ކްރިސް ހެމްސްވޯތު ޓައިޓްލް ރޯލް ކުޅޭ ސުޕަހީރޯ ފިލްމު "ތޯ" ގެ ތިން ފިލްމެއް މިހާތަނަށް ގެނެސް ދީފައި ވާއިރު، ކޮންމެ ފަހަރަކު ވެސް ފިލްމުގެ ޑައިރެކްޝަނާ ހަވާލު ވަނީ އާ މީހެކެވެ. އެކަމަކު މީގެ ހަތަރު ވަނަ ބައި ޑައިރެކްޓް ކުރަން ވަނީ 2017 ގައި ރިލީޒްކުރި ތިން ވަނަ ފިލްމު "ތޯ: ރެގްނަރޮކް" ޑައިރެކްޓް ކުރި ޓައިކާ ވައިޓިޓީއާ ހަވާލުކޮށްފަ އެވެ.
މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ގުޅިގެން ގެނެސްދޭ "ތޯ" ގެ ހަތަރު ވަނަ ފިލްމު ލިޔެ، ޑައިރެކްޓް ކުރަން ޓައިކާ ހަވާލުވުމާ އެެކު، ވޯނާ ބްރަދާޒްއާ އެކު އޭނާ ހަދަން އުޅުނު 1988 ގެ ފިލްމު އެނިމޭޓެޑް ފިލްމު "އަކީރާ" ގެ ރިމެކްގެ މަސައްކަތް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށް ވެރައިޓީން ބުންޏެވެ.
"ތޯ 4" ގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދިޔަ ނަމަވެސް ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މި ފަހަރު ވެސް ޓައިޓްލް ރޯލުން ހެމްސްވޯތު ފެނިގެން ދާނެ އެވެ.
ޓައިކާ، 44، ދާދި ފަހުން ވަނީ އަންނަ އޮކްޓޯބަރު 18 ގައި ރިލީޒް ކުރާ ކޮމެޑީ ޑްރާމާ "ޖޯޖޯ ރެބިޓް" ގެ މަސައްކަތް ނިންމާލައިފަ އެވެ. އެ ފިލްމުގެ ރޯލަކުން ވެސް އޭނާ ފެނިގެންދާ އިރު، ކާސްޓުންގެ ތެރޭގައި ސްކާލެޓް ޖޮހަންސަން، ރެބެލް ވިލްސަން، ސޭމް ރޮކްވެލް، ތޮމާޒިން މެކެންޒީ އަދި ރޯމަން ގްރިފިން ޑޭވިސް ހިމެނެ އެވެ.
"ތޯ" ގެ ފުރަތަމަ ފިލްމު ބެލުންތެރިންނަށް 2011 ގައި ގެނެސް ދިނުމަށް ފަހު "ތޯ: ދަ ޑާކް ވޯލްޑް" ރިލީޒް ކުރީ 2013 ގަ އެވެ.