"ފުރަބަންދު" އަންނަ މަހުގެ 3 ގައި؛ ޓީޒާ ދައްކާލައިފި

ޕްރޮޑިއުސަަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ފިލްމު ކުންފުނި ދެކެދެކެވެސް ޕްރޮޑަކްޝަނުން ގެނެސްދޭ ޑްރާމާ ސިލްސިލާ "ފުރަބަންދު" އަންނަ މަހުގެ 3 ގައި ދައްކަން ފަށާ ގޮތަށް ނިންމައި، އޭގެ ޓީޒާއެއް ދައްކާލައިފި އެވެ.


އަލީ ސީޒަން މުހިއްމު ރޯލެއް ކުޅެ، ޑައިރެކްޓްކޮށްފައިވާ ފަސް އެޕިސޯޑްގެ ސިލްސިލާ ގެނެސްދޭނީ އައިސް ޓީވީންނެވެ. ސީޒަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "އަނދިރިކަން" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ލޯބިވެވިއްޖެ" އެވެ.

ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންގެ ސަބަބުން އާއިލާއެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ "ފުރަބަންދު" އަކީ 2016 ގައި ސީޒަން ކުޅެ، ޑައިރެކްޓްކުރި ފިލްމު "ވަފާތެރި ކެހިވެރިޔާ" އަށް ފަހު ގެނެސްދޭ ދެކެދެކެ ވެސް ގެ ފުރަތަމަ އުފެއްދުމެވެ.

މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ދާދި ފަހުން އަމްޖަދު އިބްރާހިމް ގެނެސްދިން ސިލްސިލާ "ހަނާ" ގެ ސްކްރީންޕްލޭ ވެސް ލިޔުނު އައިޝަތު ރިޒާނާ އެވެ. އޭނާ އަކީ ކެމެރާމަން އަލީ ރަޝީދު (ގޮޅާއައްޔަ) ގެ އަންހެނުންނެވެ.

"ފުރަބަންދު" ގެ މައިގަނޑު ކާސްޓުންނަކީ ސީޒަނާ އެކު ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އިއްބެގެ އިތުރުން ބައިސްކޯފުން ގެނެސްދިން "ތިން ބިބީ" ގައި މުހިއްމު ރޯލެއް ކުޅުނު އަދި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) އެވެ.

ބައިސްކޯފުން މިހާރު ސްޓްރީމްކުރަމުން އަންނަ "އެހެނަސް" ގެ ދެވަނަ ސީޒަންގެ ރޯލަކުން ވެސް ފެނިގެންދާނެ ޝިޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ކަޅަކި" އާއި އަހުމަދު ނިމާލުގެ "ހެހެސް" ހިމެނެ އެވެ.

"ފުރަބަންދު" ގެ ޓީމުން ބުނެފައވާ ގޮތުގައި މި ސިލްސިލާ އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ އެވެ.

މިފަދަ އުފެއްދުމެއް ދެކެދެކެ ވެސް އިން ގެނެސް މި ދެނީ ކޮވިޑާ ދިމާކޮށް ފިލްމީ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިލާފައިވާ ވަގުތެއްގަ އެވެ. އެހެންވެ މިއީ މި ދަނޑިވަޅުގައި މުހައްމާ ބެލުންތެރިންނަށް ގެނެސްދޭ ވަރަށް ހާއްސަ ހަދިޔާއަކަށްވާނެ އެވެ.