އަހަރުގެ އެންމެ ރަނގަޅު ފެށުން ޓައިގާ ޝްރޮފްގެ "ބާގީ 3" އަށް

މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ޓައިގާ ޝްރޮފް "ބާގީ 3" އަށް ލިބިއްޖެ އެވެ.


ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމަށް އިންޑިއާ އިން އެކަނި އެ ދުވަހު ބޮކްސް އޮފީހުގައި 17.50 ކްރޯޑް ރުޕީސް (2.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެކަމަކު މިއީ 2018 ގައި ގެނެސްދިން "ބާގީ 2" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އަށް ވުރެ ދަށް އަދަދެކެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު 25.10 ކްރޯޑް ރުޕީސް (3.4 މިލިއަން ޑޮލަރު) ލިބުނެވެ.

މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފަސް ފިލްމުގެ ލިސްޓްގެ ދެވަނައިގައި އޮތީ އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހީ އަޖޭ ދޭވްގަންގެ "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.

ޖެނުއަރީ މަހުގެ 10 ގައި އެޅުވި އެ ފިލްމަށް ހަމަ އެ ދުވަހު ބޮކްސް އޮފީހުގައި 15.10 ކްރޯޑް ރުޕީސް (2.0 މިލިއަން ޑޮލަރު) ގެ އާމްދަނީ އަށް ލިބުނު އިރު، އެ ފިލްމަށް މިހާތަނަށް ޖުމްލަ 367.06 ކްރޯޑް ރުޕީސް (50 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. އޯމް ރައުތު ޑައިރެކްޓްކުރި އެ ފިލްމު ހަދާފައި ވަނީ 150 (20 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

މި އަހަރު ތިން ވަނަ އަށް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަކީ ޖެނުއަރީ 31 ގައި ރިލީޒްކުރި ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އެވެ. ނިތިން ކައްކަރު ޑައިރެކްޓްކުރި އެ ފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ އަކީ 12.40 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) އެވެ.

ހަތަރު ވަނަ އަށް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދީ ވަރުން ދަވަންގެ "ސްޓްރީޓް ޑާންސާ" އެވެ. ޖެނުއަރީ މަހުގެ 24 ގައި ރިލީޒްކުރި ފިލްމަށް ހަމަ އެ ދުވަހު ޖުމްލަ 10.26 ކްރޯޑް ރުޕީސް (1.3 މިލިއަން ޑޮލަރު) ލިބުނެވެ. ފަސް ވަނައިގައި އޮތީ ފުރަތަމަ ދުވަހު 9.55 ކްރޯޑް ރުޕީސް (1 މިލިއަން ޑޮލަރު) ހޯދި އަޔޫޝްމަން ކްރާނާގެ "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ. ހިތޭޝް ކެވަލިއާ ޑައިރެކްޓްކުރޮ އެ ފިލްމަކީ މިދިޔަ މަހުގެ 21 ގައި ރިލީޒްކުރި ފިލްމެކެވެ.

ޓައިގާ ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ "ބާގީ 3" އަކީ "ބާގީ' ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. ކުރީގެ ބައިތަކާ އެއްގޮތަށް މި ފަހަރުގެ ފިލްމުގެ ވެސް ޔޫއެސްޕީ އަކީ ޒުވާން އެކްޓަރުގެ ވަރުގަދަ އެކްޝަންތަކެވެ.

ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނިގޮތުގައި އަހުމަދު ޚާން ޑައިރެކްޓްކުރި "ބާގީ 3" ގެ ސްކްރިޕްޓްގައި ބާގަނޑުތަކެއް ހުއްޓަސް މި ފިލްމަކީ މާސް އޯޑިއަންސް ބޭނުންވާނެ ހުރިހާ ޒަހަތަކެއް އެކުލެވޭ ވަރަށް ބޮޑަށް މުނިފޫހި ފިލުވައުދޭ ފިލްމެކެވެ. އެގޮތުން ފިލްމުގައި ދައްކުވައުދޭ ވަރުގަދަ ތަޅާފޮޅުމުގެ މަންޒަރުތަކާ އެކު، ބެލުންތެރިން ހެއްވައިލާ ކަހަލަ ގިނަ މަންޒަރުތަކެއް ވެސް ފިލްމުގައި ހިމެނޭ ކަމަށް ބުންޏެވެ. އެހެންވެ "ބާގީ 3" ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ކަމަށް ބުނަމުން ތަރަން ވަނީ ފިލްމަށް ފަސް ތަރިން ތިނެއް ބައިގެ ރޭޓިންއެއް ދީފަ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝްރަދާ ކަޕޫރާއި ރިތޭޝް ދޭޝްމުކާއި އަންކިތާ ލޯކަންދޭ އާއި ވިޖޭ ވަރުމާ އަދި ޖެއިދީޕް އަހުލުވާތާއި ޖެކީ ޝްރޮފާއި އަޝުތޯޝް ރާނާ ފަދަ ތަރިން ހިމެނެ އެވެ.

"ބާގީ 3" ގެ ވަރަށް ހިނގާނެ ކަމަށް ބެލެވުނަސް މި މަހުގެ 24 ގައި އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" ސިނަމާތަކަށް އަންނާތީ މިއީ ޓައިގާފެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ވާދަވެރިކަމަކާ ކުރުމަތިލާން ޖެހޭނެ ކަމެއް ކަމަށް ބެލެވެ އެވެ.