އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ވާހަކަ ކިޔައިދިން ފިލްމުތަކެއް ކުރިން ވެސް ބެލުންތެރިންނާ ހަމައަށް އައިސްފައިވެ އެވެ. ޑަޔާނާގެ ހަނދާންތައް އަދިވެސް ގިނަ ބަޔަކު ވަށާލާފައިވުމާއި އެކަމަނާ އަކީ އެތައް ބައެއްގެ ހިތްތަކުން ހާއްސަ މަގާމެއް ހޯދި ޝަހުސިއްޔަތަކަށްވުމެވެ.

ޑަޔާނާގެ ވާހަކަ ކިޔައިދޭ އާ ފިލްމަކަށް ތައްޔާރުވަމުން އަންނަ އިރު، މި ފަހަރު އެ ކަމަނާގެ ރޯލް ކުޅޭނީ "ޓްވައިލައިޓް" ގެ ފިލްމުތަކުން ވިދި ޒުވާން ބަތަލާ ކްރިސްޓެން ސްޓްވާޓް، 30، އެވެ.

ޑަޔާނާގެ ފިލްމު މި ފަހަރު ގެނެސްދެނީ އިނގިރޭސި ޑްރާމާ ސިލްސިލާ "ޕީކީ ބްލައިންޑާޒް" ގެނެސްދިން ޕްރޮޑިއުސަރު ސްޓީވެން ނައިޓްވެ. ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޭ އެފް ކެނެޑީގެ އަނބިކަނބަލުން ޖެކީ ކެނެޑީގެ ބައޮގްރަފިކަލް ޑްރާމާ "ޖެކީ" 2016 ގައި ގެނެސްދިން ޑައިރެކްޓަރު ޕަބްލޯ ލެރައިނެވެ.

އޭނާގެ ބުނީ ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާކުރަނީ ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ނާކާމިބު ކައިވެނީގެ ހަޔާތަށް ކަމަށެވެ. ޑަޔާނާ އާއި ޗާލްސް 1981 ގައި ކުރެއްވި ކައިވެނީގައި ސިއްކަ ޖެހުނީ 1992 ގަ އެވެ. އޭރު ކައިވެންޏަށް ދެ ދަރިކަލުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ޕްރިންސް ވިިލިއަމާއި ޕްރިންސް ހެރީ އެވެ.

އޮގަސްޓް، 31، 1997 ގައި ޑަޔާނާ ފްރާންސްގައި ކާރު އެކްސިޑެންޓެއްގައި އަވަހާރަވީ އޭރު އެ ކަމަނާ ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވި މިސްރުގެ ވިޔަފާރިވެރިޔާ ޑޯޑީ އަލް ފާއިދާ އެކީގަ އެވެ.

ޑެޑްލައިނަށް ދިން އިންޓަވިއުއެއްގައި ލެރެއިން ބުނީ ޑަޔާނާގެ ފިލްމުގައި އެންމެ ބޮޑަށް ފޯކަސްކުރާނެ އެއް ކަމަކީ ގިނަ ބަޔަކު ވަރަށް ލޯބިވި ވަރުގަދަ އަންހެން ޝަހުސިއްޔަތަކަށް ޑަޔާނާވެގެން ދިޔަ ގޮތާއި އަންހެނެއްގެ އައިޑެންޓިޓީ އަކީ ކިހާ މުހިއްމު އެއްޗެއްތޯ ކަމަށެވެ.

އޭނާ ބުނީ ފިލްމަށް ކްރިސްޓިން ނެގީ އޭނާ އަކީ ޑަޔާނާގެ ރޯލް ކުޅެން ވަރަށް ފައްކާވާނެ ބަތަލާއަކަށްވާތީ ކަމަށެވެ. އަދި ކްރިސްޓިން އަކީ މިހާރުގެ ޖީލަށް ބަލާ އިރު، އެންމެ ހުނަރުވެރި އެއް ބަތަލާ ކަމަށް ބުންޏެވެ.

ނަމަވެސް ޑަޔާނާގެ ފިލްމުގެ ނަމާއި މަސައްކަތް ފަށާނެ އިރަކާއި އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.