10 ޑިސެމްބަރ 2019 - 07:03
ބޮލީވުޑްގެ އޭ ލިސްޓް ތަރިންނަކީ މިހާތަނަށް ބިރުވެރި ޖޯންރާގެ ފިލްމުތަކާ ވަރަށް ދުރު ބައެކެވެ. އެކަމަކު މި ފަހުން ހޮރޯ-ކޮމެޑީތައް ހޯދާ ބޮޑު ކާމިޔާބީތަކާ ގުޅިގެން ބިރުވެރި ފިލްމުތައް މަޝްހޫރު ތަރިންގެ ރާޑަރަށް ވަނީ ވަރަށް ބޮޑަށް އަރައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް މިހާރު ވަނީ އޭނާގެ އަލަތު ބިރުވެރި ފިލްމަށް ސޮއިކޮށްފަ އެވެ. ޑެކަން ކްރޮނިކަލް އިން ބުނިގޮތުގައި އޭނާ ސޮއިކުރީ ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން އުފައްދާ ބިރުވެރި ފިލްމު "ފޯންބޫތު" އަށެވެ.
އެ ނޫހުން ބުނިގޮތުގައި މި ސުޕަނެޗްރަލް ތުރިލާގެ ޑައިރެކްޓަރަކީ ގުރްމީތު ސިންގެވެ. އޭނާ އަކީ އެކްސެލް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދޭ ވެބް ސީރީޒް "އިންސައިޑް އެޖް" ގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
އެ ސީރީޒްގެ ފުރަތަމަ ސީޒަން 2017 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ސީޒަން މިދިޔަ ހުކުރު ވަނީ ސްޓްރީމްކުރަން ފަށައިފަ އެވެ.
ޑެކަން ކްރޮނިކަލް އިން ބުނިގޮތުގައި "ފޯންބޫތު" ގެ ޝޫޓިން ފަށާނީ ކެޓްރީނާ މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" ގެ މަސައްކަތް ނިމުމުންނެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
ކެޓްރީނާ ވަނީ އެކްސެލްގެ ފިލްމެއްގައި ކުރިން ވެސް މަސައްކަތްކޮށްފަ އެވެ. އެއީ 2011 ގައި ޒޯޔާ އަޚްތަރު ގެނެސްދިން "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy