20 ޖުލައި 2020 - 07:21
ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން އާއި ތެލެގޫ އެކްޓަރު ޕްރަބާސް އެކީގައި ފިލްމަކަށް ގެންނަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިން އެކީގައި ސްކްރީނަށް ގެންނަން ކުރިމަތިވެފައި އޮތް ހުރަކީ ދީޕިކާ ފިލްމަށް ކިޔާ އަގު ބޮޑުވުމެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ދީޕިކާ ކިޔާ އަގާ މެދު ބަހުސްކުރުމެއް ނެތި، އޭނާ އަށް ފިލްމު ހުށަހެޅި ޓީމުން މިހާރު ވަނީ ކުރިއަށް ދާން ނިންމައިފަ އެވެ.
މި އަހަރުގެ ކުރީކޮޅު ބައެއް މީޑިއާތަކުން ވަނީ ދީޕިކާ ކިޔާ އަގުބޮޑުކަމުން އޭނާ ފިލްމަށް ނެގުމުގެ ހިޔާލު ދޫކޮށްލައި، ކިއާރާ އަދުވާނީ އަށް ފިލްމު ހުށަހެޅި ކަމަށް ވެސް ރިޕޯޓްކޮށްފަ އެވެ.
Beyond Thrilled!Cannot wait for what we believe is going to be an incredible journey ahead...❤️❤️❤️#DeepikaPrabhas@nagashwin7 @VyjayanthiFilms #Prabhas https://t.co/ckUu3vjadu
— Deepika Padukone (@deepikapadukone) July 19, 2020
ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމަކީ ތެލެގޫ ބަހުން ހަދައި، އެކަމަކު ހިންދީ އާއި ތަމަޅަ ބަހުން ޑަބްކޮށްގެން ގެނެސްދޭނެ ފިލްމެކެވެ. ސައިންސް ފިކްޝަން ޖޯންރާގެ މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު 2018 ގެ ތެލެގޫ ފިލްމު "މަހާނަތީ" ގެ ޑައިރެކްޓަރު ނަގް އަޝްވިން ޑައިރެކްޓްކުރާ ފިލްމެކެވެ. އެ ފިލްމުގެ ބަތަލާ ކީރްތީ ސުރޭޝް އަކީ އެންމެ ފަހުން ބޭއްވި ނެޝަނަލް އެވޯޑްސްގެ އެންމެ މޮޅު ބަތަލާ އެވެ.
ބޮޑު ބަޖެޓަކުން އަޝްވިންގެ އާ ފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައި އޮތް ފިލްމެކެވެ.
ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "83" އާއި "މަހާބާރަތު" އާއި "ދި އިންޓާން" އާއި އަދި ޑައިރެކްޓަރު ޝަކުން ބަޓްރާގެ ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.
މިދިޔަ އަހަރު ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރާ އެކު ޕްރަބާސް ކުޅުނު "ސާހޯ" އަށް ފަހު ދެން އެންމެ އަވަހަށް ސްކްރީނަށް އަންނަން އޮތް އޭނާގެ ފިލްމަކީ "ރާދޭ ޝާމް" އެވެ. އެ ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ.
ޕްރަބާސް އަކީ "ބާހްބަލީ" ގެ ދެ ފިލްމު ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy