ހެލީ ބެއިލީ.
08 ޖުލައި 2019 - 07:37
ޑިޒްނީން ކުރިން ގެނެސް ދީފައިވާ ބައެއް އެނިމޭޓެޑް ފިލްމުތަކުގެ ލައިވް-އެކްޝަން ވާޝަންތައް ގެނެސް ދިނުމުގެ ފޯރީގައި، މި ލިސްޓަށް "ލިޓްލް މާމެއިޑް" އިތުރުކޮށް، އޭގެ ލީޑް ބަތަލާއަށް ހެލީ ބެއިލީ ހަމަޖައްސައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި ކުރިން ބައެއް އުފެއްދުންތަކުގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ 19 އަހަރުގެ ބަތަލާ "ލިޓްލް މާމެއިޑް" ގައި ކުޅޭނީ އެރިއެލްގެ ރޯލެވެ. މި ފިލްމު ވާނީ ލީޑް ބަތަލާއެއްގެ ގޮތުގައި ހެއިލީ ކުޅޭ ފުރަތަމަ ފީޗާ ފިލްމަށެވެ.
ފްރީފޯމްގެ ސީރީޒްގެ "ގްރައު-ނިޝް" ގައި ވެސް މަސައްކަތްކޮށްފައިވާ ހެލީ އަކީ ދައްތަ ކްލޯއީއާ ގުޅިގެން މިއުޒިކް ވެސް ކޮމްޕޯޒް ކުރާ ފަންނާނެކެވެ.
Just Announced: Halle Bailey has been cast in the upcoming live-action reimagining of The Little Mermaid. https://t.co/YnLAdbZSmN pic.twitter.com/Y4B0ZKfuIr
— Disney (@Disney) July 3, 2019
އޭނާ ފިލްމަށް ނެގިކަން ކަށަވަރުކޮށް ދެމުން "ޝިކާގޯ" އާއި "ނައިން" އަދި "އިންޓް ދަ ވުޑްސް" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ރޮބް މާޝަލް ބުނީ ހެލީ އަކީ މާމެއިޑްގެ ކެރެކްޓާ އަށް ބޭނުންވާ ހުރިހާ ސިފަތަކެއް ފުރިހަމަވާ އެ ރޯލަށް އެންމެ ފިޓް ބަތަލާ ކަމަށެވެ. އަދި އޭނާ އަށް ފިލްމުގެ މައި ރޯލް ދިނީ ވަރަށް ގިނަ ރިސާޗްތަކަކަށް ފަހު، ގިނަ އޮޑިޝަންތަކެއް ވެސް ހެދުމަށް ފަހު ކަމަށް މިދިޔަ އަހަރު "މޭރީ ޕޮޕިންސް ރިޓާންސް" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
ޑިޒްނީން 1989 ގައި ގެނެސް ދިން އެނިމޭޓެޑް ފިލްމު "ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖެކޮބް ޓްރެބްލީ، އޯކަފިނާ އަދި މެލީޒާ މެކާތީ ވެސް ހިމެނެ އެވެ. ވެރައިޓީން ބުނި ގޮތުގައި މެލީޒާ ފިލްމުން ފެންނާނީ އުރުސަލާގެ ކެރެކްޓާއިންނެވެ.
ރޮބް ބުނި ގޮތުގައި "ލިޓްލް މާމެއިޑް" ގެ އާ ފިލްމުގައި ކުރީގެ ފިލްމުގައި ހިމެނޭ ލަވަތައް ވެސް ބޭނުން ކުރާނެ އެވެ. އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ޑޭވިޑް މެގީ އެވެ. އެކަމަކު ފިލްމު ރިލީޒްކުރާނެ އިރެއް އަދި ނޭނގެ އެވެ.
ޑިޒްނީގެ ލައިވް-އެކްޝަން ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މެއި މަހު ރިލީޒް ކުރި "އަލައްދިން" އެވެ. ދެން އެންމެ އަވަހަށް ގެނެސް ދޭނެ މި ވައްތަރުގެ ފިލްމަކީ މި މަހުގެ 19 ގައި ރިލީޒް ކުރާ "ލަޔަން ކިންގް" އެވެ.
ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޕިނޯކިއޯ، މުލާން، ދަ ސްވޯޑް އިން ދަ ސްޓޯމް އަދި ލޭޑީ އެންޑް ދަ ޓްރޭމްޕް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy