11 ޖެނުއަރީ 2020 - 08:13
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ދެމަފިރިން ކަމަށްވާ ސަންޖީދާ ޝެއިޚާއި އާމިރު އަލީގެ ކައިވެނީގެ ކުނިޖެހި ދެ މީހުން ވަރިވާން އުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި 2012 ގައި ކައިވެނިކުރި ދެ ތަރިން މިހާރު ވަކިން އުޅޭތާ ވެސް ވަނީ ދުވަސްތަކެއްވެފަ އެވެ. އެހެންވެ މިހާރު އެކީގައި ކުރިއަށް ދެވެން ނެތުމުން ކައިވެނީގެ ގޮށް މޮހައިލަން ނިންމާފައިވާ ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރުން ފެށިގެން ދެމަފިރިން އުޅެނީ ވަކިންނެވެ.
ނަމަވެސް އާމިރާއި ސަންޖީދާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި ދެ މީހުންގެ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި "ލައިފް ހަމަ އޯކޭ" ކަމަށް ސަންޖީދާ މީޑިއާއަކަށް ބުންޏެވެ. އަދި ވަކިވާންން އުޅޭ ކަމަށް އަޑުއަރާފައިވާތީ އެކަމާ ބެހޭ ގޮތުން މީޑިއާއަކުން ސުވާލުކުރުމުން އާމިރު ވަނީ "ތިއީ ހަމަ ތެދެއްތޯ؟" އާއި "ނުދެނަހުރިން" ކަމަށް ބުނެފަ އެވެ. އަދި އޭނާ ބުނީ "ހުރިހާ ކަމެއް އޯކޭ" ކަމަށެވެ.
ވަރަށް ލޯބި ދެމަފިރިންގެ ގޮތުގައި މަޝްހޫރުވި ސަންޖީދާ އާއި އާމިރުގެ ވަރީގެ ވާހަކަ ދެކެވެމުންދާ އިރު، ސަންޖީދާ މި ވަގުތު އަންނަނީ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ބިޖޯއީ ނަމްބިއާ ޑައިރެކްޓްކުރާ "ތައިޝް" އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕުލްކިޓް ސަމްރާޓާއި އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ ކްރިތީ ކަރްބަންދާ އާއި ޖިމް ސަރްބް، ހާޝްވަރުދަން ރާނޭ އަދި ސަލޯބީ ބަޓްރާ ހިމެނެ އެވެ.
ކުރިން ވެސް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ސަންޖީދާ، 35، ކުޅެފައިވާ ޓީވީ ސިލްސިލާތަކުގެ ތެރޭގައި "އޭކް ހަސީނާ ތީ"، "ލަވް ކާ ހޭ އިންތިޒާރު"، "އިޝްގް ކާ ރަންގް ސަފޭދު" އަދި "ބަދަލްތޭ ރިޝްތޯން ކީ ދާސްތާން" ހިމެނެ އެވެ.
"ހައި ހޭޓް ލަވް ސްޓޯރީޒް" އާއި "ރާކް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އާމިރު، 42، ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ނަވްރަންގީ ރޭ"، "ކިސް ދޭޝް މޭ ހޭ މޭރާ ދިލް"، "ޖިލްމިލް ސިތާރޯން ކާ އާގަން ހޯގާ" އަދި ސަންޖީދާ ވެސް ކުޅުނު "އޭކް ހަސީނާ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy