ދިވެހި ފިލްމީ ދާއިރާ އިން އާ މީހުން ނުފެންނަ ވާހަކަ އާއި އަބަދު އެއް ބަޔަކު ފެންނަ ވާހަކައަކީ ވަރަށް އާންމުކޮށް އިވޭ އަޑެކެވެ. އެކަމަކު މިހާރު އެ މަންޒަރު އެބަ ބަދަލުވެ އެވެ.

ފިލްމީ ދާއިރާ އަށް ނިކުންނަ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން ވެސް މިހާރު އިތުރުވަމުން ދިއުމަކީ ފިލްމީ ދާއިރާގެ ކުރިމަގަށް އޮތް ހެޔޮ ފާލެއް ކަމަށް ބަލަން ޖެހެ އެވެ. ހާއްސަކޮށް މި ދާއިރާ އަށް އަށް އަންހެން ކުދިންގެ ލޯބި ޖެއްސުމަކީ ވެސް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.

ފުރަތަމަ ކަމަކަށް، ފިލްމީ ދާއިރާއާ ދޭތެރޭ ބައެއް މީހުން ދެކޭ ގޯސް ވިސްނުމުގެ ސަބަބުން އަންހެން ކުދިން މި ދާއިރާ އަށް ނިކުންނަން އާއިލާތަކުން ގިނަ ފަހަރަށް ގަބޫލެއް ނުވެ އެވެ. އެއީ ވެސް މިހާރު ބަދަލުވަމުން އަންނަ ކަމެއްކަން ފާހަގަ ކުރެ އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި މާ ދިގު ތާރީހެއް ނެތެވެ. އެކަމަކު އެއް ޒަމާނެއްގައި ވަރަށް އަލި ގަދަ އަދި އެހާމެ މަޝްހޫރު ބަތަލާއިންތަކެއް ފިލްމީ ދާއިރާގައި ރަނިކަން ކުރި އެވެ. އެ ބަތަލާއިންނަށް މިހާރު އަހަރެމެން ދޭނީ "ވެޓެރަންސް" ލަގަބެވެ.

އައިޝަތު ޝިރާނީގެ ވާހަކައިން ފަށަމާ ހިނގާށެވެ. "މަހޭ ނެތިި ދާނޭ" ފަދަ މަޝްހޫރު އެތައް ވީޑިއޯ ލަވަތަކެއް ކުޅެފައިވާ ޝިރާނީއަކީ އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްލި މޮޅު ބަތަލާއެކެވެ.

ޝިރާނީގެ ފިލްމީ މަސައްކަތުގައި ސިއްކަ ޖެހިގެން ދިޔަ އިރު، އޭނާ އެންމެ ފަހުން ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ ފާތުމަތު ނަހުލާގެ 2003ގެ ލޯބީގެ ފިލްމް "ކަލާޔާ ނުލާ" އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު ޝިރާނީ ކުޅުނު އެ ފިލްމަކީ އެ ދެ މީހުން އެކުގައި ފެނުނު ފުރަތަމަ އަދި ފަހު ފިލްމް ވެސް މެ އެވެ.

ޝިރާނީގެ ކެރިއަރަށް ބަލާ އިރު ވަރަށް ކާމިޔާބު ފިލްތަކެއް އޭނާ ކުޅެފައި އެބަ ހުއްޓެވެ. ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ފުން އަސަރު"، "ޒަލްޒަލާ"، "ހީލަތް"، "އެ ތޫފާނީ ރޭ" އަދި "ނަސީބު" ފަދަ އެތައް ފިލްމެއް އެބަ ހުއްޓެވެ.

މީގެ އިތުރުން ޝިރާނީ ވަނީ ގިނަ އަދަދެއްގެ ޑްރާމާތަކާއި ވީޑިއޯ ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްފަ އެވެ. މިހާރު ޝިރާނީ ސްކްރީނުން ބަލާލަން ބޭނުން އެތައް ބަޔަކު އެބަ ތިއްބެވެ. އެކަމަކު އެއީ ދެން ވާނެ ކަމެއްތޯ ބުނާކަށް ނޭނގެ އެވެ. ޔަގީން ކަމަކީ ޝިރާނީއަކީ ވެސް އަބަދު ވެސް ދިވެހިން ހަނދާން ކުރާނެ ބަތަލާއެއްކަމެވެ.

ދެން އޮތީ ރީތި ކަމާއި އެކްޓް ކުރަން މިވަރެއް ނެތް މަރިޔަމް ނިޝާގެ ވާހަކަ އެވެ. ގިނަ ބަޔަކު އަދިވެސް ގަބޫލުކުރާ ގޮތުގައި ދިވެހި ފިލްމް އިންޑަސްޓްރީން މިހާތަނަށް ފެނިގެން ދިޔަ އެންމެ ރީތި ބަތަލާއަކީ ނިޝާ އެވެ. އޭނާއަކީ ބަތަލާއަކަށް ޝަރުތު ހަމަވާ "ފުލް ޕެކެޖެކެވެ." ރީތިކަމާ އެއްވަރަަށް އެކްޓިން އެހާ މޮޅެވެ.

ނިޝާއަކީ އޭނާގެ ރަން ޒަމާނުގައި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ. އޭނާ ވަނީ ކާމިޔާބު އެތައް ރީތި ފިލްމުތަކެއް ކުޅެފަ އެވެ. ނިޝާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2011 ވަނަ އަހަރު މޫނިން ފުއާދު ޑައިރެކްޓް ކުރި "ލޫދިފާ" އެވެ.

ނިޝާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "14 ވިލޭރޭ"، "ޒުލޭހާ"، "ނާއުއްމީދު"، "ފަހު ނޭވާ"، ހައްގު" "ހިމެން ދުނިޔެ" ފަދަ ފިލްމުތައް ލިސްޓްގެ ކުރިން ޖާގަ ހޯދާނެ އެވެ. މީގެ އިތުރުން ވެސް ނިޝާގެ ގިނަ ފިލްމަތެއް އަދި ޑްރާމާތަކަކުން އޭނާގެ ފަރި ޖާދޫ ބެލުންތެރިންނަށް ދައްކާލައިފައިވެ އެވެ.

ނިޝާ ކުޅުނު ޑްރާމާތަކުގެ ތެރެއިން "ރޭޝަމް" އަކީ ވަރަށް ފާހަގަކޮށްލެވޭ ޑްރާމާއެކެވެ. މީގެ އިތުރުން އޭނާގެ ލިސްޓްގައި ވެސް އެތަކެއް ވީޑިއޯ ލަވަތަކެއް އެބަ ހުއްޓެވެ. ދިވެހި ފިލްމަށް ލޯބި ކުރާ މީހުން ނިޝާ އަބަދު ވެސް މިސް ވާނެ އެވެ. އޭނާގެ މަތިން ހަނދާން ކުރާނެ އެވެ.

ޝިރާނީ އާއި ނިޝާ ފިލްމީ ދާއިރާގައި ރަނިކަން ކުރަމުން ދިޔަ ޒަމާނުގައި ދެން މި ދާއިރާ އިން އެންމެ ގަދަ އަށް ވިދާލި ބަތަލާއަކީ އަދިވެސް ފިލްމީ ދާއިރާގައި ދެމި ހުރި ބަތަލާ ނިއުމާ މުހައްމަދެވެ.

އެ ދުވަސްވަރު ވަލީދާއަކީ ވެސް އާންމު މޫނެކެވެ. އެކަމަކު އެކްޓިންގައި މިއީ އެހާ މަޝްހޫރުވި ބަތަލާއެއް ނޫނެވެ. ނެށުމަށް އެވަރެއް ނެތެވެ.

އެ ޖީލުގެ ބަތަލާއިންނަށް ބަލާ އިރު ނިއުމާ ނޫނީ މެދުނުކެނޑި 21 ވަރަކަށް އަހަރު ފިލްމީ ދާއިރާ އިން ފެނުނު ބަތަލާއެއް ނެތެވެ.

ނިޝާ: ފިލްމީ ދާއިރާ އިން ފެނުނު އެންމެ ރީތި އަދި އެންމެ މޮޅު އެއް ބަތަލާ.
ނިޝާ: ފިލްމީ ދާއިރާ އިން ފެނުނު އެންމެ ރީތި އަދި އެންމެ މޮޅު އެއް ބަތަލާ.

މަރިޔަމް ޝައުގީގެ ޑްރާމާ "ހިތި ތަޖުރިބާ" އިން ނިކުތް ނިއުމާއަކީ މިހާތަނަށް ދިވެހި ސިނަމާ އަށް އައި އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ފަތިސްހަނދުވަރު" ގެ ބަތަލާ އެވެ. އެ ފިލްމް އަބަދު ވެސް ނިއުމާގެ ލިސްޓްގެ ކުރިއަށް އަރާނެ އެވެ. އެއީ އޭނާގެ އެކްޓިން ވަރަށް ފުރިހަމަ އަށް ފެނިގެން ދިޔަ ފިލްމެކެވެ.

ނިއުމާގެ އިތުރު ފިލްމުތަކަށް ބަލާ އިރު "ޔޫސުފް"، "ކަލާޔާ ނުލާ"، "މި ހަށިން ފުރާނަ ދަންދެން" އަދި "ސަޒާ" ކަހަލަ އެތައް ފިލްމެއް އޭނާ ކުޅެފައިވެ އެވެ.

ނިއުމާއަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފިލްމް ކުޅުނު އަދި އެންމެ ގިނަ އަދަކަށް ވީޑިއޯ ލަވަ ވެސް ކުޅުނު ބަތަލާ އަށް ވާނެ އެވެ. އަނެއްކޮޅުން އޭނާ ވަނީ "ނިއުމާ" ގެ ނަމުގައި އަމިއްލަ އަށް ފިލްމެއް ޑައިރެކްޓްކޮށް އެތައް ބަޔަކު ސިއްސުވާލައިފަ އެވެ.

ނިއުމާ އެންމެ ފަހުން ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ 2014 ގައި ފައްތާހު ގެނެސް ދިން "އާދޭސް" އެވެ. މިހާރު ވެސް ރިލީޒް ނުވެ، އެކަމަކު މަސައްކަތް ނިމިފައި އޮތް ނިއުމާގެ ތިން ފިލްމެއް އެބަ އޮތެވެ. އެއީ "މާޔޫސް" އާއި "ވީ ބޭވަފާ" އަދި "ހަތަރު ހަޅަ" އެވެ.

މީގެ އިތުރުން ނިއުމާ މިހާރު އަންނަނީ އޭނާ ސްކްރީނުން ފެނިގެން ދާނެ އެންމެ ފަހު ފިލްމުގެ ޑައިރެކްޝަނަށް ވެސް ތައްޔާރުވަމުންނެވެ. މިއީ އަންނަ އަހަރަށް އުންމީދު ކުރެވޭ ފިލްމެކެވެ.

ޝިރާނީ އާއި ނިޝާ އަދި ނިއުމާ ނަގައިފައި ދެން ފިލްމީ ދާއިރާ އިން އެންމެ ބޮޑު މަޝްހޫރު ކަމެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ބަތަލާއަކީ ފުވައްމުލަކަށް އުފަން ޖަމްޝީދާ އަހުމަދެވެ. ފަން ދިގު އިސްތަށިގަނޑާ އެކު އާންމުންގެ ސަމާލުކަން ހޯދި މި ބަތަލާއަކީ ވެސް ބެލުންތެރިން އުފާކޮށް ދިން އެތައް ފިލްމެއް ކުޅު ބަތަލާއެކެވެ.

ޖަމްޝީދާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2004 ގައި ފައްތާހު ޑައިރެކްޓް ކުރި "ވެހޭ ވާރޭ ތެރެއިން" އެވެ. އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ "ހިނިތުން" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި ޖަމްޝީދާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކަށް ވާނީ މުހައްމަދު ނިޔާޒް (ޓެޑްރީ) ޕްރޮޑިއުސް ކުރި "އަމާނާތް" އެވެ.

މީގެ އިތުރުން "ފަހު ނޭވާ"، "އުމުރަށް"، "މާޒީ"، "ނާއުންމީދު" އަދި "ދެހާސް ވަނަ އުފަން ދުވަސް" އަކީ ޖަމްޝީދާގެ ޖާދޫގައި އެތައް ބަޔަކު ޖެހުނު ފިލްމުތަކެވެ.

މީގެ އިތުރުން އޭނާ ޓައިޓްލް ރޯލް ކުޅުނު "އައިޝާ" އާއި "ދޯޕައްޓާ" އަކީ ހަނދާނުން ފޮހެލަން އުނދަގޫ ދެ ޑްރާމާ އެވެ. ހަމައެއާ އެކު އެތައް ވީޑިއޯ ލަވަތަކެއް އެބަ ހުއްޓެވެ.

މި ހަތަރު ބަތަލާ އިން ފިލްމީ ދާއިރާ "ކޮންޓްރޯލް ކުރި" ޒަމާން ނިމުމަކަށް އައުމަކީ ޔަގީނުން ވެސް ފޭނުންނަށް ލިބުނު ބޮޑު ހިތްދަތި ކަމެކެވެ. އެއިން ބަތަލާއަކު އެނބުރި އަންނާނެ ކަމަށް އަބަދު ވެސް އިންތިޒާރު ކުރެވެނީ ސަބަބުތަކެއް ހުރެގެންނެވެ.

އެހެން ގޮތަކަށް ބުނާ ނަމަ މި ބަތަލާއިންގެ ކެރިއަރުގައި ސިއްކަ ޖެހިގެން ދިއުމަކީ ދިވެހި ފިލްމީ ދާއިރާ އިން "ގޯލްޑެން އީރާއެއް" މާޒީވެގެން ދިޔުމެވެ. އެ ޒަމާން ބެލުންތެރިން އަބަދު ވެސް ހަނދާން ވާނެ އެވެ.

ޝިރާނީ، ނިޝާ، ނިއުމާ އަދި ޖަމްޝީދާގެ ވިދުން ގަދަ ޒަމާނުގައި އިތުރު ބަތަލާއިން ވެސް ފިލްމީ ދާއިރާ އަށް ތައާރަވުގެން ދިޔަ އެވެ. އެކަމަކު އެ ތަރިން ހޯދި ވަރުގެ މަޝްހޫރު ކަމަކާއި މަގުބޫލު ކަމެއް ފަހުން ނިކުތް ބަތަލާއިންނަކަށް ނުލިބެ އެވެ.

އޭގެ ތެރޭގައި ޒީނަތު އައްބާސް، މަރިޔަމް ނާޒިމާ، ހަދީޖާ (ބޮޑު ހައްޖަ) ފާހަގަކޮށްލެވެ އެވެ. އަދި މި ބަތަލާއިންގެ ކެރިއާ ވެސް މާ ކުރެވެ. އެކަމަކު އެ ދައުރުން ފެށިގެން މިއަދާ ހަމައަށް ޝީލާ ނަޖީބް ފިލްމީ ދާއިރާ އިން އަދިވެސް އެބަ ފެނެ އެވެ. ނިއުމާ ގޮތަށް ޝީލާއަކީ ދެ ގޮތެއް ނުވާ ބަތަލާއެކެވެ.

އޭގެ ފަހަތަށް ޖެހިލާ އިރު ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ)، ފާތުމަތު ޝީރީން، އާމިރާ އިސްމާއީލް، މަރިޔަމް އަފީފާ، ފާތުމަތު ފަރީލާ ކަހަލަ ބަތަލާއިންނަށް ވެސް ޝިރާނީމެން ޖަމްޝީދާމެން ހޯދި ވަރުގެ މަގުބޫލު ކަމެއް ނުލިބެ އެވެ.

ނިއުމާ: ދެ ގޮތެއް ނުވެ ފިލްމޫ ދާއިރާގައި އަދިވެސް ދެމި ހުރި ބަތަލާއެއް.
ނިއުމާ: ދެ ގޮތެއް ނުވެ ފިލްމޫ ދާއިރާގައި އަދިވެސް ދެމި ހުރި ބަތަލާއެއް.

ފިލްމީ ދާއިރާ މިހާރު ފެންނަނީ ވަރަށް އުޖާލާކޮށެވެ. އެހެންވެ މި ދާއިރާ އިން ހާއްސަކޮށް މޮޅު އަދި ރީތި ބަތަލާއިން ފެންނާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.

ބަތަލާއިންގެ މެދުގައި ކުރިން އޮތް ވަރުގެ ވާދަވެރިކަމާއި މަޝްހޫރުކަމާއި މަގުބޫލުކަން އަލުން އިޔާދަވެގެން އަންނާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.

ފިލްމީ ދާއިރާ އަށް މިހާރު ބަލައިފި ނަމަ ވަރަށް އުންމީދީ ބަތަލާއިން އެބަ ތިއްބެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އައިޝަތު ރިޝްމީ ފާހަގަކޮށްލަން ޖެހެ އެވެ.