06 މާޗް 2020 - 07:49
އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތްް ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.
ގައުމުތަކުގައި މިހާރު ވަރަށް ބާރަށް ކޮރޯނާވައިރަސް (ކޮވިޑް-19) ފެތެރުމުންދާތީ މި ދަނޑިވަކީ އެ ފިލްމު ރިލީޒްކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަަށް ބުނެ ފޭނުންތަކެއް ބޮންޑްގެ ޕްރޮޑިއުސަރުންނަށް ސިޓީއެއް ވެސް ފޮނުވާފައި ވަނިކޮށް، ފިލްމު ފަސްކުރިކަން ވަނީ ކަށަވަރު ވެސްކޮށް ދީފަ އެވެ.
The film will be released in the U.K. on November 12, 2020 with worldwide release dates to follow, including the US launch on November 25, 2020.
— James Bond (@007) March 4, 2020
އެގޮތުން "ނޯ ޓައިމް ޓު ޑައި" ގެ ތާރީހަށް ގެނައި ބަދަލާ އެކު އިނގިރޭސިވިލާތުގައި ފިލްމު ޕްރިމިއާކުރާނީ ނޮވެމްބަރު 12 ގައި ކަމަށާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ފިލްމު އަޅުވާނީ އެ މަހުގެ 25 އިން ފެށިގެން ކަމމަށް ބޮންޑްގެ ރަސްމީ ޓްވިޓާގައި ބުންޏެވެ.
ކުރިން އޮތް ގޮތުން ނަމަ ފިލްމު އިނގިރޭސިވިލާތުގައި ޕްރިމިއާކުރަން އޮތީ އަންނަ މަހުގެ 2 ގަ އެވެ. އަދި އެހެން ހިސާބުތަކުގައި އަޅުވަން އޮތީ އަންނަ މަހުގެ 10 އިން ފެށިގެންނެވެ.
"ނޯ ޓައިމް ޓު ޑައި" އަކީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަހު ފިލްމެވެ. އަދި މިއީ އޭނާ ބޮންޑްގެ ރޯލް ކުޅުނު ފަސް ވަނަ ފިލްމެވެ.
ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކެރީ ޖޯޖީ ފުކުންގާ އެވެ.
"ނޯ ޓައިމް ޓު ޑައި" ގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ލިއާ ސިޑޫ، ލަޝާނާ ލީންޗް، ނިއޯމީ ހެރިސް، ކްރިސްޓޯފާ ވޯލްޒް، ރާފް، ފިއެނެސް އަދި ޖެފްރީ ރައިޓް ފަދަ ތަރިން ހިމެނެ އެވެ. މި ފިލްމަކީ މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.
ނަމވެސް ކޮވިޑް-19 އާ ހެދި "ނޯ ޓައިމް ޓު ޑައި" އަށް ކުރަން ޖެހޭ އިންތިޒާރު މި ވަނީ ވަރަށް ދިގުލައިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy