްކަމުން އަންނަނީ."

"ވާށޭ މަށާއަކީ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި ރޮމޭންޓިކް ކޮމެޑީއެކެވެ. މިއީ ދިވެހި ސިނަމާ އަށް އައި ފުރަތަމަ ރޮމޭންޓިކް ކޮމެޑީ ވެސް މެ އެވެ.

"ވާށޭ މަށާއެކީ" ގެ ލަވައެއް

ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު ޑާކް ރެއިނުން ވަނީ "ވާށޭ މަށާއެކީ" ގެ ސީކްއެލްއެއް 2018 ގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ވެސް ނިންމައިފަ އެވެ.