29 މާޗް 2020 - 08:27
ޝާހްރުކް ޚާނާއި އާލިއާ ބަޓް އެކީގައި 2016 ގައި ކުޅުނު ފިލްމު "ޑިއާ ޒިންދަގީ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. ގޯރީ ޝިންޑޭ ޑައިރެކްޓްކުރި އެ ފިލްމުގައި އާލިއާ ކުޅުނީ އޭނާ އަށް ދިމާވެފައިވާ ނިދުމާއި އަދި އެ ނޫން ވެސް ނަފުސާނީ މައްސަލަތަކާ ގުޅޭ ގޮތުން ލަފާދޭ ޑޮކްޓަރެއް ދެކެ ލޯބިވެވޭ ޒުވާން އަންހެނެއްގެ ރޯލެވެ.
ޝާހްރުކާއި އާލިއާގެ ޖޯޑު އަނެއްކާވެސް ސްކްރީނަށް ގެންނަނީ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި މި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ ފިލްމެކެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި ސިދާތު ފިލްމުގެ ވާހަކަ އާލިއާ، 25، އާއި ޝާހްރުކް، 54، އަށް މިހާރު ނެރޭޓް ވެސްކޮށް ދީފައިވާ އިރު، އޭގެ ކޮންސެޕްޓް ދެ ތަރިންނަށް ކަމުގޮސްފައިވާތީ އެއްބަސްވާނެކަމުގެ އިޝާރާތްތަކެއް ދީފައިވެ އެވެ.
ނަމަވެސް ޝާހްރުކާއި އާލިއާ ފިލްމަށް ސޮއިކުރާނީ ސްކްރިޕްޓް އެއްކޮށް އަތަށް އެރުމުން ކަމަށްވެ އެވެ.
އެ ދެ ތަރިންނާ އެކު ސިދާތު ފިލްމެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކަށް ތިލަވެފައި ވަނީ މި ވަނީ "ވޯ" ގެ ބަތަލު ރިތިކް ރޯޝަނާ އެކު އާ ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ދާދި ފަހުން ހިއްސާކޮށްފައި ވަނިކޮށެވެ. ނަމަވެސް ސިދާތު ދެން ގެނެސްދޭނެ ފިލްމަކީ ކޮބައިކަމެއް އަދި ކަށަވަރެއްނުވެ އެވެ.
އަދި ޝާހްރުކާއި އާލިއާއާ އެކު އޭނާ ފިލްމެއް ހަދަން އުޅޭ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.
މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "ޒީރޯ" ފްލޮޕްވި ފަހުން، ޝާހްރުކް ކުޅޭނެ ފިލްމެއް މިހާތަނަށް ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ ފިލްމެކެވެ.
އާލިއާ އަކީ މި ވަގުތު ވެސް އަތުގައި ގިނަ ޕްރޮޖެކްޓްތަކެއް ހުރި ބަތަލާއެކެވެ. އޭގެ ތެރޭގައި "ސަޅަކް 2" އާއި "ގަންގްބާއީ ކަތިއަވާޅީ" އާއި "ބުރައްމަސްތުރާ" ގެ އިތުރުން "އާރްއާރްއާރް" އާއި "ތަޚުތު" ހިމެނެ އެވެ.
ޝާހްރުކާއި އާލިއާ އަދި މިހާތަނަށް ސިދާތާއެކު މަސައްކަތެއް ނުކުރެ އެވެ. އެހެންވެ މި ތިން މީހުންގެ ޕްރޮޖެކްޓަކީ ވަރަށް ހާއްސަ އެއްޗަކަށް ވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy