05 މާޗް 2020 - 07:19
އަންނަ މަހު ރިލީޒްކުރަން ނިންމާފައިވާ ޖޭމްސް ބޮންޑް ސީރިޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރުން، ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރި ބިރުވެރިކަމެއްގައި އޮތުމުން ލަސްކޮށްދޭން ފޭނުން އެދެން ފަށައިފި އެވެ.
ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލު ކުޅުނު ފަހު ފިލްމު އަންނަ މަހުގެ 2 ގައި އިނގިރޭސިވިލާތުގައި ޕްރިމިއާކުރުމަށް ފަހު، ދުނިޔޭގެ އެހެން ހިސާބުތަކުގައި ދައްކަން ނިންމާފައި ވަނީ އެޕްރީލް މަހުގެ 10 އިން ފެށިގެންނެވެ.
ނަމަވެސް ކޮވިޑް-19 ގެ މައްސަލަ ގައުމުތަކުގައި ބޮޑުވަމުންދާތީ އެމް16 ކޮންފިޑެންޝަލާއި ދަ ޖޭމްސް ބޮންޑް ޑޮޒިއާ އާއި ޖޭމްސް ޕޭޖް އަދި ޑޭވިޑްގެ ލީ ފަރާތުން ޖޭމްސް ބޮންޑްގެ ޕްރޮޑިއުސަރުންނަށް "ނޯ ޓައިމް ފޮ އިންޑިސިޝަން" ގެ ނަމުގައި ފޮނުވި ސިޓީއެއްގައި ބުނީ މި ދަނޑިވަޅަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ "ނޯ ޓައި،މް ޓު ޑައި" ރިލީޒްކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.
"Bond… James Bond” – The first trailer for #NoTimeToDie is here! In cinemas April 2020 #Bond25 #BondJamesBond pic.twitter.com/Xo1pSYHgbc
— James Bond (@007) December 4, 2019
ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ފިލްމު އަޅުވަން މަހެއްހާ ދުވަސް އޮތް އިރު ކޮވިޑް-19 ގެ މައްސަލަ ގައުމުތަކުގައި ދަނީ އަދިވެސް ދަނީ ސީރިއަސްވަމުންނެވެ. އެހެންވެ މި ހާލަތުގައި އޮއްވައި ފިލްމު ސިނަމާތަކަށް ގެނެސްފި ނަމަ އެ ބަލައިލުމުގެ ފުރުސަތު ވެސް ގިނަ ބަޔަކަށް ނުލިބި، މާލީ ގޮތުން ވެސް ފިލްމުގެ ޓީމަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުންޏެވެ. އެހެންވެ ފިލްމު ލަސްކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ބުންޏެވެ.
"މި ދަނޑިވަޅަކީ ފިލްމުތައް މާކެޓްކުރުމަށް ވުރެ އާންމު ސިއްހީ ރައްކާތެރި ކަމަށް ސަމާލުކަން ދޭން ޖެހޭ ވަގުތެއް." ސިޓީގައި ބުންޏެވެ.
އޭގައި ބުނެފައިވާ ގޮތުގައި ބައެއް ގައުމުތަކުގައި މިހާރު ސިނަމާތައް ވެސް ބަންދުކުރަމުންދާތީ މިއީ ވެސް މި ދަނޑިވަޅުގައި ފިލްމު އަޅުވައިގެން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. ނަމަވެސް ބޮންޑްގެ ޓީމުން އަދި މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
"ނޯ ޓައިމް ޓު ޑައި" ލަސްކޮށްދޭން ފޭނުންތަކެއް އެދިފައިވާ އިރު، ކޮވިޑް-19 އާ ގުޅިގެން ދާދި ފަހުން ވެސް ފިލްމީ ގިނަ އިވެންޓްތަކެއް ކެންސަލްކޮށް، ބައެއް ފިލްމުތަކުގެ މާކެޓިން ވެސް މަޑުޖައްސާލައިފަ އެވެ.
ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ގްލޯބަލް ބޮކްސް އޮފީހަށް 5 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގީރުކޮއެ
05 March 2020
މިހާރު ނޮވެމްބަރު 12 ގަޔޯ