ރޮބަޓް ޕެޓިންސަން.
17 މާޗް 2020 - 07:37
ރޮބަޓް ޕެޓިންސަން ބެޓްމޭންގެ ރޯލް ކުޅޭ ފިލްމު "ދަ ބެޓްމޭން" ގެ ޝޫޓިން ކޮވިޑް-19އާ ހެދި ދެ ހަފުތާ އަށް މެދުނޑާލައިފި އެވެ.
ވޯނާ ބްރަދާޒުން ބުނީ އެ ފިލްމުގެ ޝޫޓިން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ލަންޑަނުގައި ކުރިއަށް ގެންދިޔަ ނަމަވެސް ކޮރޯނާވައިރަހާ ހެދި، މަސައްކަތްތައް މި ވަގުތު މެދުކަނޑާލުމަށް ފަހު، ޝޫޓިން ލިވަޕޫލަށް ބަދަލު ވެސް ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. ދެ ހަފުތާގެ މުއްދަތަށް ޝޫޓިން ހުއްޓުމަކަށް ގެނައި ނަމަވެސް އަލުން ޝޫޓިން ފަށާނެ ތާރީހެއް އިއުލާނެއްނުކުރެ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން "ދަ ބެޓްމޭން" ގެ ޝޫޓިން އަށް އައި ތާށިކަމާ ހުރެ، ފަހަރުގައި ފިލްމު ރިލީޒްކުރާ ތާރީހަށް ވެސް ބަދަލެއް އައިސްދާނެ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން 25 އަށެވެ.
🦇🏎 #TheBatman pic.twitter.com/qJFNprk1ut
— Matt Reeves (@mattreevesLA) March 4, 2020
މެޓް ރީވްސް ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒޯއީ ކްރަވިޒް، ޖެފްރީ ރައިޓް، ޕޯލް ޑާނޯ، އެންޑީ ސާކިޒް، ކޮލިން ފެރެލް، ޖޭމީ ލޯސަން އަދި ޕީޓާ ސާޒްގާޑް ހިމެނެ އެވެ.
ކޮވިޑް-19އާ ހެދި މަސައްކަތްތައް މަޑުޖައްސާލި ވޯނާ ބްރޮސްގެ ފިލްމުތަކުގެ ތެރޭގައި ކިއާނޫ ރީވްސްގެ "މެޓްރިކްސް 4" އާއި ވިލްސުމިތުގެ "ކިންގް ރިޗަޑް" އެވެ.
އެ ސްޓޫޑިއޯގެ ފިލްމު "އެލްވިސް" ގެ ޝޫޓިން އަށް އޮސްޓްރޭލިއާ އަށް ގޮސް އުޅެނިކޮށް މިދިޔަ ހަފުތާގައި އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސަން ކޮވިޑް-19 ޕޮޒިޓިވްގެ މިހާރު އަންނަނީ ކަރަންޓީނުކޮށް، ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ހޮލީވުޑްގެ ވަރަށް ގިނަ ޕްރޮޖެކްޓަތަކަށް ވަނީ ބުރޫއަރައިފަ އެވެ. އަދި ބޮޑެތި ފިލްމުތަކެއް ރިލީޒްކުރާ ތާރީހު ވެސް ވަނީ ބަދަލުކޮށްފަ އެވެ. ހޮލީވުޑްގެ ވިޔަފާރި ޚަބަރުތައް ދިރާސާކުރާ މީހުން ބުނާގޮތުގައި މިކަންކަމާ ހުރެ މި އަހަރު އިންޑަސްޓްރީ އަށް 5 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާން
17 March 2020
ޕެޓިންސަންގެ ބެޓްމޭން ވާނީ މިހާތަނައް ފެނުނު އެންމެ ފުރިހަމަ ބެޓްމޭންއައްކަން ވަރަށް ލަފާކުރެވޭ. ޒޯއީ ކްރެވިޓްޒް އެއީ ކެޓްވުމަންގެ ރޯލައް އެންމެ ޕާރފެކްޓް އެކްޓްރެސް. ހީކުރަން ޝެޑިއުލްކޮއްފަ އިން ތާރީޚަށް ފިލްމް ރިލީޒްކުރެވޭނެ ކަމަށް.