އެކްޓަރަކަށް ނުވި ނަމަ ޕްރޮފެޝަނަލް ކެރިއަރެއްގެ ގޮތުގައި އިހުތިޔާރުކުރާނީ ކެއްކުމާއި އެއާ ގުޅުން ހުރި މަސައްކަތެއް ކަމަށް ޒީޓީވީގެ ސިލްސިލާ "ކުންދަލީ ބަގިއާ" ގެ ބަތަލު ދީރަޖް ދޫޕަރް ބުނެފި އެވެ.

ލޮކްޑައުންގެ ތަޖުރިބާއާ ބެހޭ ގޮތުން މީޑިއާކަށް ދިން އިންޓަވިއުއެއްގައި 35 އަހަރުގެ އެކްޓަރު ބުނީ ކެއްކުމަށް އަބަދުވެސް ވަރަށް ލޯބިކުރާ ކަމަށެވެ. އެގޮތުން ލޮކްޑައުންގެ ތެރޭގައި އެންމެ ބޮޑަށް ލިބުނު ފުރުސަތަކީ އަމިއްލަ އަށް ކައްކައި، ކެއްކުމުގެ ހުނަރު ތަރައްގީކުރަން ވަގުތު ލިބުން ކަމަށް ބުންޏެވެ.

"އެހެންވެ މި ފަހަރު އަންހެނުންގެ އުފަން ދުވަހު ވެސް އަމިއްލަ އަށް ކައްކާފައި ކާން ދެވުނު. އެއީ ވަރަށް ބޮޑު އުފަލެއް. އެކަމަކު އެއީ މާ ބިޒީކޮށް އުޅެން ޖެހޭތީ ކުރިން ލިބިފައި ނެތް ފުރުސަތެއް،" ދީރަޖް ބުންޏެވެ.

އޭނާ ބުނީ ތަފާތު އެކި ބާވަތުގެ ތަކެތި ކެއްކުމަކީ އަބަދު ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކަމެއް ކަމަށެވެ. އެގޮތުން އެކި ކަހަލަ ފަރާޓާ ފިހުމަކީ ވަކިން ހާއްސަކޮށް ލޯބިކުރާ ކަމެއް ކަމަށް ބުންޏެވެ.

"އެކްޓަރަކަށް ނުވި ނަމަ އަހަރެން ވާނީ ކައްކާއަކަށް. ނޫނީ ރެސްޓޯރަންޓް ހިންގުން ކަހަލަ ކެއްކުމާ ގުޅުން ހުރި ވިޔަފާރިކުރާ މީހަކަށް،" ދީރަޖް ބުންޏެވެ. "ހާއްސަކޮށް އެކި ވައްތަރުގެ ފަރާޓާ އަށް ހާއްސަ ރެސްޓޯރަންޓެއް ހިންގާ މީހަކަށް."

މޮޑެލްއެއްގެ ގޮތުގައި ކެރިއަރު ފެށި ދީރަޖަކީ އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން މިހާރު އެންމެ މަޝްހޫރު އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެކަކެވެ. އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ބެހެނޭ" އާއި "ސަސުރާލް ސިމްރަން ކާ" އާއި "ކުޗް ތޯ ލޯގް ކަހޭގޭ" ހިމެނެ އެވެ.

ދީރަޖް ޒީޓީވީގެ "ސާރޭގާމާޕާ" އާއި ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ހޯސްޓް ވެސް ކޮށްފައިވެ އެވެ.