މުނިފޫހިފިލުވުން / ބޮލީވުޑް

"ގުުޑް ނިއުސް" އިން އުފާވެރި ޚަބަރުތަކެއް

27 ޑިސެމްބަރ 2019 - 07:51

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "ގުޑް ނިއުސް" އަކީ އަހަރު ނިންމައިލަން ވަރަށް ވެސް ރަނގަޅު ފިލްމެއް ކަމަށާއި އެ ފިލްމާ ބެހޭ ގޮތުން ހިއްސާކުރަން ހުރީ މުޅިން ވެސް ރަނގަޅު ޚަބަރުތަކެއް ކަމަށް ބުނެ އެ ފިލްމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ޑައިރެކްޓް ކުރި ފިލްމަށް ތަރަން ވަނީ ފަސް ތަރީގެ ތެރެއިން ހަތަރު ތަރީގެ ރޭޓިންއެއް ވެސް ދީފަ އެވެ. އޭނާ ބުނީ "ގުޑް ނިއުސް" ކަހަލަ ފިލްމަކާ އެކު އަހަރު ނިންމައި ލުމަކީ ވެސް ވަރަށް ރަނގަޅު ހެޔޮފާލެކެވެ.

މި ފިލްމުގައި ކިޔައި ދެނީ ކައިވެނި ކޮށްގެން ހަތް އަހަރު ވީ އިރު ވެސް ދަރިއަކު ނުލިބިގެން އުޅޭ ދެމަފިރިން ކަމަށް ވާ ވަރުން ބަޓްރާއި ދީޕްތީ ބަޓްރާ (އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް) ގެ ވާހަކަ އެވެ. އާއިލާގެ ލަފާގެ މަތިން ދެ މީހުން ދެން ދަރިއަކު ހޯދަން މަސައްކަތް ކުރަނީ އައިވީއެފް ހަދައިގެންނެވެ.

"ގުޑް ނިއުސް" ގެ ވާހަކަ އެ ހިސާބުން އެނބުރެނީ ފަހަތު ނަމަކަށް ބަޓްރާ އަންނަ އެހެން ދެމަފިރިއެއް ކަމަށް ވާ ހަނީ ބަޓްރާ އާއި މޮނިކާ ބަޓްރާ (ދިލްޖީތު ދޮސަންޖާއި ކިއާރާ އަދުވާނީ) ވެސް ހަމަ އެއް ކްލިނިކެއްގައި އައިވީއެފް ހަދަން އުޅުމުގެ ތެރޭގައި ދަރިފަނި އޮޅުންބޮޅުން ވެގެންނެވެ.

ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި އެނބުރެނީ އެއްވެސް ގުޅުމެއް ވެސް ނެތް ބައެއްގެ ދަރިފަނި އޮޅުންބޮޅުން ވެގެން އެ މީހުންގެ ތެރޭގައި ހިނގާ ހައިޖާނު ގަނޑަށެވެ. އެގޮތުން "ގުޑް ނިއުސް" އަކީ ބެލުންތެރިން ހެއްވައިލުމުގެ އިތުރަށް ރޮއްވައިލާ ވަރުގެ ފުރިހަމަ ފިލްމެއް ތަރަން ބުންޏެވެ.

އޭނާ ބުނިގޮތުގައި ފިލްމުގެ އަސްލު ހީރޯ އަކީ ސްކްރީންޕްލޭ އެވެ. އެގޮތުން "ގުޑް ނިއުޒް" އަކީ ވަރަށް ފަރުވާ ބަހައްޓައިގެން ލިޔެފައިވާ ތަސައްރަފު ފުދޭ ޝައުވެރި ސްކްރީންޕްލޭ އެކެވެ. އަދި މުޅި ފިލްމަށް ބަލާ އިރު، މިއީ ބެލުންތެރިން ފޫހިކުރުވާނެ އެންމެ މަންޒަރެއް ވެސް ނެތް، ޗާލު ފިލްމެއް ކަމަށް ބުންޏެވެ. ތަރަން ފާހަގަކުރި ގޮތުގައި ފިލްމުގެ ދެން އެންމެ ބޮޑު އުސް އައްޔަކީ ފިލްމުގެ ޑައިލޮގް ތަކެވެ. އެގޮތުން ކޮންމެ މަންޒަރެއްގައި ވެސް ވަރަށް ފުރިހަމަ އަދި ބެލުންތެރިންގެ ހިތްތަކާ ކުޅެލާ ކަހަލަ އަދި ގިނަ ދުވަހަށް ހަނދާން ވެސް ހުންނާނެ ކަހަލަ ގިނަ ޑައިލޮގްތައް ފިލްމުގައި ހިމެނޭ ކަމަށް ބުންޏެވެ.

"ގުޑް ނިއުސް" ގެ ސްކްރީންޕްލޭ ޖިއޯތީ ކަޕޫރާއި ރިޝަބް ޝަރުމާ ލިޔެފައިވާ އިރު، ޑައިލޮގްތައް ލިޔުނީ އެ މީހުންނާ އެކު ޑައިރެކްޓަރު ރާޖެވެ.

ތަރަން ފާހަގަކުރި ގޮތުގައި އާ ޑައިރެކްޓަރަކާ ބަލާއިރު، ރާޖް ވަނީ ސްކްރީންޕްލޭ އަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދީފަ އެވެ. އަދި އޭނާގެ މަސައްކަތް ފުރިހަމަ ކަމުން މިއީ ރާޖްގެ އަލަތު ފިލްމޭ ބުނާ ވަރަށް ވުރެ އޭނާގެ މަސައްކަތް ރަނގަޅު ކަމަށާއި އެއީ ތައުރީފު ހައްގު ކަމެއް ކަމަށް ބުންޏެވެ. ތަރަން ބުނީ ރާޖް ފިލްމު ގެނެސްދީފައި އޮތް ގޮތަށް ބަލާ އިރު، "ގުޑް ނިއުސް" އަކީ އޭގައި ހިމެނޭ ލަވަތަކާ ނުލައި ވެސް ވަރަށް ފުރިހަމަ ފިލްމަކަށް ވާނެ ކަމަށެވެ.

ތަރިންގެ އެކްޓިން އަށް އިޝާރާތްކޮށް ތަރަން ބުނީ ފިލްމުގައި އަކްޝޭ އާއި ކަރީނާ އެ މީހުންގެ ރޯލްތައް ވަރަށް މޮޅަށް ދައްކުވައި ދީފައިވާ ކަމަށާއި އެ މީހުންނަށް ކިޔާނެ ފާޑެއް ނެތް ކަމަށެވެ.

އަދި ދިލްޖީތާއި ކިއާރާގެ ރޯލް އެހާ ބޮޑު ނޫން ނަމަވެސް އެ މީހުންނާ ހަވާލުކުރި ކެރެކްޓާތަކަށް ވެސް އެހާމެ ރަނގަޅަށް މަސައްކަތްކޮށް ދީފައިވާ ކަމަށް ބުންޏެވެ.

ތަރަން ބުނީ މި އަހަރު ފެށިގެން ވެސް އައީ ކާމިޔާބު ފިލްމުތަކަކުން ކަމަށް ވެފައި އަހަރު ނިންމައިލަން ވެސް "ގުޑް ނިއުސް" ކަހަލަ ފިލްމެއް އައުމަކީ ފިލްމު ބަލާ މީހުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފިލްމު ސުޕާ ހިޓަކަށް ވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ވެސް ނެތް ކަމަށް ބުންޏެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454