10 ފެބުރުއަރީ 2020 - 07:15
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ފެވަރިޓް ބަތަލާ ކެޓްރީނާ ކެއިފާ އެކު ސުޕަހީރޯ ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަލީ މިހާތަނަށް ޑައިިރެކްޓްކުރި ގިނަ ފިލްމުތަކުގައި ބަތަލާގެ ރޯލް ކުޅުނު ކެޓްރީނާ ބައިވެރިވާ އެކްޝަން ސުޕަހީރޯ ފިލްމު ވާނީ ފްރެންޗައިޒަކަށެވެ. އަދި ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމު މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށާއި މިއީ އަލީ ޑައިރެކްޓްކޮށް، ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާނެ ފިލްމެއް ކަމަށް ބުންޏެވެ.
ހަންގާމާ އިން ބުނީ މީގެ މަސައްކަތްތައް މިހާރު ދާ ގޮތަށް ބަލާ އިރު، މި އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ވެސް ފަށާނެ ކަމަށެވެ. އެގޮތުން ސްކްރިޕްޓް ފައިނަލްވުމާ އެކު، ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަންތައް ވެސް ކަނޑައަޅާނެ އެވެ.
އަލީއާ އެކު އެންމެ ފަހުން ކެޓްރީނާ މަސައްކަތްކުރީ މިދިޔަ އަހަރު ރިލީޒްކުރި "ބާރަތު" ގަ އެވެ. އޭނާގެ އަލަތު ފިލްމު 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" ގެ ބަތަލާ އަކީ ވެސް ކެޓްރީނާ އެވެ. އަދި 2018 ގައި އަލީ ގެނެސްދިން "ޓައިގާ ޒިންދާ ހޭ" ގެ ބަތަލާ އަކީ ވެސް ކެޓްރީނާ އެވެ.
އަލީ، 38، މި ވަގުތު އަންނަނީ ދެ ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުންނެވެ. އެއީ އަނަންޔާ ޕާންޑޭ އާއި އިޝާން ޚައްތަރާ އެކު ޕްރޮޑިއުސްކުރާ "ކާލީ ޕީލީ" އާއި ސައިފް އަލީ ޚާނާ އެކު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ވެބް ސީރީޒް ތަންޑަވް (ދިއްލީ) އެވެ.
ކެޓްރީނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މަހުގެ 27 ގައި ރިލީޒްކުރާ ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭޖޭ
10 February 2020
އޮއްޓަރެއްނެތް ވާހަކައަކަށް ހަދާ ފިލްމެއްވިއްޔާ ކެޓްރީނަ ރަގަޅުވާނެ. އެއްވެސް އެކްޓެއް ނެއްވިއްޔާ، ހަމައެކަނި ޑާންސް ކުރަން އެގެނީ.