21 ޖޫން 2020 - 07:45
އަލަތު ކައިވެނި ރޫޅުމަކީ ހަޔާތުގައި މިހާތަނަށް ނިންމުނު އެންމެ ގޯސް ނިންމުން ކަމަށް ހޮލީވުޑްގެ އެކްޓަރު ވިލް ސުމިތު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ބައްޕައިންގެ ދުވަހާ ގުޅުވައިގެން، މިހާރުގެ އަންހެނުން ޖެޑާ ޕިންކެޓް ސުމިތާ އެކު ކުރިއަށް ގެންދިޔަ ފޭސްބުކް ޝޯ "ރެޑް ޓޭބަލް ޓޯލް" ގައި 51 އަހަރުގެ އެކްޓަރު ބުނީ ވިސްނާލެވުނު ނަމަ އަލަތު ކައިވެނި ސަލާމަތްކުރެވުނީސް ކަމަށެވެ. ނަމަވެސް އޭރު ހެދުނު ގޯސްތަކުގެ ސަބަބުން ވަރިއާ ހަމަ އަށް ދިއުމަކީ ތަސައްފަރު ފުދޭ މީހެއްގެ ހައިސިއްޔަތުން ނަގަން ޖެހުނު އެންމެ ރަނގަޅު ނިންމުން ނޫން ކަމަށެވެ.
ސުމިތާއި ޝެރީ ޒަމްޕީނޯ 1992 ގައި ކުރި ކައިވެނި 1995 ގައި ރޫޅުނު އިރު، އެ ކައިވެންޏަށް ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އޭނާ އަށް މިހާރު 27 އަހަރެވެ.
ސުމިތާއި ޖޭޑާ ކައިވެނިކުރީ 1997 ގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ޖޭޑެން ސުމިތު، 21، އާއި ވިލޯ ސުމިތު، 19، އެވެ.
ސުމިތު ބުނިގޮތުގައި އަލަތު ކައިވެނި ރޫޅުނު ނަމަވެސް، ދަރިފުޅުގެ ކަންކަމުގައި ކުރީގެ އަންހެނުންނާ އޮންނަ ގުޅުން އެއްވެސް އިރެއްގައި ގޯހެއް ނޫނެވެ. އަދި އެ ދަރިފުޅާ އޮންނަ ގުޅުން ބަދަހިކުރުމާއި ބައްޕައެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާތަކަށް މިހާރުގެ އަންހެނުން ޖޭޑާ އަބަދު ވެސް އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދިޔަ ކަމަށް ބުންޏެވެ.
"ރެޑް ޓޭބަލް ޓޯކް" ގައި ޖޭޑާ ބުނިގޮތުގައި ފިރިހެނަކަށް ރަނގަޅު އަދި ނަމޫނާ ފިރިއަކަށްވެވޭނީ އެ މީހަކު ބައްޕައެއްގެ ގޮތުގައި ވެސް އަދާކުރާ ދައުރަކުންނެވެ. އެހެންވެ އަބަދު ވެސް ދަރިން ދެކެ ލޯބިވާ އަޅާލާ، ބައްޕައަކަށްވާން ސުމިތަށް ހިތްވަރުދޭ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
21 June 2020
ތިޔަވީ ވާންވީގޮތް. ދެވަނަކައިވެންޏެއް ކުރީމަނޫނީ ފުރަތަމަ ކައިވެނީގެ މޮޅުކަމާ ދެރަކަމުގެ ވާހަކަދައްކާކަށް ނޭނގޭނެ. ދެވަނަ ކައިވެންޏެއްކޮށް އެކައިވެނިކުރެވުނު އަންހެނާއަށް ފުރަތަމަ މީހާޔަށްވުރެ ފޮނިމީރުކަން ނުދެއްކުނީމާ ދެންކިޔޭނެ ފާޑު ހުންނާނެ. ގިނަކައިވެނި ނުކޮށް ތިވަރުންވެސް ފުއްދާލީތީ ޝުކުރިއްޔާ!