ބަތަލާ ކަންގަނާ ރަނާވަތާ އެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަހަލަ މައްސަލައަކާ ކުރިމަތިލާން ނުޖެހޭ ފަހަރެއް ނާދެ އެވެ. އޭނާގެ އަމަލުތަކާއި ބަސްމަގު ހުންނަ ގޮތަކުން ބޮލީވުޑްގެ ވަރަށް ގިނަ މީހުންނަކީ ހުނަރުވެރި ބަތަލާއާ އެހާ ގާތްކަން ވެސް ބާއްވަން ބޭނުންވާ ބައެއް ނޫނެވެ. މިކަހަލަ މައްސަލަތަކާ ހެދި މިހާރު އެތައް ބަޔަކު ވެސް އޭނާގެ ހަތުރުންނަށް ވެއްޖެ އެވެ.
ޕްރޮޑިއުސަރު އެކްތާ ކަޕޫރް ހަމަ ހަގީގަތުގައި ވެސް މިހާރު ހުރީ ކަންގަނާއާ އެކު މަސައްކަތް ކުރެވުނު މޮޔަ ހީވެފަ އެވެ. މި މަހުގެ 26 ގައި ރިލީޒްކުރާ "ޖަޖްމެންޓަލް ހޭ ކިޔާ" ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، ކަންގަނާގެ އަމަލުތައް ހުރި ގޮތުން ފިލްމުގެ ޕްރޮމޯޝަންތަކަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ. އެއް އިވެންޓެއްގައި ކަންގަނާ ނޫސްވެރިއަކާ ޒުވާބު ކުރުމުން، ނޫސްވެރިންތަކެއް ފިލްމު ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފި އެވެ.
މި މައްސަލާގައި އެކްތާ މާފަށް ވެސް އެދެން ޖެހިފައިވެ އެވެ. އަދި އޭނާ ހުރީ ކަންގަނާގެ ސަބަބުން ހިލުނު މައްސަލަގަނޑާ ދޭތެރޭ ހިތްހަމަނުޖެހި ބޯގޮވާ ވަރުވެފަ އެވެ.
އެކްތާ ކޮށްފައިވާ ޓްވީޓަކުން އެކަން ދޭހަކޮށްދެ އެވެ. އޭނާ ބުނި ގޮތުގައި ފިލްމާ އަސްލު ގުޅެނީ ކުރިން ފިލްމަށް ދިން ނަމެވެ. އެއީ "މެންޓަލް ހޭ ކިޔާ" އެވެ. ފަހުން އެ ނަން "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ބަދަލު ކުރަން ޖެހުނީ އިންޑިއަން ސައިކޭޓްރިއެކް އެސޯސިއޭޝަންގެ ގޮވުލާމުކަށެވެ.
ދުރުދުރުން ނަމަވެސް އެކްތާ އެ ދައްކަނީ ކަންގަނާއާ އެކު މަސައްކަތްކޮށްގެން އޭނާ "މެންޓަލް" ޓްރޯމާއަކަށް ގޮސްފައިވާ ވާހަކަ އެވެ. މިއީ މީގެ ކުރިން ފިލްމެއް ހަދައިގެން އޭނާ އަށް ކުރަން ޖެހުނު ތަޖުރިބާއެއް ނޫނެވެ. އެކްތާގެ އެ ޓްވީޓަށް ކޮމެންޓް ކުރި ބައެެއް މީހުން ފިލްމުގެ ސީކްއެލް ހަދަން ހިޔާލެއް ދިނުމުން އެކްތާ ވަނީ "މޮޔަވެފައިވާ ކަމަށާއި އެ ފިލްމުގައި އެކްޓް ވެސް ކުރާނީ އަހަރެން" ކަމަށް ބުނެފަ އެވެ.
އެކްތާއަކީ ބޮލީވުޑްގެ ޕްރޮޑިއުސަރުންގެ ތެރެއިން އެންމެ ގިނަ މީހުންނާ އެކީ އަބަދު ވެސް އެންމެ ގިނަ މަސައްކަތްތައް ކުރާ އެކަކެވެ. އޭގެ ތެރޭގައި ގިނަ ޓީވީ ސިލްސިލާތަކާއި ވެބް ސީރީޒްތަކާއި ފިލްމުތައް ހިމެނެ އެވެ.
މި ފަހަރު ކަންގަނާއާ ހެދި އެކްތާގެ "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ވިޔަފާރި އަށް ކޮށްފާނެ އަސަރަކާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. އެއް ކަމަކީ މީޑިއާތަކުން ފިލްމު ބޮއިކޮޓް ކުރާނެކަމުގެ އިންޒާރު ދީފައިވުމެވެ. މީޑިއާތަކުގެ ސަމާލުކަން ދެން ފިލްމަށް ލިބުން މަދުވުމަކީ ޔަގީނުން ވެސް ފިލްމުގެ ވިޔަފާރި އަށް އަސަރުކުރާނެ ކަމެކެވެ.
އަނެއް ކަމަކީ މީގެ ކުރިން ވެސް އެކްތާ ޕްރޮޑިއުސް ކުރި ދެ ފިލްމެއްގައި ކަންގަނާ މަސައްކަތްކޮށްފައިވާ ކަމެވެ. އެއީ 2013 ގެ" ޝޫޓްއައުޓް އެޓް ވަޑާލާ" އާއި 2010 ގެ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އެވެ.
އެކަމަކު މި ފަހަރު އެކްތާ އަށް ކުރިމަތިލާން ޖެހުނު ވަރުގެ ކަމަކާ ކުރިން ކުރިމަތިލާކަށް ނުޖެހެ އެވެ. ކަންގަނާ އާއި އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް ބޮލީވުޑްގެ އެކި މީސްމީހުންނަށް އަބަދު އަބަދު ތަކުރާރުކޮށް ފާޑު ކިޔައި ބެވުމަކީ ވަރަށް ގިނަ ބަޔަކު އެކަމާ ހިތްހަމަނުޖެހޭ ކަމެކެވެ. ސީދާ އެކްތާ ވެސް ކުރިން އެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
އެހެންވެ މި ފަހަރު "ޖަޖްމެންޓަލް ހޭ ކިޔާ" އިން ކުރަން ޖެހުނު ތަޖުރިބާ އަށް ބަލާފައި ދެން އެކްތާ، ކަންގަނާއާ އެކު މަސައްކަތެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. މައްސަލަ ބޮޑު ބަތަލާއަކާ އެކު މަސައްކަތް ކުރަން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.
"ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޕްރޮމޯޝަންތަކާ އެކު އެކްތާ އަންނަނީ އަންނަ މަހުގެ 2 ގައި ރިލީޒް ކުރާ އޭނާގެ "ޖަބަރިޔާ ޖޯޅީ" ވެސް ޕްރޮމޯޓް ކުރަމުންނެވެ. އެ ފިލްމުގެ ތަރިންނަކީ ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާ އެވެ.