މަންދިރާ ބޭދީ.
23 ޖުލައި 2019 - 15:32
އިންޑިއާގެ ބަތަލާ މަންދިރާ ބޭދީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އަންނަ މަހުގެ 30 ގައި ރިލީޒްކުރާ ޕްރަބާސް އާއި ޝްރަދާ ކަޕޫރްގެ ބޮޑު ބަޖެޓް ފިލްމު "ސާހޯ" ގެ ރޯލެއް ވެސް ކުޅެފައިވާ ބަތަލާ ޗުއްޓީ ހޭދަކުރަނީ ކުލަބް މެޑް ކަނިފިނޮޅު ރިސޯޓްގަ އެވެ. އިންސްޓަގްރާމްގައި އޭނާ ވަނީ ޗުއްޓީގެ ބައެއް ފޮޓޯ އާއި ވީޑިއޯ ވެސް ހިއްސާކޮށްފަ އެވެ.
މަންދިރާ، 47، އަކީ އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ ބަތަލާއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި އެކްޓަރު ޝާހްރުކް ހާނާއި ކާޖޮލް 1995 ގައި ކުޅުނު ފަނޑުވުމެއް ނެތް ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އިންނެވެ.
މަންދިރާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަސް ކަހާނިޔާ"، "ޝާދީ ކޭ ލައްޑޫ" އަދި "އިއްތިފާގު" ހިމެނެ އެވެ. ޑައިރެކްޓަރު ރާޖް ކޯޝަލްއާ ކައިވެނިކޮށްގެން 8 އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރި ބަތަލާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ އެޕްރީލް މަހު ރިލީޒް ކުރި "ދަ ތަޝްކެންޓް ފައިލްސް" އިންނެވެ.
ފިލްމުތަކުގެ އިތުރުން ޓީވީ ސިލްސިލާތަކުގައި މަންދިރާ މަސައްކަތްކޮށްފައިވެ އެވެ.
އިންޑިއާގެ ފިލްމީ ތަރިންގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ މި ފަހުން ވަރަށް ބޮޑަށްވެފައިވާ އިރު، އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy