ޕާކިސްތާނު ދެ އެކްޓަރުން ކަމަށްވާ ފަވާދު ޚާނާއި މާހިރާ: މި ދެ ތަރިންނަށް ހިންދީ ފިލްމިތަކުގައި މީގެ ފަހުން މަސައްކަތެއް ނުކުރެވޭނެ
01 އޮކްޓޯބަރ 2016 - 06:59
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާތައް ބަދަލުކުރެވެމުންދާ މި ދުވަސްވަރާ ދިމާކޮށް ޕާކިސްތާނު އެކްޓަރުން އިންޑިއާ ފިލްމުތަކުގައި މަސައްކަތްކުރުން އިންޑިއަން މޯޝަން ޕިކްޗާޒް ޕްރޮޑިއުސާޒް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އިން މަނާކޮށްފި އެވެ.
ބުރާސްފަތި ދުވަހު އޮތް އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި ފާސްކުރި މި ގަރާރު ބުނާ ގޮތުން ދެ ގައުމުގެ މަސްރަހު އަލުން ހަމަޔަކަށް ނޭޅެނީސް ޕާކިސްތާނުގެ އެއްވެސް އާޓިސްޓަކަށް އަދި ޓެކްނީޝަނަކަށް ވެސް އިންޑިއާގައި މަސައްކަތެއް ނުކުރެވޭނެ އެވެ. މީގެ ތެރޭގައި ފިލްމާއި ޓީވީ އަދި ތިއޭޓާގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.
މި ދުވަސްވަރަކީ ޕާކިސްތާނުގެ އެކްޓަރުން ހިމެނޭ ގިނަ ފިލްމުތަކެއް ރިލީޒްކުރަން ތައްޔާރުވަމުންދާ ދުވަސްވަރެކެވެ. އެގޮތުން ޕާކިސްތާނު އެކްޓަރު-ލަވަކިޔުންތެރިޔާ އަލީ ޒަފަރް ތައްޔާރުވަމުންދިޔައީ އޭނާ ބައިވެރިޔާ ޑައިރެކްޓަރު ގޯރީ ޝިންޑޭގެ "ޑިއާ ޒިންދަގީ" ރިލީޒްކުރުމުގެ މަސައްކަތަށެވެ.
އަދި މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން މުހިއްމު ރޯލެއް ކުޅެފައިވާތީ އެ ފިލްމު އިންޑިޔާގެ ރިލީޒްކޮށްގެން ނުވާނެ ކަމަށް ބުނެ ބައެއް ސިޔާސީ ޕާޓީތަކުން ދަނީ އިހްތިޖާޖުކުރަމުންނެވެ. އަދި މަހާރާޝްތުރާގެ ނުފޫޒުގަދަ ސިޔާސީ ޕާޓީއެއް ކަމަށްވާ މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް)ގެ އެކްޓިވިސްޓުން ވަނީ ކަރަންގެ ގޭދޮށަށް އެއްވެ އަޑުއުފުލާފަ އެވެ.
ސިޔާސީ ޕާޓީތަކުން ބުނަނީ "އޭ ދިލް ހެ މުޝްކިލް" އާއި ޝާހްރުކް ޚާންގެ "ރައީސް" ރިލީޒްކުރެވޭނީ އެ ފިލްމުގައި ހިމެނޭ ޕާކިސްތާނު އެކްޓަރުން ކުޅެފައިވާ ރޯލުތައް ފޮހެލައިގެން ނުވަތަ އެހެން އެކްޓަރެއް ލައްވައި އެ ބައިތައް ކުޅުވައިގެން ކަމަށެވެ.
ނަމަވެސް އައިއެމްޕީޕީއޭ އިން ނެރުނު ގަރާރުގައި ބުނެފައިވަނީ މިހާރު ނިމިފައި ހުރި ޕްރޮޖެކްޓްތައް މި ގަރާރުގެ ދަށުގައި ނުހިމެނޭނެ ކަމަށެވެ.
"ފަވާދު ޚާނާއި މާހިރާ ޚާން (ޝާހްރުކްގެ "ރައީސް"ގެ ބަތަލާ) ފަދަ ހުރިހާ ޕާކިސްތާނު އެކްޓަރުން މިހާތަނަށް ކުޅެފައިވާ އެއްވެސް ފިލްމެއް މަނާކޮށް ނުވަތަ ފަސްކުރާކަށް މި ގަރާރުގެ ދަށުން ނުޖެހޭނެ،" ގަރާރުގައި ބުނެފައި ވެއެވެ.
މި ގަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިންޑިއާ ފިލްމުތަކުގައި މަސައްކަތްކުރި ޕާކިސްތާނު އާޓިސްޓުންނަކީ އިންޑިއާ ސަރުކާރުން ވާކް ޕާމިޓް ދީގެން މަސައްކަތްކުރި މީހުންނެވެ. އަދި މިހާރު އެމީހުންނަށް އެނބުރި ދާން އެންގުމުން އެ އެންމެން ވެސް އިންޑިޔާ ދޫކޮށް ހިނގައްޖެ އެވެ. އެހެންކަމުން އެމީހުން މިހާތަނަށް މަސައްކަތް ކޮށްފައިވާ އެއްވެސް ފިލްމަކަށް މިކަމުގެ ސަބަބުން ހުރަހެއް އެޅިގެނެއް ނުވާނެ އެވެ.
"އޭ ދިލް ހެ މުޝްކިލް" އާ އެއްދުވަހަކު ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ޝިވާއޭ"ގައި ޕާކިސްތާން މޮޑެލް-އެކްޓަރު ސަބާ ގަމަރު މުހިއްމު ރޯލެއް ކުޅެފައިވެ އެވެ. ނަމަވެސް މި ފިލްމަކީ ވެސް ނިމިފައިވާ ފިލްމަކަށް ވާތީ މި ފިލްމުވެސް ރިލީޒްކުރެވޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އިންޑިއާގައި ބާއްވަން ހަމަޖެހިފައި އޮތް ކޮންސަޓެއް ވަނީ މި ގަރާރުގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އަދި ލަވަކިޔުންތެރިޔާ ރާހަތު ފަތަހް އަލީ ޚާން ކިޔަން ހަމަޖެހިފައިވާ ލަވައެއް ވެސް އިންޑިއާގެ ލަވަ ކިޔުންތެރިޔަކު ލައްވާ ކިޔުއްވަން ވަނީ ހަމަޖައްސާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
02 October 2016
އެއްވެސް ގޮތަކަށް ހަމަޖެހޭ ކަމެއް ނޫން ތިއީ
ޕޮޓޭޓޯ
01 October 2016
ގައުމާއި ދީނަށްޓަކައޭ ކިޔާފަ ދިވެހިން މޮޔަ ހެއްދިގޮތަށް އިންޑިއާ މީހުންވެސް މޮޔަހައްދާފަ ހަރުކަށި ފިކުރުގެ ބީޖޭޕީއަށް ވެރިކަން ދިނީމަ ޖެހިގެން އުޅޭ މައްސަލަތައް މިއީ ހައްތާވެސް. މޯދީ ކިތަންމެ ރަނގަޅު މީހެއްކަމަށް ހެދިގެން އުޅުނަސް އޭނަގެ ފަހަތުގައި އޭނައަށް ވޯޓް ހޯދައިދީ ފަންޑުކޮށްދޭން ތިބީ ހުސް ހަރުކަށި މީހުން.
އެންގްރީ ޑޫޑް
01 October 2016
އިރުކޮޅަކުން ބުނާނެ އިންޑިއާގައި އިންޑިއާ މީހުން ފިލްމުކުޅުން މަނަލޭ
އިނޫ
01 October 2016
ހިންދީ ފިލްމާ ޑްރާމާ ރާއްޖޭގައި ދެއްކުން މަނާކުރަން ފެނޭ