ސޮނީ ޓީވީން މީގެ ދެ އަހަރު ކުރިން ގެނެސްދިން މަގުބޫލު ޓީވީ ސިލްސިލާ "ބޭހަދު" ގެ ދެވަނަ ސީޒަނެއް ވެސް ގެނެސްދޭން ނިންމައިފި އެވެ.

އޭގެ ބަތަލާ ޖެނިފާ ވިންގެޓް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އެކަން ހިއްސާކުރި ނަމަވެސް، އެއްވެސް ތަފުސީލެއް ނުދެ އެވެ.

ރޮމޭންޓިކް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ބޭހަދު" ގެ މުހިއްމު ރޯލްތައް ކުޅުނީ ޖެނިފާ އާއި ކުޝާލް ޓަންޑަނާއި އަނޭރީ ވަޖާނީ އެވެ.

މި ސިލްސިލާ ސޮނީން ގެނެސްދިނީ އޮކްޓޯބަރު 11، 2016 އިން އޮކްޓޯބަރު 27، 2017 އަށެވެ. އެ މުއްދަތުގެ ތެރޭގައި ސިލްސިލާގެ 273 އެޕިސޯޑް ގެނެސްދިނެވެ.

"ބޭހަދު" ދެވަނަ ސީޒަނެއް ގެނެސްދޭން އުޅޭކަން ކަށަވަރުވި ނަމަވެސް، އެ ގެނެސްދޭނީ ސޮނީ ޗެނެލުންތޯ ނުވަތަ އޭގެ ޑިޖިޓަލް ޕްލެޓްފޯމުން ކަމެއް ޔަގީނެއް ނޫނެވެ. މި ފަހުން އިންޑިއާގެ ސިލްސިލާތަކުގެ ފުރަތަމަ ސީޒަން ޓީވީން ގެނެސް ދީފައި، އިތުރު ސީޒަންތައް އާންމުކޮށް ގެނެސްދެނީ ޗެނެލްތަކުގެ ޑިޖިޓަލް ޕްލެޓްފޯމްތަކުންނެވެ.

ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާގެ ކުރީގެ އަންހެނުން ޖެނިފާ "ބޭހަދު 2" ގެ ވާހަކަ ހިއްސާކުރި އިރު، ދާދި ފަހުން އޭނާ ވަނީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީގެ ވެބް ސީރީޒް "ކޯޑް އެމް" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. އޭގައި ޖެނިފާ ފެންނާނީ ސިފައިންގެ އޮފިސަރެއްގެ ރޯލުންނެވެ.